ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފެންބޮޑުވެ ކިސަޑުތަކުގެ ދަށުގައި 3 ދުވަސް ވީފަހުން 6 އަހަރުގެ ކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފި

ފެންބޮޑުވެ ކިސަޑުތަކުގެ ދަށުގައި 3 ދުވަސް ވީފަހުން 6 އަހަރުގެ ކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފި

ނޭޕާލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކިސަޑާއި ކުނިބުނީގެ ދަށުގައި ތާށިވެފައި އޮތް 6 އަހަރުގެ އަންހެން ކުއްޖަކު، 3 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓްގެ ތިމޫރޭ އަވަށުގައެވެ. އެ އަވަށުގައި ފެންބޮޑުވާން މެދުވެރިވީ ބޯކޮށް ވާރޭވެހި ބޮޓޭ ކޯޝީ ކޯރު ފުރިބަންޑުންވެގެން ދިޔުމުގެ ސަބަބުންނެވެ.

އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނޭޕާލުގެ އާމްޑް ޕޮލިސް ފޯސް (އޭޕީއެފް) ގެ އޮފިޝަލުންނަށް ވެލިގަނޑު އަދި ކިސަޑުތަކުގެ އަޑިން ކުޑަކުއްޖަކު ރޯ އަޑު ވަނީ އިވިފައެވެ. އެއާއެކު ރެސްކިއު ޓީމުތަކުން އަވަސްވެގަނެ، އެ ތަން ކޮނެގެން އެ ކުއްޖާ ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައެވެ.

އެ ކުއްޖާ ސަލާމަތްކުރުމަށްފަހު އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ތިމޫރޭގައި ހުންނަ އޭޕީއެފްގެ ބޯޑަރު އައުޓްޕޯސްޓުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު ސީރިއަސްވެ، އިތުރު އަދި ފުރިހަމަ ފަރުވާއަށް ކަތުމަންޑޫގެ ހޮސްޕިޓަލަކަށް ގެންދަން ނިންމި ނަމަވެސް، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހެލިކޮޕްޓަރު ދަތުރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ.

މޫސުން ތަންދިނުމާއެކު އެ ކުއްޖާ މިހާރު ވަނީ ވެރިރަށް ކަތުމަންޑޫގެ ހޮސްޕިޓަލަކަށް ގެންގޮސް ޚާއްޞަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ދޭން ފަށާފައެވެ.

މި ސަލާމަތްކުރުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރި ރެސްކިއު ޓީމަށް ތައުރީފު ކުރަމުންނެވެ. މީގެއިތުރުން، އެ ކުއްޖާގެ އާއިލާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، އެ ކުއްޖާއަކީ މަނީޝާ މަގަރް ކިޔާ ކުއްޖެއްކަމަށް ބެލެވޭތީ އެ ކުއްޖާގެ އާއިލާގެ މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ހިއްސާކުރުމަށް ވެސް އާންމުން ދަނީ އެދެމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ނޭޕާލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ޝިޝިރް ޚަނާލް ވިދާޅުވީ ގެއްލުންތައް އަލުން އާރާސްތުކުރުމަށް ބިލިއަނުން ޑޮލަރު ޚަރަދުވާނެ ކަމަށާއި، އެކަމުގައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

މި ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 675 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، 2،400 އަށް ވުރެ ގިނަ މީހުން އަދިވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.