ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސައޫދީގެ ހަތިޔާރު އުފުލާ ކޮންވޯއިއަކަށް ހޫޘީން ވަރުގަދަ ހަމަލާއެއް ދީފި

ސައޫދީގެ ހަތިޔާރު އުފުލާ ކޮންވޯއިއަކަށް ހޫޘީން ވަރުގަދަ ހަމަލާއެއް ދީފި

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ އަސްކަރީ ހަތިޔާރާއި ވަޒަން އުފުލި ގިނަ އަދަދެއްގެ ލޮރީތަކަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީ، އެ އުޅަނދުތައް އެއްކޮށް އަންދާ އަޅިއަށް ހަދާލައިފިއެވެ. ސޯޝަލް މީޑިއާގައި މި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ދައުރުވަމުންދާއިރު، ސައޫދީ އަރަބިއްޔާއިން ވަނީ މި ހަމަލާއަށް އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ހޫޘީންނާ ގުޅުން އޮންނަ ޔަމަން ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އަލް ވަދީއާ ކޭމްޕުގައި ތިބި ސައޫދީ އަސްކަރިއްޔާގެ ހަރަކާތްތައް ދުރާލާ ބަލައި ދިރާސާކުރުމަށް ފަހުގައެވެ. އަދި އެ ސަރަހައްދުގައި ހުރި ހަތިޔާރު އަޅާފައިވާ ބޮޑެތި ލޮރީތައް ގޮއްވާލުމަށް ބޭނުންކޮށްފައިވަނީ އެ ޖަމާއަތުން އަމިއްލައަށް އުފައްދާފައިވާ ޒަމާނީ މިސައިލްތަކެއް ކަމަށްވެސް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ހޫޘީންގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސައޫދީގެ ސަލާމަތާއި، ސިޔާދަތާއި، ރައްޔިތުންގެ އިތުރުން ގައުމީ މުދާ ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި އަސްކަރީ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ އިޚްތިޔާރާއި ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

ސައޫދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، މިއީ މަސްރަހު އިތުރަށް ގޯސްކޮށް، ހަމަނުޖެހުން ބޮޑުކުރުމަށް ހޫޘީން ގަސްދުގައި ހިންގި ޖަރީމާއެއް ކަމަށެވެ. އަދި ހޫޘީންގެ ފަރާތުން ފޯރާ މިފަދަ ނުރައްކާތަކުން ދިފާއުވެ، އެ ޖަމާއަތުގެ ހަރަކާތްތައް ހުއްޓުވުމަށް އަޅަންޖެހޭ އެންމެހައި އަސްކަރީ ފިޔަވަޅުތައް ސައޫދީ އިއްތިހާދުން ވަރުގަދައަށް އަޅަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ހޫޘީން ވަނީ ސައޫދީގެ ދެކުނު ސަރަހައްދުތައް ކަމަށްވާ އަބްހާ، ޚަމީސް މުޝައިތު، ޖާޒާން އަދި ނަޖްރާނަށް ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ހަމަލާތައް ދީފައެވެ. މީގެ އިތުރުން ރަތްކަނޑުގެ ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ ގޮތުން ކަނޑުބޯޓުފަހަރަށް ދޭ ހަމަލާތައްވެސް އެ ޖަމާއަތުން ވަނީ ވަރުގަދަކޮށްފައެވެ. ސައޫދީގެ އާންމު ރައްޔިތުންނާއި މަދަނީ ވައިގެ ބަނދަރުތަކަށް ދިން އެކި ހަމަލާތަކުގައި ފަހުން 73 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް އެ ގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ޔަމަނާއި މުޅި މެދުއިރުމަތީގެ ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ހޫޘީން ކުރަމުންދާ މިފަދަ ހަމަލާތައް ހުއްޓުވުމަށާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ސައޫދީން ވަނީ ގޮވާލާފައެވެ.