ޑޮން 3 އިން ވަކިވި މައްސަލައިގައި 45 ކްރޯޑް ދޭން ރަންވީރު ދެކޮޅުހަދައި ކޯޓަށް ދާނެކަމުގެ އިންޒާރު ދީފި
ބޮލީވުޑްގެ މަޝްހޫރު ފިލްމު "ޑޮން 3" އިން އެކްޓަރު ރަންވީރު ސިންގް ވަކިވި މައްސަލަ މިހާރު ވަނީ ގާނޫނީ ބޮޑު ކޯޅުމަކަށް ބަދަލުވެފައެވެ. ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީ ވަނީ، އެންމެ ފަހު ވަގުތު ރަންވީރު ފިލްމު ދޫކޮށްލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 45 ކްރޯޑް ރުޕީސް ހޯދުމަށް އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަން (އިމްޕާ) އަށް މައްސަލަ ހުށަހަޅާފައެވެ.
މި ޝަކުވާއާ ގުޅިގެން އިމްޕާއިން ބައްދަލުވުމެއް ބޭއްވުމަށް ރޭވި ނަމަވެސް، ރަންވީރުގެ ބައްޕަ އަދި މަންދޫބު ޖަގްޖީތު ސިންގް ބަވްނާނީ އޮގަސްޓް 18 ގައި އެ ޖަމިއްޔާއާ ބައްދަލުކުރުމާއެކު މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
ރަންވީރުގެ ގާނޫނީ ޓީމުން ވަނީ ޕްރޮޑިއުސަރުން އެދޭ ފައިސާގެ ބަދަލު ދިނުމަށް އިންކާރުކޮށް، މި މައްސަލަ ބެލުމުގެ އެއްވެސް އިހުތިސާސެއް ނުވަތަ ބާރެއް އިމްޕާއަށް ލިބިގެން ނުވާ ކަމަށް ބުނެ ސުވާލު އުފައްދާފައެވެ. ގާނޫނީ ޓީމުން އިމްޕާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ އެކްސެލް އެންޓަޓެއިންމަންޓާއެކު ރަސްމީ އެއްބަސްވުމެއް ނެތް ކަމަށާއި އޮތީ ހަމައެކަނި ފަހުމުނާމާއެއް (އެމްއޯޔޫއެއް) ކަމަށެވެ. އަދި މި މައްސަލައަކީ އިމްޕާގެ ދާއިރާއިން ބޭރު ކަމަކަށް ވާތީ އެ ޝަކުވާ ބޭރުކޮށްލުމަށާއި، މިކަމުގައި ގޮތެއް ނިންމޭނީ ހަމައެކަނި ކޯޓަކަށް ކަމަށް ވެސް ރަންވީރުގެ ފަރާތުން ބުނެފައިވެއެވެ.
Ads by BMLރަންވީރުގެ ފަރާތުން ފޮނުވި ސިޓީއާ ގުޅިގެން އިމްޕާއިން ވަނީ އޮގަސްޓް 14 ގައި ބާއްވަން އޮތް ބައްދަލުވުން ފަސްކޮށްފައެވެ. އަދި ރަންވީރުގެ ބައްޕަ ބައްދަލުވުމަށް ދިއުމުން އަންގާފައިވަނީ ބައްދަލުވުން ފަސްކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން ރަންވީރުގެ ގާނޫނީ ޓީމުން ފޮނުވި އިތުރު ސިޓީއެއްގައި ބުނެފައިވަނީ، އެކްސެލް އެންޓަޓެއިންމަންޓަށް އެއްވެސް ޝަކުވާއެއް ކުރުމުގެ އަސާސެއް ނެތް ކަމަށާއި، ފަރްހާން އަދި ރިތޭޝް ބޭނުންނަމަ އެ މައްސަލަ ކޯޓަށް ގެންދެވިދާނެ ކަމަށެވެ. މީގެއިތުރުން އިމްޕާއިން މިކަމުގައި އެއްވެސް ނިންމުމެއް ނިންމައިފިނަމަ ރަންވީރުގެ ފަރާތުން ޝަރުއީ ކޯޓަށް ދާނެ ކަމަށް ވެސް ވަނީ އިންޒާރު ދީފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފިލްމު ދޫކޮށްލުމުގެ ސަބަބުން ރަންވީރާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އިމްޕާގެ ބައެއް މެންބަރުން ދެކެއެވެ.
އިމްޕާގެ ރައީސް އަބޭ ސިންހާ ވިދާޅުވީ އޮގަސްޓް 18 ގައި ބޭއްވި ދެވަނަ ބައްދަލުވުމުގައި ދެފަރާތުން ވެސް އެމީހުންގެ ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިހާރު އިމްޕާގެ ގާނޫނީ ޓީމުން ދެފަރާތުގެ ނުކުތާތައް ބަލައި ދިރާސާކުރަމުންދާ ކަމަށާއި، ދެން އަޅާނެ ފިޔަވަޅެއް ނިންމާނީ މައްސަލަ ފުރިހަމައަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑޮން 3" ގެ ޝޫޓިން ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އަދި މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން އެކްސެލް އެންޓަޓެއިންމަންޓުން ޚަރަދުކޮށްގެން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރަންވީރަށް ވަނީ އަސާސީ އެކްޝަން އަދި ސްޓަންޓް ތަމްރީނުތަކެއް ވެސް ދީފައެވެ.
ނަމަވެސް 2025 ގެ ޑިސެމްބަރު މަހު، ރަންވީރު ކުޅުނު ފިލްމު "ދުރަންދަރު" ގެ ކާމިޔާބީއަށްފަހު އޭނާ ވަނީ "ޑޮން 3" ދޫކޮށްލަން ބޭނުންވާކަން ޕްރޮޑިއުސަރުންނަށް އަންގާފައެވެ. ރަންވީރު ވަކިވުމުގެ ސަބަބުން ފިލްމުގެ ޓީމުން ރާއްޖެއިން ބޭރުގެ ލޮކޭޝަންތައް ހޯދުމަށާއި، ކްރޫ ހަމަޖެއްސުމަށާއި، ތަމްރީނުތަކަށާއި، ކޮސްޓިއުމާއި ދަތުރުފަތުރު އަދި ސެޓުތަކަށް ކޮށްފައިވާ ބޮޑެތި ޚަރަދުތައް ބޭކާރުވެ ގެއްލުން ލިބުނު ކަމަށް ބުނެ ޕްރޮޑިއުސަރުން ވަނީ 45 ކްރޯޑް ރުޕީސް ހޯދަން އެދިފައެވެ.
"ދުރަންދަރު" އަށް ފަހު ރަންވީރު ސިންގް ދެން ފެނިގެންދާނީ ހަންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓްކުރާ ޒޮމްބީ ތުރިލާ "ޕްރަލޭ" އިންނެވެ. މި ފިލްމުގެ ޝޫޓިން ރަންވީރު މިހާރު ފަށާފައިވާއިރު، މި ފިލްމުގައި އޭނާއާއެކު ބަތަލާ ކަލްޔާނީ ޕްރިޔަދަރްޝަން ފެނިގެންދާނެއެވެ.
Ads by MACL
