ފިލިޕީންސްގައި ފަސިންޖަރުން އުފުލާ ފެރީއެއްގައި ރޯވެ، 5 މީހުން މަރުވެ 87 މީހުން ގެއްލިއްޖެ
ފިލިޕީންސްގެ ހުޅަނގު ބިތުގައި އޮންނަ ޕަލަވާން ޕްރޮވިންސްގެ ކޮރޯން ކައިރިން ކަނޑުމަތީގައި ދަތުރުކުރި ފަސިންޖަރުން އުފުލާ ފެރީއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހަކު މަރުވެ އިތުރު 87 މީހަކު ގެއްލިއްޖެއެވެ.
ފިލިޕީންސް ކޯސްޓް ގާޑާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޖޫން އެސްޓަރ" ނަމަކަށް ކިޔާ މި ފެރީގައި އަލިފާން ރޯވެފައިވަނީ ބުދަ ދުވަހުގެ ހަވީރު އެ ގައުމުގެ ގަޑިން ގާތްގަނޑަކަށް 6:45 ހާއިރުއެވެ.
މި އުޅަނދަކީ ވެރިރަށް މެނީލާގެ ބަސޭކޯއިން ފުރައިގެން ކޮރޯންއަށް ދަތުރުކުރަމުން ދިޔަ ފެރީއެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
Ads by BMLއުޅަނދުގެ މެނިފެސްޓް ރެކޯޑުތަކަށް ބަލާއިރު، ހާދިސާ ހިނގި ވަގުތު އެ ފެރީގައި 117 ފަސިންޖަރުންނާއި 17 ފަޅުވެރިންނާއެކު ޖުމްލަ 134 މީހުން ތިއްބެވެ.
ކޯސްޓް ގާޑުގެ ތަރުޖަމާނު ނޯމީ ކަޔަބްޔާބް ވިދާޅުވީ، ހާދިސާ ހިނގި ސަރަޙައްދުގައި ހިންގި ސަލާމަތީ މަސައްކަތްތަކުން މިހާތަނަށް 38 ފަސިންޖަރުންނާއި 4 ފަޅުވެރިން ހިމެނޭހެން 42 މީހަކު ކަނޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާކަން ޔަގީންކުރެވިފައިވާއިރު، ގެއްލިފައިވާ ކަމަށް ބެލެވޭ 87 މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ވަރަކަށް މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ކޯސްޓް ގާޑުން އާންމުކޮށްފައިވާ މަންޒަރުތަކުން ފެންނަނީ ފެރީ ވަރަށް ގަދައަށް އަނދަމުން ދަނިކޮށް، ސަލާމަތްކުރި މީހުންނާއި ޒަޚަމްވި ފަރާތްތަކަށް އިމަޖެންސީ ޓީމުތަކުން ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންދާ މަންޒަރެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކޯސްޓް ގާޑާއި އެ ސަރަހައްދުގެ އިދާރާތައް ގުޅިގެން މީހުން ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުވެސް ވަރުގަދައަށް ކުރިއަށްގެންދާއިރު، ފެރީގައި އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
މީގެއިތުރުން، އެ އުޅަނދުން ދަތުރުކުރި އެއްވެސް މީހެއްގެ މައުލޫމާތެއް އާއިލާތަކަށް ލިބިފައިވާނަމަ ނުވަތަ އެނގޭނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ފިލިޕީންސް ކޯސްޓް ގާޑުން ވަނީ އެދިފައެވެ.
Ads by MACL
