ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަކީ ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި ހާދިސާއެއް: މަނީޝާ ކޮއިރާލާ
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކަކީ އިންތިހާއަށް ހިތާމަވެރި އަދި ހިތްފަޅައިގެންދާ ފަދަ ކަމެއްގެ ގޮތުގައި މަޝްހޫރު ބޮލީވުޑް ބަތަލާ މަނީޝާ ކޮއިރާލާ ސިފަކޮށްފިއެވެ.
ކަތުމަންޑޫގައި ކުރިއަށްދިޔަ އެންޑީޓީވީ ވޯލްޑް އަންވިކްޝާ ސަމިޓްގެ ހަވާސާގައި ވާހަކަދައްކަމުން އޭނާ ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.
އެންޑީޓީވީގެ ނޫސްވެރިޔާ އަދިތްޔާ ރާޖް ކޯލްއާ ވާހަކަދައްކަމުން މަނީޝާ ބުނީ، އޭނާގެ ހުރިހާ ހެޔޮދުއާއެއް ވަނީ މި ހާދިސާގެ ޝިކާރައަކަށްވި މީހުންނާއި ތަކުލީފު އުފުލަމުންދާ އާއިލާތަކާ އެކުގައި ކަމަށެވެ. އަދި ގައުމީ ސަރަހައްދީ އިމުން ބޭރުން އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލާއިރު، މިފަދަ ބޮޑު އިންސާނީ ކާރިސާއަކާ ގުޅިގެން ކޮންމެ މީހަކުވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަންޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
Ads by BMLމި ކާރިސާ ކުއްލިއަކަށް ކުރިމަތިވި ގޮތާމެދު ހައިރާންކަން ފާޅުކުރަމުން މަނީޝާ ވަނީ މީގެ އަހަރުތަކެއް ކުރިން ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގެ ހަނދާންތައް އާކޮށްފައެވެ. ގުދުރަތުގެ މިފަދަ ވަރުގަދަ ކޯފާއެއް އަދި ފެނިފައިނުވާ ކަމަށާއި، މިދަނޑިވަޅުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެހީތެރިވުން މުހިންމު ކަމަށްވެސް އޭނާ ބުންޏެވެ. މަނީޝާއަކީ ނޭޕާލަށް އުފަން، އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބިޝްވޭޝްވަރު ޕްރަސާދު ކޮއިރާލާގެ ކާފަދަރިއެކެވެ.
ބުދަ ދުވަހު ނޭޕާލަށް ކުރިމަތިވި މި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް މަދުވެގެން 270 މީހުން މަރުވެ، 800 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ޓިބެޓްގެ ސަރަހައްދީ ރޮނގު ކައިރިން ބޮތޭ ކޯޝީ ކޯރުގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވެގެން އުފެދުނު މި ސައިލާބުގައި އެތައް އަވަށަކާއި މަޝްރޫއުތައް ހިންގާ ސަރަހައްދުތައް ވަނީ ދޮވެވިގެން ގޮސްފައެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރަސުވާ ޑިސްޓްރިކްޓްގެ ޓިމޫރޭ އަދި ސަޔަފްރުބޭސީ ސަރަހައްދަށެވެ. އެ ސަރަހައްދުތަކުން ގިނަ އަދަދެއްގެ އުޅަނދުފަހަރާއި، މުދަލާއި މީހުންގެ ގެދޮރު ވަނީ ފެނުގެ ބާރު އޮއިވަރުގެ ތެރެއަށް ދަމައިގަނެފައެވެ.
ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ނޭޕާލް އަސްކަރިއްޔާގެ 14 ހެލިކޮޕްޓަރާއި ކާރިސާތަކަށް އިޖާބަދޭ ޚާއްސަ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އަސްކަރިއްޔާގެ އިތުރުން އާމްޑް ޕޮލިސް ފޯސް އަދި ނޭޕާލް ފުލުހުން ގުޅިގެން ރަސުވާ އާއި ކައިރި ސަރަހައްދުތަކުގައި ސަލާމަތީ އޮޕަރޭޝަންތައް ދަނީ ވަރުގަދަކުރަމުންނެވެ.
Ads by MACL
