ނޭޕާލުގައި ފެންބޮޑުވުމުގެ ކުރިން ގްލޭޝިއާ ކަނޑައިގެން ދިޔަ މަންޒަރު އިއްތިފާގަކުން ރެކޯޑް ކުރެއްވިއްޖެ
ނޭޕާލާއި ޓިބެޓުގައި އެތައް ސަތޭކަ ބަޔަކު މަރުވި ނުރައްކާތެރި ފެންބޮޑުވުން ހިނގުމުގެ ކުރިން، ގްލޭޝިއާއެއް ކަނޑައިގެން ވެއްޓުނު ވަގުތު ދަތުރުވެރިއެއްގެ ޑްރޯނަކަށް އިއްތިފާގުން ރެކޯޑުކުރެވިއްޖެއެވެ.
ޗައިނާގެ ފޮޓޯގްރާފަރަކު ނަގާފައިވާ މި ވީޑިއޯއިން ފެންނަނީ ކަނޑުގެ ސަތަހައިން 7,200 މީޓަރަށް ވުރެ އުހުގައިވާ ލަންގްޓަންގް ލިރުންގް ފަރުބަދައިގެ ފަރާތުން ބޮޑު ހިލަގަނޑަކާއި ގަނޑުފެންގަނޑެއް އެއްކޮށް ކަނޑައިގެން ފައިބައިގަންނަ މަންޒަރެވެ. މި ހާދިސާއާ ގުޅިގެން ފަރުބަދަމަތިން ބޮޑެތި ދުމާއި ހިރަފުހުގެ ބޯ ވިލާގަނޑުތައް އުފެދިގެން ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި ގަނޑުފެނާއި، ހިލައާއި، މަށި އަދި ކުނިބުނީގެ ބިޔަ ސައިލު ގާތްގަނޑަކަށް 1,200 މީޓަރު ތިރިއަށް ވާދީއަށް ވެއްޓުމާ އެކު، ބޮޑު ފެންބޮޑުވުމެއް އުފެދި ބޯޓޭކޯޝީ އަދި ތްރިޝޫލީ ކޯރުތައް އިންތިހާއަށް ފުރިގެން ބަންޑުންވިއެވެ. އޮގަސްޓް 26 ގައި ހިނގި މި ކާރިސާގައި ނޭޕާލުން 903 މީހުން އަދި ޓިބެޓުން 16 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 4,500 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ނޭޕާލުގެ ރައްޔިތުންނެވެ.
Ads by BMLhttps://twitter.com/Rainmaker1973/status/2093248042061242699
ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ވިދާޅުވީ މިއީ ގައުމަށް ކުރިމަތިވި ހިތްދަތި އަދި ތަސައްވުރުވެސް ނުކުރެވޭ ފަދަ ބޮޑު ކާރިސާއެއް ކަމަށެވެ. މޫސުން ގޯސްވުމާއި، ބިންގަނޑު ދަތިވުމުގެ އިތުރުން ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުން ގެއްލުންތަކުގެ ފުރިހަމަ ތަފްސީލު ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެންމެންގެ އެއްބައިވަންތަކަމާއެކު މި ކާރިސާއިން އަރައިގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް ފަރުބަދަމަތީގެ ގްލޭޝިއާތައް ކަނޑައިގެން ދިއުމުގެ މިފަދަ ނުރައްކާތެރި ހާދިސާތައް ދަނީ ތަކުރާރުވަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު އުއްތަރާޚަންޑުގެ ރޮންޓީ ޕީކުން ގާތްގަނޑަކަށް 950 މިލިއަން ކިއުބިކް ފޫޓުގެ ހިލައާއި ގަނޑުފެން ފައިބައިގެން ގޮސް ހައިޑްރޯޕަވަރ ޕްލާންޓެއް ހަލާކުވެ 200 އެއްހާ މީހުން މަރުވެ ނުވަތަ ގެއްލުނެވެ. މީގެ އިތުރުން 2023 ގައި ސިއްކިމްގެ ސައުތު ލްހޮނަކް ކުޅިއަށް ހިލަ ފައިބައިގެން ހިނގި ފެންބޮޑުވުމުގައި 13 ބިލިއަން ގެލަންގެ ފެން ބަންޑުންވެ، ބުރިޖުތަކާއި އެތައް ހާސް އިމާރާތެއް ހަލާކުވިއެވެ. އަދި 2025 ވަނަ އަހަރު ސްވިސް އަލްޕްސްގެ ބާޗް ގްލޭޝިއާ ކަނޑައިގެން ގޮސް ބްލެޓަން އަވަށުގެ ބޮޑުބައި ވަނީ ބިމާ ހަމަވެފައެވެ.
Ads by MACL
