ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކާ ގުޅުންހުރި ކުންފުނިތަކަށް އިނގިރޭސި ދައުލަތުން ދެ ބިލިއަނަށްވުރެ ގިނަ ޕައުންޑުގެ ކޮންޓްރެކްޓް ދީފި

އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކާ ގުޅުންހުރި ކުންފުނިތަކަށް އިނގިރޭސި ދައުލަތުން ދެ ބިލިއަނަށްވުރެ ގިނަ ޕައުންޑުގެ ކޮންޓްރެކްޓް ދީފި

އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޣައިރުޤާނޫނީގޮތުން ހަދާފައިވާ އާބާދީތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އދ. ގެ ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް އިނގިރޭސިވިލާތުގެ ދައުލަތުގެ ބަޖެޓުން 2.129 ބިލިއަން ޕައުންޑު (2.89 ބިލިއަން އެމެރިކާ ޑޮލަރު) ގެ ކޮންޓްރެކްޓް ދީފައިވާކަން ހާމަވެއްޖެއެވެ.

އަލްޖަޒީރާއިން އާންމުކުރި ތަހުގީގީ ރިޕޯޓަކުން އެނގޭގޮތުގައި، އދ. އިން ފާހަގަކޮށްފައިވާ ބައިނަލްއަގުވާމީ ބޮޑެތި ފަސް ކުންފުންޏަކާއި އެ ކުންފުނިތަކުގެ ދަށުން ހިންގާ 17 ކުންފުންޏަކަށް އިނގިރޭސިވިލާތުގެ އާންމު ޚިދުމަތްތަކާ ގުޅޭ 125 ކޮންޓްރެކްޓެއް ވަނީ ދީފައެވެ. މީގެ ތެރޭގައި މަގުތައް މަރާމާތުކުރުމާއި، ދަތުރުފަތުރާއި، ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުގެ އިތުރުން އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ ދާއިރާގެ މަސައްކަތްތައް ހިމެނެއެވެ.

މި ކޮންޓްރެކްޓްތައް ދީފައިވާ މައިގަނޑު ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ މޯޓޯރޯލާ ސޮލިއުޝަންސް، ޖަރުމަނުގެ ހައިޑެލްބާގް މެޓީރިއަލްސް، ފްރާންސުގެ އެޖިސް، ސްޕޭނުގެ ސީއޭއެފް އަދި ޗައިނާގެ ފޯސުން އިންޓަނޭޝަނަލް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މޯޓޯރޯލާގެ ދަށުން ހިންގާ އެއާވޭވް ސޮލިއުޝަންސް ކުންފުނިން އިނގިރޭސި ސިއްހީ އަދި ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށްދޭ މުވާސަލާތީ ވިއުގައަށް ލިބިފައިވާ 1.7 ބިލިއަން ޕައުންޑަށްވުރެ ބޮޑު ކޮންޓްރެކްޓެވެ.

ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ބުނާގޮތުގައި އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކަށް އެހީތެރިވާ ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ބެހެއްޓުމަކީ އިނގިރޭސިވިލާތުން ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފުވުމެކެވެ. ބައިނަލްއަގުވާމީ ކޯޓު އޮފް ޖަސްޓިސްއިން 2024 ވަނަ އަހަރުގެ ޖުލައި މަހު ނެރުނު އިރުޝާދުގައި، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވެރިވެގަނެގެން ތިބޭ ތިބުމަށް އެއްވެސް ގޮތަކުން އެހީތެރިކަން ނުދިނުމަށް އެހެން ގައުމުތަކަށް ވަނީ އަންގާފައެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ލޭބާ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ މި ހޯދުންތަކުން ފެންނަނީ އިނގިރޭސި ސަރުކާރުގެ ސިޔާސަތާއި އަމަލާ ދެމެދު ހުރި ފުށުއެރުންތައް ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުން އިސްރާއީލުގެ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކަށް ސީދާގޮތުން ވާގިވެރިވަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ނަމަވެސް އިނގިރޭސި ކެބިނެޓް އޮފީހުން ބުނެފައިވަނީ، ދައުލަތުގެ އިދާރާތަކުން ކޮންޓްރެކްޓްތައް ހަވާލުކުރުމުގައި ވަކިވަކި ކުންފުނިތައް އުނިކުރެވެނީ އިނގިރޭސިވިލާތުން ރަސްމީކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅެއް އޮތްނަމަ އެކަނި ކަމަށެވެ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ އޮފީހުން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، މޯޓޯރޯލާއިން އިސްރާއީލުގެ އާބާދީތަކަށް ސެކިއުރިޓީ ސިސްޓަމްތައް ފޯރުކޮށްދޭއިރު، ހައިޑެލްބާގް މެޓީރިއަލްސްއިން ފަލަސްތީނުގެ ހުޅަނގު ކަރައިގެ ބިމުން ގުދުރަތީ ވަސީލަތްތައް ނަގައިގެން ވިޔަފާރިކުރެއެވެ. މީގެ އިތުރުން އެޖިސް އާއި ސީއޭއެފް ކުންފުނިން ގުދުސްގައި ހަދަމުންދާ ލައިޓް-ރެއިލް މަޝްރޫއުގައި ބައިވެރިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.