ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި އަންހެނެއްގެ ގަހަނާތައް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި
ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި މަރުވެގެން ކޯރުން އޮޔާދިޔަ އަންހެނެއްގެ ހަށިގަނޑުން ރަން ގަހަނާތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ކޮށްފައިވަނީ ނަރަޔާނީ ކޯރުގެ ފެންގަނޑު ތެރެއިން އަންހެންމީހާގެ ހަށިގަނޑު އެއްގަމަށް ނަގައި، އޭނާގެ ކަންފަތުގައި ހުރި ރަން ގަހަނާތައް ނައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.
ނޭޕާލް ފުލުހުން ފަހުން ވަނީ 41 ސިކުންތުގެ މި ވީޑިއޯ އަލުން ހިއްސާކޮށް، މަރުވެފައިވާ އަންހެންމީހާގެ ކަންފަތުން ގަހަނާ ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެ ފިރިހެނުން ވަނީ ލަކުޑި ފިލާތަކެއް ބޭނުންކޮށްގެންނާއި އަންހެންމީހާގެ އިސްތަށިގަނޑުގައި ހިފައި ދަމައި ފެނުން ހަށިގަނޑު އެއްގަމަށް ނަގާފައެވެ. އަދި އޭގެ ފަހުން އޭނާގެ ދެ ކަންފަތުން ގަހަނާތައް ނައްޓައި އެއްފަރާތެއްގައި ބަހައްޓާ މަންޒަރު ފެންނައިރު، ކައިރީގައި ތިބި ބައެއް މީހުން ދިޔައީ އެ މަންޒަރުތައް ވީޑިއޯ ކުރަމުންނެވެ.
ޗިތުވާން ޕޮލިހުން ބުނި ގޮތުގައި ތަހުގީގުން އެނގުނު ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޮޑު ފެންބޮޑުވުމުގެ ތެރޭގައި ނަރަޔާނީ ކޯރަށް އޮޔާދިޔަ ހަށިގަނޑަކާ ގުޅިގެންނެވެ. ވީޑިއޯގެ އެހީގައި ފުލުހުން ވަނީ އެ ދެ މީހުންނަކީ އުމުރުން 25 އަހަރުގެ މަދަން ގުރުންގް އަދި 38 އަހަރުގެ އުމޭޝް ޗައުދަރީ ކަން ދެނެގަނެފައެވެ.
Ads by BMLތުހުމަތުކުރެވޭ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބާރަތުޕޫރު މެޓްރޯޕޮލިޓަން ސިޓީ-1 ގެ ޕޮކަރާ ބަސް ޕާކު ކައިރިން ބުރާސްފަތި ދުވަހުއެވެ. މިފަދަ ހިތާމަވެރި އަދި ބިރުވެރި ދަނޑިވަޅެއްގައި ގެއްލުން ލިބިފައިވާ މީހުންގެ މުދާ ފޭރުމާއި އިންސާނިއްޔަތުކަމެއް ނެތް އަމަލުތައް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ފަހަކަށް އައިސް ނޭޕާލުގައި ހިނގި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގެ ތެރޭގައެވެ. ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން ގެއްލިފައިވާ 1,400 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކިސަޑުތަކުގެ ތެރޭގައި ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު ވަނީ މަދުވެގެން 392 އަށް އަރާފައެވެ. އަދި މި ހާދިސާގައި ބައެއް އަވަށްތައް އެއްކޮށް ވަނީ ފެނުގެ އަޑިއަށް ގޮސް ގެއްލިފައެވެ.
ޓިބެޓް ފަޅީގައި ބުދަ ދުވަހު ހިނގި މިކާރިސާގެ ސަބަބުން ގީރޮންގް ޕޯޓްގެ ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި ހުރި ބޮޑު އިމާރާތަކާއި ބަސް ޕާކިންގް ލޮޓެއް ވަނީ ވަޅުލެވިފައެވެ. ޗައިނާގެ ދައުލަތުގެ ޓީވީ ސީސީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަށައިގެންވާ ސަރަހައްދުތަކުގައި ކިސަޑުގެ ބޯމިން އެވަރެޖްކޮށް 1.5 މީޓަރު (5 ފޫޓު) އަށް ވުރެ ބޯވެފައިވެއެވެ. މީގެ އިތުރުން ބޯޑަރު ހުރަސްކުރާ މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެ ސަރަހައްދަށް ވާރޭ ވެހެމުންދާތީ އިތުރަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރުވެސް އޮތް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
