ކޮވިޑް ވެކްސިނުން 28 ސިފައިން މަރުވި ކަމަށް އެމެރިކާގެ އަސްކަރީ ޑޮކްޓަރަކު ބުނެފި
ކޮވިޑް-19 ގެ ވެކްސިންތަކުގެ ސަބަބުން އެމެރިކާ އަސްކަރިއްޔާގެ 28 ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރީ ޑޮކްޓަރަކު ކޯޓުގައި ބަޔާން ދީފިއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ އެމެރިކާގެ އަސްކަރީ ޑޮކްޓަރެއް ކަމަށްވާ ތެރީސާ ލޯންގް އެވެ. އޭނާ މިހެން ބުނެފައިވަނީ ވާޖީނިއާގެ ފެޑެރަލް ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި އޮގަސްޓް 14 ގައި ދިން ބަޔާނެއްގައެވެ.
އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ލޯންގް ހާމަކުރި ގޮތުގައި، ކޮވިޑް ވެކްސިން ޖެހުމަށްފަހު މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ 2،544 މީހެއްގެ މަރުގެ މައްސަލަ އެމެރިކާ ސަރުކާރުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މި މަރުތަކަކީ އަދި ސީދާ ކަށަވަރުނުވާ، އެމެރިކާގެ ވެކްސިން އެޑްވާސް އިވެންޓް ރިޕޯޓިން ސިސްޓަމް (ވީއޭއީއާރްއެސް) އަށް ހުށަހެޅިފައިވާ މައްސަލަތަކެކެވެ. މީގެ ކުރިން ލޯންގްގެ މި ބަޔާނާއި، ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސްގައި އޭނާ އަދާކުރާ ދައުރު ރިޕޯޓްކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފެންމަތިވެގެން އައީ ސީއައިއޭގެ ސެންޓަ ފޯ ގްލޯބަލް ހެލްތު ސާވިސަސްގެ ޑިރެކްޓަރުގެ މަގާމުން ޓެރީ އަދިރިމް ވަކިކުރުމާ ގުޅިގެން ޑިސްޓްރިކްޓް ކޯޓުގެ ގާޒީ މައިކަލް ނަޗްމަނޯފް ބައްލަވަމުން ގެންދަވާ މައްސަލައެއްގެ ދިފާއީ ހެކިބަހުގައެވެ. ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޑިފެންސް ޑިޕާޓްމަންޓްގެ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ ފޯ ހެލްތު އެފެއާޒްގެ މަގާމުގައި ހުރި އަދިރިމް ތުހުމަތު ކުރާ ގޮތުގައި، އޭނާ މަގާމުން ވަކިކުރީ ކޮވިޑް ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ސަބަބުން ސިޔާސީ ބޭނުމެއްގައެވެ.
އަދިރިމް މަގާމުން ވަކިކޮށްފައިވަނީ އޭނާއަށް ސަރުކާރުގެ ރިޓަޔާމަންޓް އިނާޔަތްތައް ފުރިހަމައަށް ލިބެން އެންމެ މަހަކަށް ވެފައި ވަނިކޮށް، 2025 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. ނަމަވެސް އޭނާ ވަކިކުރި މައްސަލަ ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި ވަގުތީ އަމުރަށް އިންކާރު ކުރަމުން، ގާޒީ ވަނީ މައްސަލައިގައި އަދިރިމް ކާމިޔާބުވުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެފައެވެ. އަދި ސީއައިއޭ އިން ބުނަނީ އެއީ ކޮންޓްރެކްޓާ ގުޅޭ އާދައިގެ މައްސަލައެއް ކަމަށެވެ.
ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އެމެރިކާގެ ހުރިހާ އަސްކަރީ މުވައްޒަފުންނަށް ވެކްސިން މަޖުބޫރުކުރިއެވެ. މި އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން 9،000 އަށް ވުރެ ގިނަ މީހުން ޚިދުމަތުން ވަކިކުރިއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް އައުމަށްފަހު، ވެކްސިން ޖަހަން ދެކޮޅު ހެދުމުން ވަޒީފާއިން ވަކިކުރި ސިފައިންނަށް އަލުން ވަޒީފާ ދިނުމަށް ޕެންޓަގަނަށް ވަނީ އަމުރުކޮށްފައެވެ.
އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދައި، ކުއްލި ހާލަތުގައި އަވަހަށް ބޭނުންކުރަން ފެށި ފައިޒާ އަދި މޮޑާނާ ވެކްސިންތަކުގެ ސަބަބުން ވަރަށް މަދު ހާލަތްތަކުގައި ހިތުގެ މަސްތައް ދުޅަވުމުގެ ނުރައްކާ އޮތް ކަމަށް އެ ކުންފުނިތަކުން ފަހުން ވަނީ އެއްބަސްވެފައެވެ. އަދި ބައެއް ވެކްސިންތައް އެކަށީގެންވާ ވަރަށް ދިރާސާކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން ސީރިއަސް ސައިޑް އިފެކްޓްތައް ކުރިމަތިވެދާނެ ކަމަށް ރޮބަޓް އެފް ކެނެޑީ ޖޫނިއާ ތަކުރާރުކޮށް ވަނީ ބުނެފައެވެ.
Ads by MACL
