އިސްރާއީލުން ފަލަސްތީނުގެ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ހިފައިފި
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އިރުމަތީ ގުދުސްގައި ހުންނަ އަންރަވާގެ ކަލަންދިޔާ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރަށް ބާރުގެ ބޭނުންކޮށްގެން ވަދެގަނެ އެ ތަން ހިފުމާ ގުޅިގެން ލިބޭނެ ފުރާނައަށް ނުރައްކާވާ ފަދަ ނޭދެވޭ ގެއްލުންތަކާމެދު އެޖެންސީން ކުށްވެރިކޮށްފިއެވެ.
އެ އެޖެންސީގެ މީޑިއާ އެޑްވައިޒަރު އަދުނާން އަބޫ ހަސްނާ ޤުދުސް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކަލަންދިޔާ ސެންޓަރަކީ އެހެން ތަނަކުން ބަދަލު ކުރެވޭނެ ތަނެއް ނޫން ކަމަށާއި، އެ ތަން ރައްކާތެރިކޮށް ހިދުމަތްތައް މެދުކެނޑުމެއްނެތް ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ވަގުތަށް މެދުވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިއީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ މުއައްސަސާއަކަށް ހުއްދައެއް ނެތި ހަތިޔާރުއެޅި ބާރުތަކުން ވަދެގަތުން ކުށްވެރިކޮށް ދެއްކެވި ވާހަކަފުޅެކެވެ.
އިރުމަތީ ގުދުސްގައި އޮންނަ މި ކޮމްޕައުންޑަށް އިސްރާއީލުގެ 50 އަށްވުރެ ގިނަ ސިފައިންނާއި 4 އަސްކަރީ ވެހިކަލް ވަދެގަތީ އަންރަވާގެ 20 މުވައްޒަފުން އެ ތަނުގެ ތެރޭގައި ތިއްބައެވެ. އިސްރާއީލުގެ އޮފިޝަލުން ވަނީ އެ ތަން ހިފާފައިވާކަން ފުޅާ ދާއިރާއެއްގައި އާންމުކޮށް އިއުލާނުކޮށްފައެވެ.
Ads by BMLއަބޫ ހަސްނާ ފާހަގަކުރެއްވި ގޮތުގައި ކަލަންދިޔާ ސެންޓަރަކީ ހަމައެކަނި އިމާރާތެއް ނޫނެވެ. މިއީ 7 ދަހަރަށްވުރެ ދިގު މުއްދަތެއްގައި ފަލަސްތީނުގެ ރެފިއުޖީންނަށް ހިދުމަތް ކުރަމުންދާ އަންރަވާގެ އެންމެ ދުވަސްވީ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ. މި ސެންޓަރުން ހާސްކުރަނީ ފަލަސްތީނު ރެފިއުޖީން ދަސްވެނިވެ، ކައިރި ގައުމުތަކާއި ސަރަހައްދީ މަސައްކަތުގެ މާހައުލުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
މިހާރުވެސް ހުޅަނގު ކަރައިގެ ރެފިއުޖީ ކޭމްޕުތަކުން އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ 330 ކުދިން އެ ތަނުގައި ތައުލީމު ހާސިލުކުރަމުންދެއެވެ. މި ކުދިންނަށް ފަންނީ ހުނަރުތަކާއި އުއްމީދީ މުސްތަގުބަލެއް ހޯދައިދިނުމުގެ އިތުރުން ފަންނީ ތައުލީމު އުނގެނުމުގެ އެހެން އެއްވެސް ފުރުސަތެއް އެ ކުދިންނަށް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްރާއީލުން މި ތަނަށް ދިން ހަމަލާއާއި، ޝުއަފާތު ރެފިއުޖީ ކޭމްޕުގައި ހުންނަ 3 ސުކޫލާއި 2 ކްލިނިކާއި، އަދި ޝެއިޚް ޖައްރާގައި ހުންނަ އަންރަވާގެ ހެޑްކުއާޓަރަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަބޫ ހަސްނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އެއީ އިންސާނިއްޔަތުކަމެއް ނެތް، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަންރަވާއިން 1950 ގެ އަހަރުތަކުން ފެށިގެން ހިދުމަތް ދެމުންދަނީ އުރުދުންގެ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އިސްރާއީލުން ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފަލަސްތީނުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ތައުލީމީ ހައްގު ނިގުޅައިގަތުން ކަމުގައިވެސް އޭނާ ސިފަކުރެއްވިއެވެ.
އަންރަވާއިން އަދިވެސް ހުޅަނގު ކަރައިގެ 90 ސުކޫލެއްގައި ތައުލީމީ ހިދުމަތްދީ، 50 ސިއްހީ މަރުކަޒެއް މެދުވެރިކޮށް 270,000 އަށްވުރެ ގިނަ ފަލަސްތީނީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. އެޖެންސީން އަދިވެސް 18 ރެފިއުޖީ ކޭމްޕެއްގައި ހިދުމަތް ދެމުންގެންދާނެ ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއެކު މި މުހިންމު ސެންޓަރު ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށް އަބޫ ހަސްނާ ވިދާޅުވިއެވެ.
Ads by MACL
