ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ގުދުސްގައި ފަލަސްތީނު މީހަކު ޝަހީދުކޮށް، ހުޅަނގު އައްސޭރިން ބަޔަކު ހައްޔަރުކޮށްފި

ގުދުސްގައި ފަލަސްތީނު މީހަކު ޝަހީދުކޮށް، ހުޅަނގު އައްސޭރިން ބަޔަކު ހައްޔަރުކޮށްފި

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ދިމިޝްގު ދޮރާށި (ދަމަސްކަސް ގޭޓް) ކައިރިން ހުކުރު ދުވަހު އިސްރާއީލު ފުލުހުން ބަޑިޖަހައި ފަލަސްތީނުގެ އުމުރުން 33 އަހަރުގެ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލު ފުލުހުން ބުނާ ގޮތުގައި އެ މީހާ ފުލުހުންނަށް ވަޅިން ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކޮށް ވަގުތުން ބަޑިޖެހީ ކަމަށާއި، އޭނާ މަރުވެފައިވަނީ އެ ތަނަށެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފުސީލެއް އިސްރާއީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކުރި ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ދިމިޝްގު ދޮރާށްޓާއި ގަދީމީ ސިޓީގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް، އަސްކަރީ ބަންދެއް ގެނެސްފައެވެ. މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނު މުސްލިމުންނަށް މަސްޖިދުލް އަގްސާގައި ފަތިސް ނަމާދު ކުރުމަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އުތުރުގެ ރަށެއް ކަމަށްވާ ނާބުލުސް އަދި އެ ސަރަހައްދުގެ އަވަށްތަކުގައި އިސްރާއީލު ސިފައިން ހިންގި 48 ގަޑިއިރުގެ އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 10 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނި ގޮތުގައި ސިފައިން ވަނީ އެތައް ސަތޭކަ ތަނެއް ބަލައިފާސްކޮށް، އެތައް ބަޔަކާ ސުވާލުކޮށް، ދިހައަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އެ ސަރަހައްދުގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި އިސްރާއީލު ސިފައިން ވަނީ ނާބުލުސްގެ އިރުމަތީގައިވާ އޯލްޑް އަސްކަރް ރެފިއުޖީ ކޭމްޕަށް ވަދެގަނެ، ގޭގެ ބަލައިފާސްކޮށް، ކާފިއު ހިންގައި، މީހުންނާ ފުޅާ ދާއިރާއެއްގައި ސުވާލުކުރުމުގެ އިތުރުން ދެ އުޅަނދެއް ވެސް އަތުލައިގެންފައެވެ.

ރާމަﷲ ކައިރީގައި އޮންނަ އަލް މުޣައްޔިރު އަވަށުގެ މައި ދޮރޯށި ވެސް އިސްރާއީލު ސިފައިން ވަނީ ބަންދުކޮށް، އެ އަވަށަށް މީހުން ވަދެނުކުތުން މަނާކޮށްފައެވެ. އެ ސަރަހައްދުގެ މަސްދަރުތަކުން ބުނި ގޮތުގައި ޔަހޫދީ ވަޒަންވެރިން ވަނީ އެ އަވަށުގެ އިރުމަތީ ސަރަހައްދުތަކަށް އަރައިގަނެ، ފަލަސްތީނު މީހުންގެ ބިންތަކުގައި ހަމަނުޖެހުން އުފައްދާފައެވެ. މި ފިޔަވަޅުތައް އަޅާފައި މިވަނީ، ވަޒަންވެރިން ކަންބަޅިތަކެއް ވަގަށް ނަގަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތްކުރި ފަލަސްތީނުގެ އުމުރުން 19 އަހަރުގެ އުމަރު އަލް ނާސާން އަދި 16 އަހަރުގެ ޚަލީލް ޝަހާދާ ގަަޔަށް އިސްރާއީލުގެ ސްނައިޕަރުން ބަޑިޖަހައި ޝަހީދުކޮށްލި ހާދިސާއަށް ފަހު، އެ ދެ މީހުންގެ ޖަނާޒާ ބޭއްވުމާ ގުޅިގެންނެވެ.

