ސްރީލަންކާގެ ކުރީގެ ރައީސްގެ ދަރިކަލުން ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފި
ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސަށް އެއާބަސް މަތިންދާބޯޓުތަކެއް ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފިއެވެ.
ކޮޅުނބުގެ ޗީފް މެޖިސްޓްރޭޓް އަސަންގަ އެސް. ބޮޑަރަގަމާ ކުރެއްވި އަމުރެއްގެ ދަށުން އޭނާ ވަނީ މި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި (ރިމާންޑްގައި) ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އިދިކޮޅު ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނަ (އެސްއެލްޕީޕީ) ތަމްސީލުކުރައްވާ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ، ލަންކާގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ މައި އިދާރާ ކަމަށްވާ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަނުން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އޭނާއާ ސުވާލުކުރުމަށް ފަހުގައެވެ.
Ads by BMLނަމާލް ވަނީ އޭނާގެ މައްޗަށް ކުރެވޭ އެންމެހައި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ވަކީލުންގެ ބަހެއް ވަގުތުން ލިބޭގޮތް ވަނީ ނުވެފައެވެ.
މި ހައްޔަރަކީ 2013 ވަނަ އަހަރު ޔޫރަޕްގެ އެއާބަސް ކުންފުނިން އެތައް މިލިއަން ޑޮލަރެއްގެ މަތިންދާބޯޓު ގަތުމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ ތަހުގީގުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މި ތަހުގީގަށް އެހީތެރިވުމުގެ ގޮތުން އެއާބަސް ކުންފުނީގެ ވަފުދެއް މިދިޔަ އޯގަސްޓް މަހު ކޮޅުނބަށް ޒިޔާރަތްކޮށްފައިވެއެވެ.
ބޯޓުތައް ވިއްކުމުގައި ރިޝްވަތާއި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ތިން އަހަރު ވަންދެން ހިންގި ތަހުގީގަކަށް ފަހު، އެއާބަސް ކުންފުނިން ވަނީ 2020 ވަނަ އަހަރު ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާގެ ކަމާބެހޭ އިދާރާތަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުންޏަށް ވަނީ 4 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައަޅާފައެވެ.
މި މައްސަލައާ ގުޅިގެން ސްރީލަންކަން އެއާލައިންސް އަދި އެއާބަސް ކުންފުނިން މީޑިއާއަށް ވަގުތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
Ads by MACL
