ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދެކުނު ސޫދާނުގައި ދިން ހަމަލާއެއްގައި 49 މީހުން މަރުވެއްޖެ

ދެކުނު ސޫދާނުގައި ދިން ހަމަލާއެއްގައި 49 މީހުން މަރުވެއްޖެ

ދެކުނު ސޫދާނުގެ އުތުރު-ހުޅަނގުގައި އޮންނަ ވާރަޕް ސްޓޭޓުގެ ނަޢަމް ސޫފާ ސޫފި ގެންގުޅޭ ކޭމްޕަކާއި އަވަށަކަށް ހަތިޔާރުއެޅި ގްރޫޕަކުން ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 49 މީހުން މަރުވެ 33 މީހުން ޒަޚަމްވެއްޖެއެވެ.

މި ހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު ވާރަޕް ސްޓޭޓުގެ ޓޮންޖް ނޯތު ކައުންޓީގެ މަޖާކް ޕަޔާމްގައި އޮންނަ މަޗާރު-ޕަކުއެކް ކޭމްޕަށާއި މާދިންގް ޖުއޭރު ބޯމާ އަވަށަށް ހަތިޔާރުއެޅި ބަޔަކު ވަދެގަނެގެންނެވެ. އެ ސަރަހައްދުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި މި ހަމަލާއަކީ ސަރަހައްދީ އިމުގެ ހުރަހުން ހަރަކާތްތެރިވާ ކުށްކުރާ ނެޓްވޯކަކުން ރޭވިގެން ދިން ހަމަލާއެކެވެ.

ވާރަޕް ސްޓޭޓުގެ ސަރުކާރުގެ ތަރުޖަމާނު ވިލިއަމް ވޮލް މާޔޮމް ބޮލް ވިދާޅުވީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށާއި އެންމެހައި ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހަމަލާގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކަށް އެ ސަރަހައްދުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ހިނގި އެހެން ހަމަލާއެއްގައި 60 މީހުން ޒަޚަމްވެ 50 މީހުން މަރުވި ހާދިސާއަށް ތިން ހަފުތާވެސް ނުވަނީސްއެވެ. ދެކުނު ސޫދާނުގައި ނަޢަމް ސޫފާ ސޫފި ގެންގުޅޭ މީހުންގެ މެދުގައި ކާނާއާއި ފެން ހޯދުމުގެ މައްސަލައިގައި ޤަބީލާތަކުގެ މެދުގައި ހިންގާ މިފަދަ ނުރައްކާތެރި ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޤަބީލާތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރް ވަނީ މީގެ ކުރިން އެ ގައުމުގައި ހަ މަސްދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނު ކުރައްވާފައެވެ. އެކުވެނިވި އދ. އިން ދެކުނު ސޫދާނަށް ކަނޑައަޅާފައިވާ މިޝަންގެ ވެރިޔާ އެނިޓާ ކިކީ ގެބެހޯ ވަނީ ވާރަޕް ސްޓޭޓް ފަދަ ސަރަހައްދުތަކުގައި ތަކުރާރުވަމުންދާ އަނިޔާވެރިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.