ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އޮންލައިންކޮށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅަން ނޭޕާލުން ފަށައިފި
ނޭޕާލުގައި ފަހަކުން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށާއި، ގެއްލުނު މީހުން ހޯދުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެހީއަށް އެދުނު އާއިލާތަކަށް އޮންލައިންކޮށް ފުރައްސާރަކުރަމުންދާ މީހުންނާ ދެކޮޅަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް ފޭސްބުކްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، ހިތާމަވެރި ހާލަތްތަކުގައި ވޭން ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އަގުވައްޓާލައި، އިތުރަށް ތަކުލީފު ޖައްސަން މަސައްކަތްކުރާ މީހުންނަކީ ކުށްވެރިން ކަމަށާއި، އެފަދަ ފަރާތްތަކާމެދު އެއްވެސް ދުލެއް ނުދެއްވާނެ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި މީހުން ހޯދުމަށް ގޮވާލައި، ސަރުކާރުގެ ސަލާމަތީ އޮޕަރޭޝަންތައް ލަސްކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރުމުން ގިނަ ބައެއްގެ ފަރާތުން ނަފްރަތާއި ހުތުރު ބަސްތައް އެ މީހުންނަށް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ފިރިމީހާ ގެއްލިގެން ކަންބޮޑުވުން ފާޅުކުރި އަންހެނަކަށް، "ކޯރަށް ފުންމާލައިގެން އަމިއްލައަށް ހޯދަންވީ ނޫންހޭ" ބުނެ ކޮމެންޓުކޮށްފައިވާ ހާދިސާތައް ވެސް ވަނީ ފެންމަތިވެފައެވެ.
Ads by BMLމިފަދަ ހަޑިމުޑުދާރު އަދި އިހުސާސްތަކަށް ބެލުމެއްނެތް ކޮމެންޓުތައް ކުރާ މީހުންގެ އައިޕީ އެޑްރެސްތަކާއި ފޯނު ނަންބަރުތައް ދެނެގަތުމަށްޓަކައި ނޭޕާލް ފުލުހުން މިހާރު ވަނީ 10 މެންބަރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައި ތަހުގީގު ފަށާފައެވެ.
ނޭޕާލުގެ އިލެކްޓްރޯނިކް ޓްރާންސެކްޝަންސް ގާނޫނު ބުނާގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންގެ އަބުރު ކެއްލުމާއި ފުރައްސާރަކުރާ ފަރާތްތަކަށް ފަސް އަހަރުގެ ޖަލު ހުކުމެއް، ނުވަތަ އެއްލައްކަ ރުޕީސްގެ ޖޫރިމަނާއެއް، ނުވަތަ އެ ދެ އަދަބު އެކުގައި އަންނާނެއެވެ.
ޑިޖިޓަލް ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ބޮޑީ އެންޑް ޑޭޓާ' ގެ އެގްޒެކެޓިވް ޑިރެކްޓަރު ދޮވަން ރާއީ ވިދާޅުވީ، މިފަދަ ދަށުދަރަޖައިގެ ކޮމެންޓުތައް އާންމުކޮށް ފެންނަނީ މީހުންގެ ރުޅިވެރިކަން އިތުރުކޮށް އޮންލައިން އެންގޭޖްމަންޓް ނުވަތަ ވިއުސް ހޯދަން މަސައްކަތްކުރާ މީހުންނާއި، ސަރުކާރަށް ނިސްބަތްވާ ހަރުކަށި ސަޕޯޓަރުންގެ ފަރާތުން ކަމަށެވެ. އެގޮތުން ސަރުކާރަށް އެއްވެސް ފާޑުކިޔުމެއް އަމާޒުވިޔަ ނުދިނުމަށްޓަކައި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް ނަމަވެސް ބެލުމެއްނެތި ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by MACL
