އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތައް ދީފައިވަނީ ސްޓްރެއިޓް އޮފް ހޮރްމޫޒް ކައިރީގައި އޮންނަ ލާރަކް އައިލެންޑުގައި ހުރި އީރާނުގެ ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
"ޕަނިޝްމަންޓް އޮފް ދި އެގްރެސަރ" ގެ ނަމުގައި އީރާނުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އަމާޒުކޮށްފައިވަނީ އުރުދުންގެ ކިންގް ހުސައިން އަދި އަލް އަޒްރަގް ބޭސްތަކަށެވެ.
މީގެ އިތުރުން ވެރިރަށް އައްމާނުގެ އިރުމަތީގައި އޮންނަ މުވަފަގް ސަލްތީ އެއާ ބޭސްއަށް ވެސް ހަމަލާތައް އަމާޒުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކުގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަހައްޓާ ސަރަހައްދުތަކަށާއި، މަރާމާތުކުރާ ޓެކްނިކަލް އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައިއާރްޖީސީން ބުނެފައިވެއެވެ.
އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިފާއުކުރުމަށް އެމެރިކާގެ ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމްތަކުން އުރުދުންގެ ޖައްވުގެ ތެރެއަށް ގިނަ އަދަދެއްގެ މިސައިލް ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. އަދި އުރުދުންގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ޚަބަރުތައް ބުނި ނަމަވެސް، އުރުދުން ސަރުކާރުންނާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަދި ރަސްމީކޮށް މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެއް ނުވެއެވެ.
Ads by BMLއީރާނުން މި ބަދަލުހިފުމުގެ ހަމަލާ ދީފައިވަނީ ދުނިޔޭގެ ތެލާއި ގޭސް ދައުރުކުރާ މުހިންމު ކަނޑުއޮޅި ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒްގެ ތެރެއަށް ކަނޑުއަޑީގެ މައިން އެޅުމަށް އީރާނުން ރޮކެޓް ލޯންޗަރުތަކެއް ތައްޔާރުކުރަމުންދިޔަ ކަމަށް ބުނެ އެމެރިކާއިން ލާރަކް އައިލެންޑަށް ދިން ވައިގެ ހަމަލާތަކަކާ ގުޅިގެންނެވެ. އެމެރިކާގެ ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ބުނީ އެ ހަމަލާއަކީ ކަނޑުއޮޅީގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ދިން ހަމަލާއެއް ކަމަށެވެ.
ލާރަކް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާގައި މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް ސީދާ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން އޮތް ބާރު ކަނޑުވާލަން ކުރާ ކޮންމެ މަސައްކަތަކަށް މިއަށްވުރެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކުން ރައްދު ދޭނެ ކަމަށް އައިއާރްޖީސީން ވަނީ އިންޒާރު ދީފައެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ކުއްލިއަކަށް އުފުލިގެން ގޮސްފައެވެ.
Ads by MACL
