ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ގުރުއާން އެންދުމާއި މިސްކިތްތަކުގައި ހުޅުޖެހި މައްސަލަ ނޭޕާލުގެ ފެންބޮޑުވުމާ ގުޅުވައި ސޯޝަލް މީޑިއާ ހޫނުވެއްޖެ

ގުރުއާން އެންދުމާއި މިސްކިތްތަކުގައި ހުޅުޖެހި މައްސަލަ ނޭޕާލުގެ ފެންބޮޑުވުމާ ގުޅުވައި ސޯޝަލް މީޑިއާ ހޫނުވެއްޖެ

ނޭޕާލުގައި މުސްލިމުންގެ މިސްކިތްތަކުގައި ހުޅުޖަހައި ކީރިތި ގުރުއާނުގެ މުސްހަފުތައް އެންދި ހާދިސާތަކާއި، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ގައުމަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ކާރިސާއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށި، މުޅި މަންސަ ހޫނުވެއްޖެ އެވެ.

ދެކުނު ނޭޕާލުގެ ސުންސަރީ އަދި ސިރާހާ ފަދަ ސަރަހައްދުތަކުގައި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ހިންގި މި ހަމަނުޖެހުންތަކުގައި، ހަރުކަށި ހިންދޫންގެ ގްރޫޕްތަކުން ވަނީ މިސްކިތެއްގައި ހުޅުޖަހައި ކީރިތި ގުރުއާން އަންދައި، މުސްލިމުންގެ ވިޔަފާރިތަކާއި އުޅަނދުތައް ލޫޓުވައި ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މި ހަމަނުޖެހުންތަކުގައި ތިން މީހަކު މަރުވެ، ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި އެ ސަރަހައްދުތަކުގައި ކާފިއު ވެސް އިއުލާނު ކުރަން ޖެހުނެވެ.

މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު ވެސް ނޭޕާލުގައި ނަމާދުކުރާ ވަގުތުތަކުގައި މިސްކިތްތައް ކައިރީ އަޑުގަދަކޮށް ލަވަޖެހުމާއި، މަދުވެގެން ތިން މިސްކިތަކަށް ގެއްލުންދީ ހުޅުޖެހި މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. ގިނަ އަދަދަކަށް ހިންދޫން ދިރިއުޅޭ ނޭޕާލަކީ ވަކި ދީނަކަށް ނުޖެހޭ ސެކިއުލާ ދައުލަތެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި ވީނަމަވެސް، ފަހަކަށް އައިސް އެ ގައުމުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ދީނީ ހަމަނުޖެހުންތައް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

މި ހާދިސާތައް ހިނގިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ނޭޕާލާއި ޓިބެޓް ގުޅޭ އުސް ފަރުބަދަމަތީގެ މާސިންގާ ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް ކޯރެއް ބަންދުވެ، އެ ފެންގަނޑު ކުއްލިއަކަށް ފަޅައިގެން ދިއުމުގެ ސަބަބުން ތްރިޝޫލީ ކޯރުގެ ވާދީތަކަށް ވަނީ ބޮޑު ސުނާމީއެއް ފަދަ ބާރުމިނެއްގައި ސައިލެއް އަރައިފަ އެވެ.

ބޯ ކިސަޑާއި އޮލަ މަށީގެ މި ބޮޑު ސައިލުގެ ސަބަބުން ކޯރު އައްސޭރީގެ އެތައް އިމާރާތަކާއި މަގުތަކާއި ފާލަންތައް ސުންނާފަތިވެފައިވާއިރު، މުޅި ސަރަހައްދުގެ މުއާސަލާތީ އަދި ކަރަންޓުގެ ހިދުމަތްތައް ވަނީ އެކީ ކެނޑިފަ އެވެ. އަދި މި ކާރިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އިތުރު އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.