ބަޙްރައިނުން ނެރުނު އެމެރިކާ ނޭވީގެ އާއިލާތައް ޙާލުގައި ޖެހިފައިވާތާ 6 މަސް
އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ފެށުމާއެކު ކުއްލި ގޮތަކަށް ބަޙްރައިނުން ބޭރުކުރި އެމެރިކާގެ ނޭވީ އާއިލާތަކަށް 6 މަސް ވެގެންދިޔައިރު ވެސް ދާނެ ވަކި މަންޒިލެއް ނޭނގި، ދިރިއުޅުމުގެ ޔަޤީންކަމެއް ނެތް ޙާލަތެއްގައި ތިބެން ޖެހިއްޖެއެވެ.
ވާޗުއަލްކޮށް ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގައި 580 އެއްހާ މީހުން ބައިވެރިވެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރި ނަމަވެސް، ނޭވީގެ އޮފިޝަލުންގެ ފަރާތުން އެކަށީގެންވާ ޖަވާބުތަކެއް ލިބިފައި ނުވާކަމަށް އެ އާއިލާތަކުން ބުނެއެވެ. ނޭވީގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ހުންނަ ބަޙްރައިނުން ކުއްލި ގޮތަކަށް ނުކުންނަން ޖެހުނު 1،300 އެއްހާ އާއިލީ މެންބަރުން އަދިވެސް ދިރިއުޅެމުންދަނީ އެމެރިކާގެ އެކި ހިސާބުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ހޮޓާތަކާއި ވަގުތީ ކުލީ ތަންތަނުގައެވެ.
ފިފްތު ފްލީޓްގެ އިސްވެރިޔާ ވައިސް އެޑްމިރަލް ކާޓް ރެންޝޯ ވިދާޅުވީ، ކުއްލި ހާލަތުގައި މީހުން ބޭރުކުރަން ޖެހުމުން ކުރިމަތިވި ތަކުލީފުތައް ބަލައިގަންނަ ކަމަށާއި މިހާ ދިގު މުއްދަތަކަށް ކަންކަން ދެމިގެންދާނެ ކަމަށް ކުރިން ވިސްނާފައި ނުވާތީ ހައްލުތައް ހޯދަމުން ދަނީ ވަގުތުން ވަގުތަށް ކަމަށެވެ. މާޗު 2 ވަނަ ދުވަހު އާއިލާތައް ބޭރުކުރަން އެންގިއިރު ބެލެވުނީ 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިން އިރު ހިނގި 12 ދުވަހުގެ ހަނގުރާމައެކޭ އެއްގޮތަށް މިކަން ވެސް ކުރު މުއްދަތަކަށް ނިމޭނެ ކަމަށެވެ. ނަމަވެސް މި ހަނގުރާމަ ދިގުލައިގެން ގޮސް ބޮޑު ގޮންޖެހުމަކަށް ބަދަލުވެފައިވާއިރު، އަލުން ބަޙްރައިނަށް ދެވިދާނެ ކަމުގެ އުންމީދުގައި ބައެއް އުނދަގޫ ނިންމުންތައް ނިންމުން ލަސްކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމި ހާލަތުގެ ސަބަބުން ކުޑަ ދެ ކުދިން ގޮވައިގެން އުޅޭ އަނބިމީހަކު ކިޔައިދިން ގޮތުގައި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ 8 ފަހަރަށް ދިރިއުޅޭ ތަން ބަދަލުކުރަން ޖެހިފައެވެ. ފުރަތަމަ ޔޫރަޕަށް އަދި ފަހުން އެމެރިކާގެ އެކި ސްޓޭޓްތަކަށް ބަދަލުވާން ޖެހުނުއިރު، އޭނާގެ ފިރިމީހާ އަދިވެސް ހުރީ ބަޙްރައިނުގައެވެ. އަދި އާ ސްކޫލް އަހަރު ފެށެން ކައިރިވެފައިވާއިރު އެއް ތަނެއްގައި ދިރިއުޅެވޭތޯ އަމިއްލަ ޖީބުން ބޮޑެތި ޚަރަދުތައް ކުރަން ޖެހިފައިވާ ކަމަށާއި، މިލިޓަރީގެ އެއްވެސް