ހުޅަނގު އައްސޭރީގެ މެދުތެރޭގައި އޮންނަ ތުރުމުސް އައްޔާ އަވަށުގައި ޔަހޫދީ ވަޒަންވެރިން ވަނީ ކަންބަޅިތަކާއެކު ފަލަސްތީނު ރައްޔިތުންގެ ގެތަކަށާއި ދަނޑުބިންތަކަށް ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާގައި ޚާއްސަކޮށް އަމާޒުކޮށްފައިވަނީ އަބޫ އަައްވާދު އާއިލާގެ ގެދޮރަށެވެ. މިއީ އެ އާއިލާއާ ދެކޮޅަށް ވަޒަންވެރިން ތަކުރާރުކޮށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއިން ހިންގި އަމަލެކެވެ.

ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހަލްހޫލްގައި، އިސްރާއީލު އިދިކޮޅު ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ގިލާޑް ކާރިވް އާންމުކުރި ވީޑިއޯއަކުން ފެންނަނީ، ޔަހޫދީ ވަޒަންވެރި އާއިލާއަކުން ފަލަސްތީނު މީހެއްގެ މޭބިސްކަދުރު ދަނޑަކުން މޭބިސްކަދުރު ވަގަށް ނަގައި ކާރަކަށް އަރުވާ މަންޒަރެވެ. މި ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ އިސްރާއީލު ސިފައިން ވަނީ ވައްކަން ހުއްޓުވުމުގެ ބަދަލުގައި، އެތަނުގައި ތިބި އިސްރާއީލުގެ އެކްޓިވިސްޓުންނާއި ފަލަސްތީނު ދަނޑުވެރިން އެ ސަރަހައްދުން ގަދަކަމުން ނެރެ ބޭރުކޮށްފައެވެ. އަދި ފުލުހުން ފަހުން މަސައްކަތްކުރީ ވައްކަން ކުރި މީހުން ހައްޔަރުކުރުމުގެ ބަދަލުގައި އެކަމާ ދެކޮޅަށް އަޑުއުފުލި އެކްޓިވިސްޓުން ހައްޔަރުކުރުމަށެވެ.

ރާމަﷲ ގެ އިރުމަތީގައި އޮންނަ ކައަބްނޭ ބަދަވީ ދަރިކޮޅުގެ މީހުންނަށާއި އެމީހުންނަށް އެހީވާ އެކްޓިވިސްޓުންނަށް ވެސް ޔަހޫދީ ވަޒަންވެރިން ހަމަލާދީފައިވާ ކަމަށް ބަދަވީންގެ ހައްގުތަކަށް މަސައްކަތްކުރާ އަލް ބައިދާރު ޖަމިއްޔާއިން ބުނެފައިވެއެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި މިއީ ބަދަވީ މީހުން ބިރުގަންނަވައި، އެމީހުންގެ ބިންތަކުން ނެރެލުމަށްޓަކައި ރޭވިގެން ހިންގާ ސިލްސިލާ އަމަލުތަކެކެވެ.

ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ޔަހޫދީ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނާއި އެމީހުންގެ ބިންތަކަށް 628 ހަމަލާއެއް ދީފައިވެއެވެ. މި ހަމަލާތަކުގައި 20 ކުޑަކުދިންނާއި 17 އަންހެނުން ހިމެނޭހެން 164 މީހަކަށް ސީދާ ޖިސްމާނީ އަނިޔާ ލިބިފައިވާއިރު، 19،375 ޒައިތޫނި ގަސް ހިމެނޭ ގޮތަށް ޖުމްލަ 21،508 ގަހަށް ވަނީ ގެއްލުންދީފައެވެ.

ފަލަސްތީނުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް ގާއިމުކޮށްފައިވާ އާބާދީތަކުގައި 750،000 އެއްހާ ޔަހޫދީ ވަޒަންވެރިން ދިރިއުޅެމުންދެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 174،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާއިރު، ހުޅަނގު އައްސޭރީގައި ސިފައިންނާއި ވަޒަންވެރިން ދިން ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 12،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، އަދި 24،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.