ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލާއެކު ލުބުނާނުން ހަދަން އުޅޭ އެއްބަސްވުމަށް ހިޒްބުﷲ އިން ދެކޮޅުހަދައިފި

އިސްރާއީލާއެކު ލުބުނާނުން ހަދަން އުޅޭ އެއްބަސްވުމަށް ހިޒްބުﷲ އިން ދެކޮޅުހަދައިފި

އިސްރާއީލާއި ލުބުނާނާ ދެމެދު އެކުލަވާލުމަށް މަސައްކަތްކުރަމުންދާ އޮނިގަނޑު އެއްބަސްވުމަށާއި ސީދާ ވާހަކަތަކަށް ހިޒްބުﷲ އިން ފާޅުގައި ދެކޮޅުހަދައިފިއެވެ.

ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ގާސިމް ވިދާޅުވީ، އެ ޖަމާއަތުން ބަލައިގަންނާނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 ގެ ދަށުން 27 ނޮވެމްބަރު 2024 ގައި އެކުލަވާލި އެއްބަސްވުން އެކަނި ކަމަށެވެ.

ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން އިސްރާއީލާއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، މި މަރުހަލާގެ ސަބަބުން ހަމަލާތައް ހުއްޓުމަކަށް ގެނެވިފައި ނުވާ ކަމަށާއި އިސްރާއީލުގެ ސިފައިން ފަހަތަށް ޖެއްސިފައިވެސް ނުވާ ކަމަށެވެ. އަދި ނުސީދާ މަޝްވަރާތަކަށް ދިއުމުގެ ކުރިން މިހާރު ހުށަހަޅާފައިވާ އެއްބަސްވުން ބާތިލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެމެރިކާއަކީ ވަކިފަރާތަކަށް ނުޖެހޭ މެދުވެރިއެއް ނޫން ކަމަށް ފާހަގަކުރައްވައި، އެހެން މެދުވެރިއެއް ހޯދުމަށް އޭނާ ވަނީ ބެއިރޫތުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

މިހާރު ހިނގަމުންދާ ކަންކަމަކީ ދެފަރާތުގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ ބަދަލުގައި އިސްރާއީލުން ހިންގާ އުދުވާނެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ. އަދި ހިޒްބުﷲ އިން އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމްކޮށް އަމަލުކުރަމުން ދިޔަނަމަވެސް އިސްރާއީލުން ހަމަލާތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަތިޔާރު ބެހެއްޓުމަށް ގޮވާލާ ގޮވާލުންތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، ހަތިޔާރުގެ މައްސަލައަކީ އަސްކަރީ ހަރަކާތްތައް ހިންގުމަށް އިސްރާއީލުން ދައްކާ ބަހަނާއެއް ކަމަށާއި އެހެންކަމުން ހަތިޔާރު ދޫކޮށްނުލާނެ ކަމަށެވެ.

މީގެއިތުރުން ހުށަހެޅިފައިވާ "ޕައިލެޓް އޭރިއާ" ތަކަށާއި "ވެރިފިކޭޝަން ކޮމިޓީ" އަށް ވެސް ހިޒްބުﷲ އިން ވަނީ ދެކޮޅުހަދާފައެވެ. ސަރަހައްދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ގާސިމް ވިދާޅުވީ، މިހާރު ފެންނަނީ ބާރުތަކުގެ މައްޗަށް އަންނަ ތާރީޚީ ބަދަލެއް ކަމަށެވެ. އެމެރިކާއިން މަސައްކަތްކުރަނީ "ގްރޭޓަރ އިސްރާއީލް" އެއް އުފެއްދުމަށް ކަމަށް ތުހުމަތުކުރައްވައި، އީރާނާއި އެ ސަރަހައްދުގެ ގްރޫޕްތަކުން މަސައްކަތްކުރަނީ ބޭރުގެ ނުފޫޒާއި އިސްތިއުމާރާ ދެކޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނު، ލުބުނާން، އީރާން، ޔަމަން އަދި އިރާގަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެކުނު ލުބުނާނުގައި ހިންގި ޕައިލެޓް ޕްރޮގްރާމް ނާކާމިޔާބުވެފައިވާ ކަމަށް އިސްރާއީލުން ވަނީ އެމެރިކާއަށް އަންގާފައެވެ. އަދި ހިޒްބުﷲގެ އޮނިގަނޑުތައް ނައްތާލުމަށް ލުބުނާނުގެ އަސްކަރިއްޔާއިން ކުރާ މަސައްކަތްތަކާމެދު އިސްރާއީލުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާޗް 2 އިން އޮގަސްޓް 27 ގެ ނިޔަލަށް އިސްރާއީލުން ދިން ހަމަލާތަކުގައި 4,351 މީހުން ވަނީ މަރުވެފައެވެ. މީގެއިތުރުން، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 12,316 މީހުން ވަނީ ޒަޚަމްވެފައެވެ.