ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގެ ކުޑަކުދިން ނެގި ގުޑިތަކަކާ ގުޅުވައި ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

ޣައްޒާގެ ކުޑަކުދިން ނެގި ގުޑިތަކަކާ ގުޅުވައި ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް، ޣައްޒާގެ ކުޑަކުދިން ނެގި ކާޣަޒު ގުޑިތަކެއްގެ މައްސަލައިގައި ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އާންމުން އަލުން ރަށްބޭރުކުރާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައިވަނީ ޣައްޒާގެ އިންގުޅޭ ސަރަހައްދުން އިސްރާއީލުގެ ނަހަލް އޯޒް ސެޓްލްމަންޓް ސަރަހައްދަށް ކާޣަޒާއި ޕްލާސްޓިކުން ހަދާފައިވާ މަދު ގުޑިތަކެއް ވައިގެ ތެރޭގައި އުނގުޅެމުން ގޮސް ވެއްޓުނު ހާދިސާއަކާ ގުޅިގެންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ގުޑިތަކުގައި އެއްވެސް ގޮވާތަކެއްޗެއް ނުވަތަ ނުރައްކާތެރި މާއްދާއެއް ނެތެވެ.

އިސްރާއީލުގެ އަސްކަރީ އިސްވެރިންނާއެކު ބޭއްވި ސެކިއުރިޓީ ބައްދަލުވުމެއްގައި ނަތަންޔާހޫ އާއި ކާޓްޒް ވަނީ ގުޑި ނެގުމަކީ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ކާޓްޒް ވިދާޅުވީ ގުޑިއާއި ބެލޫންތައްވެސް ބަލާނީ ޑްރޯން ހަމަލާތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެފަދަ ތަކެތި އުފައްދައި ނެގުމުގައި ބައިވެރިވާ އެންމެންނާ ދެކޮޅަށް ވަގުތުން ވަރުގަދަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާއިން ގުޑިއާއި ބެލޫން ފޮނުވުން ވަގުތުން ހުއްޓާނުލައިފިނަމަ އަސްކަރީ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ. މީގެއިތުރުން އެފަދަ ތަކެތި ފޮނުވާ ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ އާންމުން އެ ސަރަހައްދުތަކުން ނެރެ މީހުން ހުސްކުރާނެ ކަމުގެ އިންޒާރުވެސް އިސްރާއީލުން ވަނީ ދީފައެވެ.

މި އިންޒާރުތަކާއެކު އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު ތިން މީހުން ވަނީ ޝަހީދުވެފައެވެ. އަޒްޒަވާޔިދާ ސަރަހައްދަށް ދިން ހަމަލާއެއްގައި ޢުމުރުން އެންމެ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ތާހާ ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ މަސްއޫލުވެރިންނާއި ސިޔާސީ މުހައްލިލުން ބުނާ ގޮތުގައި އިސްރާއީލުން ކުޑަކުދިންގެ ކުޅޭ ގުޑިތަކެއް ނުރައްކަލަކަށް ހަދައިގެން ދައްކަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް ބަހަނާއެއް ހޯދުމުގެ ގޮތުންނެވެ. އިސްރާއީލުގައި ކުރިއަށްއޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ ފައިދާ ހޯދުމަށް ނަތަންޔާހޫގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.