ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބައްޕަގެ 50 ލައްކަ ރުޕީސް ވަގަށް ނަގައި ލޯބިވެރިޔާއަށް ޚަރަދުކުރި ޒުވާނަކު ހައްޔަރުކޮށްފި

ހައްޔަރުކުރި ޒުވާނާއާއި އޭނާގެ ލޯބިވެރިޔާ ---- ފޮޓޯ: އެންޑީޓީވީ
ހައްޔަރުކުރި ޒުވާނާއާއި އޭނާގެ ލޯބިވެރިޔާ ---- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ އަސާމް ސްޓޭޓުގައި ބައްޕަގެ ތިޖޫރި ފަޅައި، 50 ލައްކަ ރުޕީސްގެ ފައިސާއާއި އަގުބޮޑު ގަހަނާތަކެއް ވަގަށް ނެގި 25 އަހަރުގެ ޒުވާނަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޖޯރްހާތަށް ނިސްބަތްވާ ޔަޝް ދަނޫކާ އަގަރްވާލް ކިޔާ ޒުވާނެކެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ މި ފައިސާގެ ބޮޑުބައެއް ޚަރަދުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއަށެވެ.

ފުލުހުން ބުނި ގޮތުގައި މި ވައްކަން ހިންގާފައިވަނީ އޮގަސްޓް 11 ވަނަ ދުވަހު އާއިލާގެ އެންމެން ގޭގައި ނޫޅޭ ވަގުތެއްގައެވެ. އެގޮތުން ޔަޝްގެ ބައްޕަގެ ކޮޓަރީގައި ހުރި ތިޖޫރި ފަޅާލައި، އޭގައި ހުރި ނަގުދު ފައިސާއާއި ރަން ގަހަނާތައް ވަނީ ވަގަށް ނަގާފައެވެ. އެ ފައިސާއަކީ ވިޔަފާރީގެ އެކި ބޭނުންތަކަށް ގޭގައި ބަހައްޓާފައި ހުރި ފައިސާ ކަމަށާއި، އާއިލީ ވިޔަފާރީގައި އުޅޭ ޔަޝްއަށް އެ ފައިސާ ހުރިކަން އެނގޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ސައިބާ ސެކިއުރިޓީ ސެލްގެ އެހީތެރިކަމާއެކު ބެލިބެލުމުން، މިއީ ގޭތެރެއިން ހިންގި ވައްކަމެއް ކަމަށް ފުލުހުންނަށް ޝައްކުކުރެވުނެވެ. ވައްކަމަށްފަހު ޔަޝް ފިލައިގެން ގުޖުރާތުގެ އަހުމަދާބާދަށް ގޮސްފައިވަނިކޮށް، އޭނާގެ ފޯނު ޓްރޭސްކޮށްގެން ހޯދީ ފުލުހުންނެވެ. އޭގެ ފަހުން އޭނާގެ ބައްޕަ އަހުމަދާބާދަށް ގޮސް، ޔަޝް އަނބުރާ ޖޯރްހާތަށް ގެނެސް ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ޔަޝް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ޖޯރްހާތު ސަދަރު ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް ރިޝިކޭޝް ހަޒާރިކާ ވިދާޅުވިއެވެ.

މީޑިއާތަކާ ވާހަކަދައްކަމުން ޔަޝް ބުނެފައިވަނީ، މި ވައްކަން ރޭވީ އޭނާގެ ރަހުމަތްތެރިން ކަމަށްވާ ޖީތޫ ސޯމާނީ އަދި ރޯހިތު ޕްރަސާދު ކިޔާ ދެމީހުންގެ މަޝްވަރާއާއި ބާރުއެޅުމުގެ ދަށުން ކަމަށެވެ. އަދި ތަޅު ހަލާކުކޮށްލުމަށް ތަޅު ހަދާ މީހެއްގެ އެހީތެރިކަން ހޯދި ކަމަށާއި، އޭނާގެ ލޯބިވެރިޔާ ޕުބާލީ ދައްތާއާއެކު ޕާޓީކޮށް އޭނާއަށް އެކަނިވެސް 5 ލައްކަ ރުޕީސް ޚަރަދުކުރި ކަމަށް ބުނެފައިވެއެވެ. ޔަޝް ވަނީ މިކަމާ މެދު ހިތާމަކުރާ ކަމަށާއި އޭނާއަށް މަގުއޮޅުވާލީ ޖީތޫ ކަމަށް ބުނެފައެވެ.

ތަހުގީގު ޓީމުން ބުނާ ގޮތުގައި ޔަޝް ވަނީ އޭނާގެ ލޯބިވެރިޔާއަށް 1.5 ލައްކަ ރުޕީސްގެ އައިފޯނެއް ގަނެދީ، ނަގުދު ފައިސާ ދިނުމުގެ އިތުރުން އަގުބޮޑު ހޮޓާތަކާއި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. މި މައްސަލައިގައި ލޯބިވެރިޔާގެ މައްޗަށް އަދި ދައުވާއެއް އުފުލާފައި ނުވި ނަމަވެސް، އޭނާއާ ސުވާލުކުރުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

މި މައްސަލައިގެ އެފްއައިއާރުގައި ނަން ހިމަނާފައިވާ ޔަޝްގެ ދެ ރަހުމަތްތެރިން ކަމަށްވާ ޖިތެންދްރަ ސޯމާނީ އަދި ރޯހިތު ޕްރަސާދު ވަނީ ފިލާފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ވަގަށް ނެގި ރަން ގަހަނާތައް ވިއްކާލުމުގައި މި ދެމީހުން ވަނީ ބައިވެރިވެފައެވެ.

މި މައްސަލަ ބާރަތިޔާ ނިޔާޔާ ސަންހިތާގެ ކަމާބެހޭ މާއްދާތަކުގެ ދަށުން ރަޖިސްޓްރީކޮށް، ފިލައިގެން އުޅޭ ދެމީހުން ހޯދުމަށާއި ވަގަށް ނެގި ފައިސާއާއި ރަން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.