ޓަނަލުގައި ތާށިވިތާ ނުވަ ދުވަސް ފަހުން ދެ މީހަކު ދިރިތިއްބާ ސަލާމަތްކޮށްފި
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި ބިމުއަޑީގެ ޓަނަލެއްގެ ތެރޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު، ހާދިސާ ހިނގިތާ ނުވަ ދުވަސް ފަހުން ދިރިތިއްބާ ސަލާމަތްކޮށްފިއެވެ. ކިސަޑާއި ބޮޑެތި ހިލަތަކުގެ ސަބަބުން މަގުތައް ބެދިފައިވަނިކޮށް ހުކުރު ދުވަހު މި ދެ މީހުން ފެނުމާއެކު، ބިމުއަޑީގައި ތިބި އިތުރު މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު މިހާރު ވަނީ ވަރަށް ބޮޑަށް އާވެފައެވެ.
މި އޮޕަރޭޝަނުގައި ތްރިޝޫލީ 3އޭ ހައިޑްރޯޕަވަރ ޕްރޮޖެކްޓުގެ ޓަނަލުން ސަލާމަތްކޮށްފައިވަނީ ސަންޖަޔާ ޝާހް އަދި ކަބީރު މަހަރްޖަން ނަމަކަށް ކިޔާ ދެ މަސައްކަތްތެރިންނެވެ. ރެސްކިއު ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ޓަނަލް ތެރެއިން އަޑު އިވިގެން ގޮވުމުން، އެތެރޭގައި ތިބި މީހުން ވަނީ ޖަވާބު ދީފައެވެ.
އަނިޔާތަކާއެކު ސަލާމަތްކުރި ދެ މީހުންނަށް ކަތުމަންޑޫގެ އަސްކަރީ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ދެވަނައަށް ސަލާމަތްކުރި މަހަރްޖަންގެ ހާލު ވަރަށް ސީރިއަސް އެވެ. މީގެ އިތުރުން އެ ޓަނަލްގެ ތެރެއިން ތިންވަނަ މީހެއްގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، ހަށިގަނޑު އޮތް ހާލަތުގެ ސަބަބުން އެއީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.
Ads by BMLއޮގަސްޓް 26 ވަނަ ދުވަހު ހިމާލަޔާ ފަރުބަދަތަކުގެ ގަނޑުފެންގަނޑެއް ވިރިގެން ފޭބުމުގެ ސަބަބުން ހިނގި މި ހާދިސާގައި ނޭޕާލާއި ޓިބެޓުން މިހާތަނަށް 1،311 މީހުން ވަނީ މަރުވެފައެވެ. އަދި 34 ގައުމެއްގެ ރައްޔިތުން ހިމެނޭހެން 5،330 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
ނޭޕާލްގެ ހައިޑްރޯޕަވަރ މަޝްރޫއުތަކުގެ ހަތް ޓަނަލެއްގައި 150 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ލަފާކުރެވޭއިރު، ދެ މީހުން ސަލާމަތްކުރި ތްރިޝޫލީ 3އޭ ޓަނަލް ތެރޭގައިވެސް އަދިވެސް 39 މީހުން ތިބި ކަމަށް ބެލެވެއެވެ. އެހެންކަމުން އެތެރެއަށް ވައި ފޮނުވައިގެން، ބެދިފައިވާ މަގުތައް ކޮނެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިންނާއި އިންޖީނޭރުން ގުޅިގެން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ކޯރުތަކުގެ ފެންގަނޑު އުސްކޮށް އޮތުމާއި، އިތުރަށް ވިއްސާރަވެއްޖެނަމަ އަނެއްކާވެސް ފެންބޮޑުވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ބުނަނީ މި ދެ މީހުން ދިރިތިއްބާ ފެނުމަކީ މުޅި ރެސްކިއު މިޝަނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ފެންބޮޑުވި ފަހުން މިހާތަނަށް ނޭޕާލްގެ 400 އަށްވުރެ ގިނަ ރައްޔިތުންނާއި ބޭރުގެ 270 މީހަކު ވަނީ އެކި ސަރަހައްދުތަކުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައެވެ.
Ads by MACL
