އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯނާއެކު އައު އުފެއްދުންތައް ސެޕްޓެމްބަރު 9 ގައި ދައްކާލަނީ
އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައު އުފެއްދުންތައް ދައްކާލުމަށް ބާއްވާ ޚާއްޞަ އިވެންޓް އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ސްޓީވް ޖޮބްސް ތިއޭޓަރުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ އެޕަލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކުކް ވަކިވެވަޑައިގަތުމަށްފަހު، ސެޕްޓެމްބަރު 1 ގައި އެ މަގާމާ ހަވާލުވާ އައު ސީއީއޯ ޖޯން ޓަރނަސްގެ ދަށުން ބާއްވާ ފުރަތަމަ ބޮޑު އިވެންޓެވެ.
ކުރިން އެޕަލްގެ ހާޑްވެއަރ އިންޖިނިއަރިންގ ޑިވިޝަންގެ އިސްވެރިޔާގެ ގޮތުގައި މަޝްހޫރުކަން ހޯއްދަވާފައިވާ ޓަރނަސް އަމިއްލަފުޅަށް މި ކީނޯޓް ލީޑްކުރައްވާނެ ކަމަށް ބެލެވޭއިރު، މިއީ އޭނާގެ ލީޑަރޝިޕާއި ހުނަރު އެންމެ ފުރިހަމައަށް ފެނިގެންދާނެ ފުރަތަމަ ފުރުސަތެވެ.
Ads by BMLމި އަހަރުގެ އިވެންޓުގައި އެޕަލް އިން އާންމުކޮށް މުޅި އައިފޯން ލައިންއަޕް އެއްފަހަރާ ދައްކާލާ އުސޫލަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ސެޕްޓެމްބަރު 9 ގެ ސްޓޭޖުގައި ފެނިގެންދާނީ ހަމައެކަނި އައިފޯން 18 ޕްރޯ އާއި އައިފޯން 18 ޕްރޯ މެކްސް ގެ އިތުރުން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯން ކަމަށްވާ އައިފޯން އަލްޓްރާއެވެ.
މިފަހަރުގެ އިވެންޓުން އާދައިގެ އައިފޯން 18 މޮޑެލް ފެނިގެން ނުދާނެއެވެ. އެޕަލްގެ އާންމު އުސޫލާ ޚިލާފަށް، ބޭސިކް އައިފޯން 18 މޮޑެލް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ވަކިންނެވެ.
އަލަށް ނެރޭ ޕްރޯ މޮޑެލްތަކުގައި 2-ނެނޯމީޓަރ އޭ20 ޕްރޯ ޗިޕް އަދި އެޕަލްގެ އަމިއްލަ ސީ2 މޯޑަމް ހިމެނޭނެއެވެ. މި ބަދަލުތަކަކީ ފޯނުގެ ޑިޒައިނަށް ގެންނަ ބޮޑު ބަދަލަކަށްވުރެ ބޮޑަށް، ފޯނު ހޫނުވުން ކުޑަކުރުމަށާއި ބެޓެރީގެ ބާރު ދެމެހެއްޓުމަށް އަމާޒުކޮށްގެން ގެނެވޭ ބަދަލުތަކެކެވެ.
މި އިވެންޓުގައި އައިފޯންގެ އިތުރުން އެޕަލް ވޮޗް ސީރީޒް 12 އާއި އެޕަލް ވޮޗް އަލްޓްރާ 4 ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އައު ސްމާޓް ހޯމް ޑިވައިސްތަކާއި، އެންމެ ފަހުގެ އެލްއެލްއެމް ޓެކްނޮލޮޖީއަށް ބިނާކޮށް އެކުލަވާލާފައިވާ އައު ޖެނެރޭޝަންގެ ސިރީ ވެސް ތައާރަފްކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފާއިތުވި 2025 ވަނަ އަހަރު ނެރުނު އައިފޯން 17 ސީރީޒަކީ ބޮޑެތި ބަދަލުތަކެއް ނެތި ނެރުނު ފޯނުތަކަކަށް ވީނަމަވެސް، ވާދަވެރި އެހެން ކުންފުނިތަކުން އޭއައި އަދި ފޯލްޑަބަލް ފޯނުތަކަށް އިސްކަންދެމުންދިޔަ ދަނޑިވަޅުގައިވެސް އެޕަލް އިން ވަނީ މާކެޓުގައި އެ ކުންފުނީގެ ޕްރިމިއަމް މަގާމު ދަމަހައްޓާފައެވެ.
Ads by MACL
