ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހެދުމަށް ރައީސް ލުކަޝެންކޯ ރުހުންދެއްވައިފި

ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހެދުމަށް ރައީސް ލުކަޝެންކޯ ރުހުންދެއްވައިފި

ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު އެއްވެސް ވިސާއަކާ ނުލައި ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓަށް، އެ ގައުމުގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ރަސްމީކޮށް ރުހުން ދެއްވައިފިއެވެ.

ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި، ލުކަޝެންކޯ ސޮއިކުރެއްވި މި ގަރާރަކީ ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރާއެކު ރަސްމީ މަޝްވަރާތައް ބާއްވައި އެއްބަސްވުމުގައި ސޮއިކުރުމަށް އެޅުނު މުހިންމު އަސާސެކެވެ. މީގެ އިތުރުން ރާއްޖެއާއެކު މިކަމުގެ މަޝްވަރާތައް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް ވަނީ ހަވާލުކޮށްފައެވެ.

އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި އެތެރެވުމާއި، ފުރުމުގެ އިތުރުން ޓްރާންސިޓް ފަސިންޖަރުންގެ ގޮތުގައި މަޑުކުރުމުގެ ހުއްދަ ލިބޭނެއެވެ. މިގޮތުން ކޮންމެ ދަތުރެއްގައި އެންމެ ގިނަވެގެން 30 ދުވަހު މަޑުކުރެވޭއިރު، އަހަރެއްގެ ތެރޭގައި ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާނޭހެން ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށް ރިޔާސީ ގަރާރުގައިވެއެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތްތައް ފުޅާކޮށްފައިވާއިރު، މިއަހަރުގެ ފެބްރުއަރީ ތިން ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ވަފުދެއް ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގައި ބެލަރޫސްގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާ ބައްދަލުކުރައްވައި، މިއީ ދެ ގައުމުގެ ދެމެދުގައި ބޭއްވުނު އެންމެ ފުރަތަމަ ރަސްމީ ބައްދަލުވުން ކަމުގައި އެ ގައުމުން ވަނީ ފާހަގަކޮށްފައެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފަތުރުވެރިކަމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ގުޅުންތަކުގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީ އެތެރެކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށެވެ. އަދި ދެ ގައުމުގެ ފޮރިން މިނިސްޓްރީ ގުޅިގެން ގާނޫނީ އޮނިގަނޑުތައް ހަރުދަނާކޮށް، ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ބެލަރޫސްއިން ދަނީ އެ ގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކަށް ވިސާގެ ލުއިތައް ދެމުންނެވެ. އެގޮތުން ޔޫރަޕްގެ 38 ގައުމެއްގެ މީހުންނަށްވެސް 2026 ވަނަ އަހަރުގެ ނިޔަލަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ބެލަރޫސްއަކީ ސިއްހީ ދާއިރާއިން ޑޮކްޓަރުކަން ކިޔެވުމަށްޓަކައި ދިވެހި ގިނަ ދަރިވަރުންތަކެއް މިހާރުވެސް މަތީ ތައުލީމު ހާސިލުކުރަމުން އަންނަ މަންޒިލެކެވެ.