އެހީތެރިކަމެއް ނެތް ސަރަޙައްދެއްގައި އެކަނިވެރިކަމާއެކު ވަރުބަލިކަން އިހުސާސްކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އަންގާރަ ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން އަންގާފައިވާ ކުއްލި ބޭރުވުމުގެ އަމުރުގެ މުއްދަތު ހަމަވާނެއެވެ. ޤަވާއިދު ބުނާގޮތުން މިފަދަ އަމުރެއް 180 ދުވަހަށް ވުރެ އިތުރަށް ދަމަހައްޓައެއް ނުލެވޭނެއެވެ. ނޭވީން މިހާރު އާއިލާތަކަށް އިލްތިމާސްކުރަނީ ދާއިމީ ތަނެއް ޚިޔާރުކުރުމަށާއި އެއަށްފަހު އެހެން މިލިޓަރީ އާއިލާތަކެކޭ އެއްފަދައިން ހައުސިން އެލަވަންސް ދިނުމަށެވެ. ނަމަވެސް، ގިނަ އާއިލާތަކުގެ ތަކެތި އަދިވެސް ބަޙްރައިނުން ގެނެވިފައި ނުވުމާއި، އާ ކާރާއި އަންނައުނު ގަންނަން ޖެހުމުގެ ސަބަބުން އަމިއްލަ ޖީބުން ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް އިތުރުވެފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އާންމުކޮށް ނޭވީގެ ޑިއުޓީ 2 ނުވަތަ 3 އަހަރަށް ދެމިގެން ދިޔަނަމަވެސް، ބައެއް މަދަނީ މުވައްޒަފުން ބަޙްރައިނުގައި ދިރިއުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ އިތުރުން އެމެރިކާގެ ވިސާ ނެތް އާއިލީ މެންބަރުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި ނޭވީއަށް ސާފުކޮށްދެވިފައެއް ނުވެއެވެ. އަދި ކާރު ކުއްޔަށް ނެގުމަށް ދޭ އެލަވަންސް ފަދަ އުސޫލުތައް 1990 ގެ އަހަރުތަކަށް ފަހު ބަދަލުކޮށްފައި ނުވާކަން ވެސް އޮފިޝަލުން ފާހަގަކުރެއެވެ.
ބަޙްރައިނުގައި ހުންނަ ނޭވަލް ސަޕޯޓް އެކްޓިވިޓީއަކީ އެމެރިކާ ނޭވީގެ މައި ސަޕްލައި މަރުކަޒު ކަމުގައި ވިޔަސް، ކަނޑުއޮޅީގެ އަނެއް ފަރާތުގައި އޮތް އީރާނުގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށްޓަކައި އެއާކްރާފްޓް ކެރިއަރުތަކާއި ސަޕްލައި މަނަވަރުތަކަށް މިހާރު އެ ބޭސް ބޭނުމެއް ނުކުރެވެއެވެ. ކުރީގެ މެރިން ކާނަލް އަދި މިލިޓަރީ އެނަލިސްޓް މާކް ކެންސިއަން ވިދާޅުވީ، ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން އާއިލާތަކަށް ދެން އަވަހަކަށް ބަޙްރައިނަށް ނުދެވޭނެ ކަމަށާއި މެދުއިރުމަތީގައި އެމެރިކާގެ ބޭސްތައް ހިންގާ އުސޫލަށް ދާއިމީ ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އަދި އެމެރިކާގެ ދެ އެއާކްރާފްޓް ކެރިއަރު ބޭނުންކޮށްގެން ހިންގާ ކަނޑުގެ ބްލޮކޭޑާއެކު، ދެފަރާތުން ވެސް ދޫނުދޭތީ މި ހަނގުރާމަ ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބަށް ވުރެ ދިގުލައިގެން ދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
