ދިއްލީގެ ބަހެއްގައި 16 އަހަރުގެ ކުއްޖަކު ގޭންގް-ރޭޕްކުރި މައްސަލައެއް: ސީސީޓީވީ ކެމެރާތައް ހުރީ ހަލާކުވެފައި
އިންޑިއާގެ ވެރިރަށް ދިއްލީގައި 16 އަހަރުގެ އަންހެން ކުއްޖަކު ގޭންގް-ރޭޕްކުރި ސްލީޕާ ބަހުގެ ސީސީޓީވީ ކެމެރާތައް އެ ވަގުތު މަސައްކަތް ނުކުރާ ކަމަށާއި، އެ ވެހިކަލް ދަތުރުކުރީ މަރާމާތުކޮށް ކުލަލުމަށް ގެންދިޔުމުގެ ތެރޭގައި ކަމަށް އެ ބަސް ކުންފުނިން ބުނެފިއެވެ.
މި ހާދިސާ ހިނގި ބަހުގައި ދަމާފައި ހުރި ކާޓަންތަކުގެ ސަބަބުން ބޭރުން ބަލާއިރު އެތެރޭގައި ހިނގާ ކަންކަން ފެނުން ދަތިވެފައިވާއިރު، އެ ވަގުތު ބަހުގެ ސީސީޓީވީ ނިޒާމު މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން ނިއްވާލާފައި އޮތުމަކީ ބޮޑެތި ސުވާލުތަކެއް އުފެދިގެން ގޮސްފައިވާ ކަމެކެވެ.
ބަސް ކުންފުނީގެ މެނޭޖަރު މޯނޫ ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ޑްރައިވަރު ކުލްދީޕް އަދި ކޮންޑަކްޓަރު ސަންދީޕަކީ އެ ކުންފުނީގައި މަސައްކަތް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ދެ މުވައްޒަފުންނެވެ. އޭނާ ހާމަކުރި ގޮތުގައި އެ ބަސް މަރާމާތުކުރުމަށް ސޫރަޖްޕޫރަށް ގެންގޮސްފައިވަނީ އޯގަސްޓް 4 ގައެވެ. އަދި ހާދިސާ ހިނގި ދުވަހުގެ ހަވީރު 5:00 ހާއިރު އެ ދެ މީހުން ބަހާ ހަވާލުވެ، ރޭގަނޑު 9:00 ހާއިރު ދަތުރު ފެށިއެވެ.
Ads by BMLކުންފުނިން ބުނާ ގޮތުގައި އެ ދަތުރަކީ އާންމު ފަސިންޖަރުން އުފުލުމަށް ކުރި ދަތުރެއް ނޫނެވެ. އެ ބަސް ދަތުރުކުރަމުން ދިޔައީ ޕަރީ ޗޯކް، އެޑްވާންޓް އަދި ނޮއިޑާ ސެކްޓާ 93 މަގުން ކަޝްމީރީ ގޭޓާ ދިމާލަށް ކުލަލުމުގެ މަސައްކަތްތަކެއް ކުރުމަށެވެ. އެރޭ ބަހުގެ ތެރޭގައި ހިނގައިދިޔަ ކަންކަން ކުންފުންޏަށް އެނގުނީ ޖެހިގެން އައި ދުވަހު ފުލުހުން އެކަން އެންގުމުން ކަމަށް ވެސް މެނޭޖަރު ބުންޏެވެ.
ދިއްލީ ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު 16 އަހަރުގެ ކުއްޖާ ބަހަށް އެރީ ބޯކޮށް ވާރޭވެހި އަނދިރިވެފައި ވަނިކޮށް ޕަރީ ޗޯކް ކައިރިން މަގުމަތީގައި ތާށިވެފައި ހުއްޓައެވެ. އެ ކުއްޖާ ދާން ބޭނުންވީ ނޮއިޑާ ސެކްޓާ 63 އަށެވެ. ނަމަވެސް ބަހުގެ ޑްރައިވަރާއި ކޮންޑަކްޓަރު އެ ކުއްޖާއަށް ލިފްޓެއް ދިނުމަށް ފަހު، ދުއްވާފައި ދިޔަ ބަހުގެ ތެރޭގައި ޖިންސީ ގޯނާކޮށް ގޭންގް-ރޭޕް ކުރުމަށްފަހު ކަޝްމީރީ ގޭޓް ކައިރިއަށް އެއްލާލީއެވެ.
ޕަރީ ޗޯކުން ފެށިގެން ކަޝްމީރީ ގޭޓާ ހަމައަށް ގާތްގަނޑަކަށް 47 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ބަސް ކަޑައްތުކުރިއިރު، އެއްވެސް ސީސީޓީވީ ކެމެރާއެއް މަސައްކަތެއް ނުކުރެއެވެ.
މި މައްސަލައިގައި ކުއްޖާ ހުށަހެޅި ޝަކުވާއާ ގުޅިގެން ފުލުހުން ވަނީ އެ ދުވަހު އަމަލީ ގޮތުން ހަރަކާތްތެރިވެ، ދެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ބަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިކް ތަހުލީލުތައް ކުރަމުން އަންނައިރު، މި ހަފުތާ ތެރޭގައި މައްސަލައިގެ ދައުވާ ފޯމު (ޗާޖްޝީޓް) ކޯޓަށް ހުށަހަޅާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ކުންފުނީގެ އުސޫލުތަކާ ޚިލާފަށް އެ ދެ މީހުން ބަހުގައި ދަތުރުކުރި ސަބަބާއި، ކުއްޖާ ބަހަށް އެރުވި ގޮތުގެ ތަފުސީލުތައް ހޯދުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.
Ads by MACL
