އިންޑިއާގައި ނުތާހިރުކޮށް ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކޮށް ހަރުކަށި ފިޔަވަޅު އަޅަނީ
އިންޑިއާގައި ނުތާހިރުކޮށް އަދި ރައްކާތެރިކަމެއް ނެތި ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކޮށް، ގަވާއިދާ ހިލާފުވާ ވިޔަފާރިތަކާ ދެކޮޅަށް އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރުގެ މަގާމާ މޭ މަހު ހަވާލުވި އުމުރުން 51 އަހަރުގެ އޮފިސަރު ތުކާރާމް މުންދޭގެ ބެއްލެވުމުގެ ދަށުން ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ކާބޯތަކެތި ވިއްކާ ތަންތަން ކުއްލި ގޮތަކަށް ވަނީ ޗެކްކޮށްފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި މަގުބޫލު ބައިނަލްއަގުވާމީ ފާސްޓްފުޑް ޗެއިންތައް ކަމަށްވާ ޑޮމިނޯސްގެ ހަތަރު އައުޓްލެޓަކާއި ޕިއްޒާ ހަޓްގެ އައުޓްލެޓެއްގެ އިތުރުން މެކްޑޮނަލްޑްސްގެ އައުޓްލެޓެއްގެ ހުއްދަ ވެސް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން އިނގިރޭސި ޒަމާނުގެ މަޝްހޫރު ކްރިކެޓް ކްލަބަކާއި، 70 އަހަރުވީ އައިސްކްރީމް ޕާލާއެއް އަދި 110 އަހަރުވީ ޑެއިރީ ފިހާރައަކާއި ކޯޓުތަކުގެ ކެންޓީންތައް ވެސް ވަނީ އިންސްޕެކްޓްކޮށް ބަންދުކޮށްފައެވެ.
ކުއްލި އިންސްޕެކްޝަންތަކުގައި މީދަލާއި، ކަކުނި އަދި މުއްދަތު ހަމަވެ ކުނިވެފައިވާ ތަކެތި ފެނިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުވުމާ އެކު އާންމުންގެ ބޮޑު ތަރުހީބެއް މުންދޭއަށް ދަނީ ލިބެމުންނެވެ. އޭނާގެ މި ފިޔަވަޅުތަކުގެ ސަބަބުން މަގުމަތީގައި ކާބޯތަކެތި ވިއްކާ މީހުންނާއި ރެސްޓޯރެންޓްތަކުން ވެސް އަންނަނީ އަމިއްލައަށް އިސްނަގައިގެން ސާފުތާހިރުކަމުގެ މިންގަނޑުތައް ރަނގަޅުކުރަމުންނެވެ. އެގޮތުން މަގުމަތީގެ މަގުބޫލު ކާއެއްޗެއް ކަމަށްވާ 'ވަޑާ ޕާއު' ބަންދުކުރުމަށް ނޫސްކަރުދާސް ބޭނުންކުރުން މަނާކުރުމާއި، ކައްކާ ތެޔޮ ދުވާލަކު ތިން ފަހަރު ބަދަލުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރާ މީހުން އަންގިއާއި ބޯނިވާ އަޅައިގެން މަސައްކަތްކުރުން ފަދަ ބަދަލުތައް މިހާރު ވަނީ އާންމުވާން ފަށާފައެވެ.
Ads by BMLއިންޑިއާގައި 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޗެކްކުރާ 100،000 އަށް ވުރެ ގިނަ ކާބޯތަކެތީގެ ސާމްޕަލްތަކުގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތައަކީ ރައްކާތެރި ނޫން ނުވަތަ ފެންވަރު ދަށް ތަކެތި ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގައި 8،000 އަށް ވުރެ ގިނަ ކާބޯތަކެތީގެ ވިޔަފާރި ލައިސަންސް ވަނީ ބާތިލުކޮށްފައެވެ.
މި ހަރުކަށި އުސޫލުތަކާ ގުޅިގެން ބައެއް ވިޔަފާރިވެރިންގެ ފާޑުކިޔުން މުންދޭއަށް އަމާޒުވެފައިވާއިރު، އިސްލާހުވާން އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ހައިކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން ކޯޓުން ވަނީ އިސްލާހުވުމުން ވެސް ފިޔަވަޅު އަޅާފައި ބެހެއްޓި މައްސަލައެއްގައި އެ އިދާރާ 500,000 ރުޕީސް އިން ޖޫރިމަނާ ވެސް ކޮށްފައެވެ. ނަމަވެސް، މުންދޭ ވިދާޅުވަނީ ކޯޓުގެ ނިންމުންތަކަށް އިހުތިރާމްކުރާ ކަމަށާއި އެހެން ނަމަވެސް އާންމުންގެ ފުރާނައާ ގުޅިފައިވާ މިފަދަ ކަންކަމުގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށެވެ.
Ads by MACL
