ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކޯރުތައް ބަންދުވެ އުފެދުނު ފެންގަނޑުތައް ފަޅައިގެން ގޮސް އަނެއްކާވެސް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފި

ކޯރުތައް ބަންދުވެ އުފެދުނު ފެންގަނޑުތައް ފަޅައިގެން ގޮސް އަނެއްކާވެސް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފި

ހިމާލިޔާ ފަރުބަދަމަތީގެ ސަރަހައްދުގައި ގްލޭޝިއާއެއް ވެއްޓި ހިނގި ކާރިސާއާ ގުޅިގެން، ބޯޑަރުގެ ދެފަރާތުގައި އުފެދިފައިވާ ދެ ފެންގަނޑެއް ފަޅައިގެން ގޮސް އަނެއްކާވެސް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ނޭޕާލާއި ޗައިނާއިން ދީފިއެވެ.

މި ހަފުތާގެ ބުދަ ދުވަހު ނޭޕާލާއި ޗައިނާގެ ތިބަތު ގުޅޭ ބޯޑަރު ސަރަހައްދަށް އައި ކުއްލި ފެންބޮޑުވުމުގައި މިހާތަނަށް މަދުވެގެން 362 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 1،000 އެއްހާ މީހުން ވަނީ ގެއްލިފައެވެ. ގާތަކާއި ކިސަޑުން ފުރިފައިވާ ވާދީތަކާއި ފަރުބަދަމަތީގެ ސަރަހައްދުތަކުގައި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ދެ ގައުމުން ވެސް ހާމަކުރި ގޮތުގައި މި ކާރިސާ ދިމާވީ ގްލޭޝިއާއެއް ވެއްޓި ފަރުބަދަމަތީގެ ކޯރުތަކުގެ ތެރެއަށް ގާތަކާއި، ގަނޑުފެނާއި، ކިސަޑު އެޅި ކޯރުތަކުގެ އޮއިވަރު ބަންދުވުމުގެ ސަބަބުންނެވެ.

ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯރު ބަންދުވެ އުފެދިފައިވާ ފެންގަނޑުގެ ލެވެލް މައްޗަށް ދާތީ އެ ފެންގަނޑު ފަޅައިގެން ދިއުމުގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ކޯރުގެ ތިރީ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި، ދަތުރުވެރިން އަދި ރެސްކިއު ޓީމުތައް ކޯރުގެ އައްސޭރިފަށާއި ނުރައްކާތެރި ސަރަހައްދުތަކާ ދުރަށް ޖެހި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޗައިނާގެ ފަރާތުން އިންޒާރު ދީފައިވަނީ، އެ ގައުމުގެ ސަރަހައްދުގައި ބަންދުވެފައިވާ ފެންގަނޑަށް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި 3 މިލިއަން ކިއުބިކް މީޓަރުގެ ފެން (އޮލިމްޕިކް ސައިޒުގެ ގާތްގަނޑަކަށް 1،200 ސްވިމިން ޕޫލާ އެއްވަރުގެ ފެން) އެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ސަބަބުން ފެންގަނޑު ފަޅައިގެން ދިއުމުގެ ބޮޑު ނުރައްކަލެއް އޮތްއިރު، އެންމެ ބޮޑަށް ފެންގަނޑު ބޮޑުވާނެ ކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ޗައިނާގެ ރެސްކިއު ޓީމަކުން މަތިން ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފެން ބޭރުވާނެ އެއްވެސް މަގެއް ނެތް ސަރަހައްދެއްގައި ގިނަ އަދަދެއްގެ މުށިކުލައިގެ ފެން ވަނީ ޖަމާވެފައެވެ. މި ފެންގަނޑުގެ ސަބަބުން ގަސްގަހާގެހި އަޑިއަށް ގޮސްފައިވާއިރު، ފެންގަނޑު ދަނީ ގާތަކާއި ކުނިބުނިން އުފެދިފައިވާ ބެރިއަރަށް ބާރުބޮޑުކުރަމުންނެވެ.

ކުރިއަށް އޮތް ހަފުތާގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މި ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ޗައިނާގެ ވޯޓާ ރިސޯސަސް މިނިސްޓްރީން ބުނެފައިވެއެވެ. އެ މިނިސްޓްރީގެ ހައިޑްރޮލޮޖީ ޑިޕާޓްމަންޓުގެ ރިސާޗަރެއް ކަމަށްވާ ޒޫ ޖިންފެންގް ހާމަކުރި ގޮތުގައި ފެނުގެ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ނުރައްކާ ވެސް ދަނީ ބޮޑުވަމުންނެވެ.

މި އިންޒާރުތަކާ ގުޅިގެން ނޭޕާލުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ރެސްކިއު ޓީމުތަކުން ވަނީ އުސް ސަރަހައްދުތަކަށް ބަދަލުވާން ފަށާފައެވެ. އޭގެ ތެރޭގައި ހިމެނޭ ޕަވަން ކޮއިރާލާ އާއި އޭނާގެ 13 މީހުންގެ ޓީމުން ވަނީ ނުރައްކާތެރި ޒޯނާ ދުރަށް ޖެހި، ކޯރުގެ އައްސޭރިފަށުން ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.