ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބޭންކުގައި ފައިސާ ގުނަން ތިއްބާ 4 ލައްކަ ޓަކާ ފޭރިގެންފި

ބޭންކުގައި ފައިސާ ގުނަން ތިއްބާ 4 ލައްކަ ޓަކާ ފޭރިގެންފި

ބަންގްލަދޭޝްގެ ކުމިއްލާގައި ހުންނަ ޕުބާލީ ބޭންކުގެ ބްރާންޗެއްގެ ތެރޭގައި، އާއިލާއަކުން ފައިސާ ގުނަން ތިއްބާ މީހަކު ވަދެ އޭގެ ތެރެއިން 400،000 (ހަތަރު ލައްކަ) ޓަކާ ފޭރިގަނެގެން ފިލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު ގާތްގަނޑަކަށް 4:25 ހާއިރު، ކުމިއްލާގެ ދޭބީދްވާރުގައި ހުންނަ ޕުބާލީ ބޭންކުގެ ގޮފީގައެވެ.

ފޭރުމުގެ ޝިކާރައަކަށްވި މީހަކީ ދޭބީދްވާރުގެ ޗޮޓް އަލަމްޕޫރު އަވަށަށް ނިސްބަތްވާ އިލެކްޓްރީޝަނެއް ކަމަށްވާ މުހައްމަދު ޒާކިރު ޙުސައިނެވެ. އޭނާ ވަނީ އާދީއްތަ ދުވަހުގެ ރޭ މި މައްސަލަ ދޭބީދްވާރު ޕޮލިސް ސްޓޭޝަނަށް ރަސްމީކޮށް ހުށަހަޅައިފައެވެ.

ފުލުހުންނަށް ހުށަހެޅި ޝަކުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒާކިރު ޙުސައިން ބޭންކުން 7 ލައްކަ ޓަކާ ނެގީ އާއިލީ ބޭނުމަކަށެވެ. ބޭންކުން އޭނާއަށް ފައިސާ ދޫކުރީ ކުދި އަދަދުތަކުގެ ނޫޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 1،000 ޓަކާގެ 5 ބޮނޑިއާއި، 500 ޓަކާގެ 2 ބޮނޑީގެ އިތުރުން 100 ޓަކާގެ 10 ބޮނޑިއެވެ.

ފައިސާ ލިބުމުން، ޒާކިރު އޭނާގެ އަންހެނުން އައިޝާ އަޚްތަރާއި ދަނބިދަރިފުޅު ޕޮލީ އަޚްތަރާ އެކު ބޭންކު ތެރޭގައި ހުރި ސޯފާއެއްގައި އިށީނދެ ފައިސާ ގުނަން ފެށިއެވެ. އެގޮތުން 1،000 ޓަކާގެ ހަތަރު ބޮނޑި (ޖުމްލަ 4 ލައްކަ ޓަކާ) ގުނައި ނިންމުމަށްފަހު، އެ ފައިސާތައް ސޯފާ މަތީގައި އެމީހުންގެ ފަހަތުގައި ބެހެއްޓިއެވެ. އެއަށްފަހު އެމީހުން އަވަދިނެތި އުޅުނީ ބާކީ ހުރި ކުދި ނޫޓުތައް ގުނުމުގައެވެ.

އެމީހުން ފައިސާ ގުނުމުގެ ސަމާލުކަން ދީގެން ތިބި ވަގުތު ބަލައި، ކައިރީގައި އިށީނދެގެން އިން ވަގެއް ވަނީ ފަހަތުގައި އޮތް 1،000 ޓަކާގެ ހަތަރު ބޮނޑި ވަގަށް ނަގައިގެން ބޭންކުން ފިލައިގެން ގޮސްފައެވެ. އާއިލާއަށް ފައިސާ މަދުވިކަން އެނގުނީ ބާކީ ހުރި ފައިސާތައް ގުނައި ނިންމައި އެއްކުރަން އުޅުމުގެ ތެރޭގައެވެ. އަދި ފައިސާ ވަގަށް ގެންދިޔަކަން ކަށަވަރުވީ ބޭންކުގެ ސީސީޓީވީ ފުޓޭޖު ބެލުމުންނެވެ.

މި ހާދިސާ ހިނގި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ކްލިޕެއް މިހާރު ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފަށައިފައެވެ.

ޕުބާލީ ބޭންކުގެ އެ ބްރާންޗުގެ މެނޭޖަރު މުހައްމަދު ވާޢިސް މަޢުސޫމް ޗައުދަރީ ވިދާޅުވީ، ކަސްޓަމަރު ފައިސާ ގުނުމަށް ފަހު ފަހަތުގައި ބެހެއްޓުމަށްފަހު މާބޮޑަށް އެކަމަށް ގެއްލިފައި އިނުމުން، ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަން ނުދެވުމުގެ ފައިދާ ވަގު ނެގީ ކަމަށެވެ.

ދޭބީދްވާރު ޕޮލިސް ސްޓޭޝަނުގެ އޮފިސަރ-އިން-ޗާޖް މުހައްމަދު މުނީރުއްޒަމާން ވިދާޅުވީ، މައްސަލައިގެ ޝަކުވާއާއެކު ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ކުށްވެރިޔާ ހޯދައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.