އެމެރިކާގެ ޓެރަރިޒަމް ވޮޗްލިސްޓަށް ލި ކަމަށް ބުނާ ރިޕޯޓްތައް އިރާގުގެ ކުރީގެ މާލީ ވަޒީރު ދޮގުކުރައްވައިފި
އެމެރިކާގެ ޓެރަރިޒަމް ވޮޗްލިސްޓަށް ލާފައިވާ ކަމަށާއި އެ ގައުމުން ބޭރުވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އިރާގުގެ ކުރީގެ މާލީ ވަޒީރު ތާއިފް ސާމީ ދޮގުކުރައްވައިފިއެވެ.
މިފަދަ ރިޕޯޓްތަކެއް ފެތުރެން ފެށީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު ފޮކްސް ނިއުސް އަށް މައުލޫމާތު ދެއްވަމުން، ސާމީގެ ވިސާ ބާތިލްކޮށް އެފްބީއައިގެ ޓެރަރިޒަމް ވޮޗްލިސްޓަށް އޭނާ އަރުވާފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ފޮކްސް ނިއުސް އަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ގްލޯބަލް ޕަބްލިކް އެފެއާޒް ޑިލަން ޖޯންސަން ވިދާޅުވީ، ސްޓޭޓް ޑިޕާޓްމަންޓުން ސާމީގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެފްބީއައިގެ ވޮޗްލިސްޓަށް ލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވީނަމަވެސް، އެ ލިސްޓަށް އޭނާ ލީ ކޮން އިރަކު ކަމެއް އަދި އެ ނިންމުން ނިންމީ ކޮން އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ކަމެއް ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައެއް ނުވެއެވެ.
Ads by BMLމިކަމާ ގުޅިގެން ތާއިފް ސާމީ ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ އިރާގުގައި ކަމަށާއި އެއްވެސް ކޯޓަކުން ނުވަތަ ޝަރުއީ އިދާރާއަކުން އޭނާއަށް އެއްވެސް އަމުރެއް ނުވަތަ ނޯޓިހެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
މަގާމުގައި ހުންނެވި ދުވަސްވަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކްގެ ބައްދަލުވުންތަކަށް ވޮޝިންގޓަނަށް ދަތުރުކުރެއްވި ކަމަށާއި، ރިޓަޔާ ކުރެއްވުމަށްފަހު އެމެރިކާއަށް ޒިޔާރަތްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ސާމީ ވިދާޅުވިއެވެ. އަދި ގަސްދުގައި އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މި މައްސަލައިގެ އިތުރުން، އިރާގުގެ ފިނޭންސް މިނިސްޓްރީގެ ކުރީގެ އަންޑަސެކްރެޓަރީ މަސްއޫދު ހައިދަރު ވަނީ ސާމީގެ ދައުރުގައި އިރާގުގެ މާލިއްޔަތު ނަހަމަ ގޮތުގައި ބެލެހެއްޓެވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސާމީގެ ސަބަބުން ގައުމު ވަނީ 200 ޓްރިލިއަން އިރާގީ ދީނާރު (ގާތްގަނޑަކަށް 153 ބިލިއަން ޑޮލަރު) ގެ ދަރަންޏަކަށް ވެއްޓިފައެވެ. އަދި 140 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިސްރާފުކޮށް ބޭކާރުކޮށްލާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ހައިދަރު ވަނީ ސާމީ އަކީ އިރާގުގެ ތާރީޚުގައި ވެސް ފެނުނު "އެންމެ ނާގާބިލު މާލީ ވަޒީރު" ގެ ގޮތުގައި ސިފަކުރައްވައި، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލައްވާފައެވެ.
މި 140 ބިލިއަން ޑޮލަރުގެ މައްސަލައަކީ މީގެ ކުރިން ވެސް އިރާގުގައި ބޮޑު ބަހުސެއް އުފެދުނު މައްސަލައެކެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ގާތްގަނޑަކަށް 140 ބިލިއަން ޑޮލަރުގެ އާމްދަނީ ޚަރަދުކުރެވުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ހައިދަރު ކުރިން ވިދާޅުވި ވާހަކައަކާ ހަވާލާދީ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކު މައްސަލަ ޖެއްސެވުމުން، މިދިޔަ ޖުލައި މަހު އިރާގުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ވަނީ މިކަމުގެ ތަހުގީގެއް ވެސް ފަށާފައެވެ.
ތާއިފް ސާމީ ވަނީ އިރާގުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީގެ ސަރުކާރުގައި 2022 އިން 2026 އަށް މާލީ ވަޒީރުކަން ކުރައްވާފައެވެ. އޭގެ ކުރިން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓް ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމާއި އެކްޓިން ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކާއި ދައުލަތުގެ މާލިއްޔަތު ހިމާޔަތްކުރުމަށް ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، 2022 ވަނަ އަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދޭ ޝަރަފުވެރި "އިންޓަނޭޝަނަލް ވިމެން އޮފް ކަރޭޖް އެވޯޑް" ވެސް ތާއިފް ސާމީއަށް ވަނީ އަރުވާފައެވެ.
Ads by MACL
