ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

ދީޕިކާ "ބްރަހްމާސްތުރާ 2" އިން ނުފެންނާނެކަން ކަށަވަރުކޮށްދީފި

މަޝްހޫރު ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން ---
މަޝްހޫރު ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން ---

ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ބްރަހްމާސްތުރާ 2" އިން މަޝްހޫރު ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން ނުފެންނާނެ ކަމަށް އޭނާގެ ތަރުޖަމާނު ހާމަކޮށްފިއެވެ. މި ފިލްމުގެ މުހިންމު ރޯލަކުން ދީޕިކާ ފެންނާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ތަރުޖަމާނު ވަނީ މުޅިން ދޮގުކޮށްފައެވެ.

ދީޕިކާގެ ތަރުޖަމާނު އެންޑީޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދީޕިކާ "ބްރަހްމާސްތުރާ 2" ގެ ބައެއްގެ ގޮތުގައި ހިމެނޭ ކަމަށް ނުވަތަ އެ ޕްރޮޖެކްޓާ އެއްވެސް ސިފައެއްގައި ގުޅުން ހުރި ކަމަށް ބުނެ ފަހަކަށް އައިސް ފެތުރިފައިވާ ހުރިހާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މީގެ ކުރިން ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެސްޓްރާވާސްގެ ދެވަނަ ބައިގައި އަމްރުތާގެ ކެރެކްޓާއަށް ދީޕިކާ ހަމަޖެއްސުމަށް އަޔާން އާއި އޭނާގެ ޓީމުން ދިޔައީ ވަރަށް ބޮޑަށް ބޭނުންވަމުންނެވެ. ނަމަވެސް ދީޕިކާގެ ޓީމުން މިހާރު ވަނީ މި ޕްރޮޖެކްޓާ ދީޕިކާއާ އެއްވެސް ގުޅުމެއް ނެތްކަން ސާފުކޮށްދީފައެވެ.

މި ފިލްމުގެ ދެވަނަ ބައިގައި ވެސް ޝިވާގެ ރޯލުން ފެންނާނީ ރަންބީރު ކަޕޫރު ކަމަށް ބެލެވެއެވެ. ރަންބީރު މިހާރު މަސައްކަތް ކުރަމުންދާ ނިތޭޝް ތިވާރީގެ "ރާމާޔަނާ ޕާޓް 2" ގެ ޝޫޓިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

އެއަށްފަހު، ކުރު ތައްޔާރީތަކަކަށް ފަހު 2027 ވަނަ އަހަރުގެ ތެރޭގައި ރަންބީރު "ބްރަހްމާސްތުރާ 2" ގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިމިދިޔަ 2022 ވަނަ އަހަރު ރިލީޒްކުރި "ބްރަހްމާސްތުރާ: ޕާޓް ވަން – ޝިވާ" ގައި ރަންބީރު ފެނިގެންދިޔައީ ބާރުގަދަ އަސްތުރާތަކާ އޭނާއާ ދެމެދު އޮތް ގުޅުން ހޯދައިގަންނަ ޒުވާނެއް ކަމަށްވާ ޝިވާގެ ރޯލުންނެވެ.

މި ފިލްމުގައި އާލިއާ ބަޓް އިޝާގެ ރޯލު އަދާކުރިއިރު، އަމީތާބް ބައްޗަން އަދި ނާގަރްޖުނާ ވެސް ވަނީ މުހިންމު ރޯލުތަކެއް ކުޅެފައެވެ. ފުރަތަމަ ބައި ނިމިގެން ދިޔައީ ދޭވްގެ ކެރެކްޓާއާ ގުޅޭ ގޮތުން އުފެދުނު ސިއްރުތަކާ އެކު، ދެވަނަ ބަޔަކަށް ވާހަކަ މަގުފަހިކޮށްދެމުންނެވެ.

މި ފިލްމަކީ އަޔާން މުކަރްޖީ ރާވާފައިވާ އެސްޓްރާވާސްގެ ފެށުން ކަމަށްވާއިރު، މިއީ ފަހަކަށް އައިސް އިންޑިއާގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އަދި އެންމެ ގިނަ ބަޔަކު ވާހަކަދެއްކި އެއް ފެންޓަސީ ފިލްމެވެ.

މުނިފޫހިފިލުވުން

އިތުރަށް ←