ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނޭޕާލުގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ގެއްލިއްޖެ؛ ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ 300 އެއްހާ މީހުން

ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ---
ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ---

ނޭޕާލަށް ބޯކޮށް ވާރޭވެހި ކުއްލިއަކަށް އައި ފެންބޮޑުވުމުގެ ކާރިސާގައި 160 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ހާމަކުރައްވައިފިއެވެ.

ކަތުމަންޑޫގައި ބޭއްވި އެންޑީޓީވީ ވޯލްޑް އަންވިކްޝާ ސަމިޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަސުވާ ސަރަޙައްދުގައި ހިނގި މި ހިތާމަވެރި ހާދިސާގައި މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެތައް އަވަށެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި، އެތައް ހާސް އާއިލާއެއްގެ ގެދޮރު ގެއްލި ވީނުވީއެއް ނޭނގިފައިވާ ކަމަށެވެ.

ގެއްލުނު މީހުންގެ ތެރޭގައި މަންސަރޯވަރު ޔާތުރާގައި ބައިވެރިވި އިންޑިއާގެ 300 އެއްހާ ރައްޔިތުން ހިމެނޭއިރު، ޖުމްލަ 500 އެއްހާ ބޭރުގެ ރައްޔިތުންނާ ގުޅުން ކެނޑިފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ނޭޕާލް ސަރުކާރުން އަންނަނީ ކަމާބެހޭ ޤައުމުތަކުގެ އެމްބަސީތަކާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށާއި، ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

މިއީ ފަހަކަށް އައިސް އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާ ކަމަށް ފާހަގަކުރައްވައި، އިންޑިއާއިން ފޯރުކޮށްދިން އަވަސް އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މީހުން ސަލާމަތްކުރުމާއި ވަގުތީ އެހީ ފޯރުކޮށްދިނުމަށް ކަމަށްވާއިރު، ނޭޕާލް އަލުން އާރާސްތުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް އެ ޤައުމުން ވަނީ އެދިފައެވެ.

ފެންބޮޑުވުމުގެ އަސަރު ނުކުރާ ޕޮކްރާ އަދި މައުންޓް އެވަރެސްޓް ސަރަޙައްދު ފަދަ ޓޫރިސްޓް މަންޒިލްތައް އަދިވެސް އޮތީ ރައްކާތެރިކަމާއެކު ހުޅުވިފައި ކަމަށާއި، ފަތުރުވެރިން އެ ޤައުމަށް ޒިޔާރަތްކުރުމަކީ އިޤްތިޞާދު ކޮޅަށް ޖެހުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމުން އަރައިގަތް ފަދައިން، މި ކާރިސާއިން ވެސް އަރައިގަނެ ނޭޕާލް އަލުން އާރާސްތުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.