ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގައި ބޭރުން ފަރުވާ ހޯދަންޖެހޭ 22,000 އަށްވުރެ ގިނަ ބަލިމީހުން!

ޣައްޒާގައި ބޭރުން ފަރުވާ ހޯދަންޖެހޭ 22,000 އަށްވުރެ ގިނަ ބަލިމީހުން!

ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުންވެސް އިސްރާއީލުން ބޯޑަރުތައް ހިފަހައްޓަމުންދާތީ، އެމަރޖެންސީ ފަރުވާ ބޭނުންވާ 22,000 އަށްވުރެ ގިނަ ފަލަސްތީނުގެ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ރާއްޖެއިން ބޭރަށް ދެވޭގޮތް ނުވެ ނުރައްކާތެރި ހާލަތެއްގައި ތިބިކަން ހާމަވެއްޖެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުގެ އިސްވެރިޔާ އިސްމާއީލް އަލް-ޘަވާބިތާ ވިދާޅުވި ގޮތުގައި، ސާފު ނުވާ ސެކިއުރިޓީ އުޒުރުތައް ދައްކައިގެން ބޯޑަރުތައް ބަންދުކޮށްފައި ބެހެއްޓުމަކީ ބަލިމީހުންނަށް ގަސްދުގައި ދެމުންދާ އަދަބެކެވެ. އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ދުވާލަކު މަދުވެގެން 1,000 ބަލިމީހުންނަށް ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ބޯޑަރު ކްރޮސިންގްސް އޮތޯރިޓީން އާންމުކުރި ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލިފަހުން ޣައްޒާއިން ބޭރަށް ދެވުނީ އެންމެ 10,500 މީހުންނަށް ކަމަށާއި، މީގެ ތެރެއިން 6,000 މީހުން އެނބުރި އައިސްފައިވާ ކަމަށެވެ. މިއީ މުޅި ސަރަހައްދުގައި އޮތް އިންސާނީ ކާރިސާއާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ރަފާހް ބޯޑަރު ހިފަހައްޓައި، ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާތީ، ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޭރުން ފަރުވާ ހޯދުމުގެ ހުއްދައަށް އެދި އިންތިޒާރުކުރަމުންދިޔަ މީހުންގެ ތެރެއިން 1,100 އަށްވުރެ ގިނަ ބަލިމީހުން ފަރުވާ ނުލިބި މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ތެރޭގައި އެމަރޖެންސީ ސާޖަރީތަކާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ބޭނުންވާ 4,300 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގެ ސިއްހީ ނިޒާމު އެއްކޮށް ހަލާކުވެފައިވާއިރު، ރަފާހް ބޯޑަރުން ދަތުރުކުރުމުގެ ހުއްދަ ދެނީ ވަރަށް މަދު ބަޔަކަށް ކަމަށް މީޑިއާ އޮފީހުން އާންމުކުރި ހަފުތާގެ ރިޕޯޓުގައިވެއެވެ. ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރަފާހް ބޯޑަރު ހުޅުވާފައިވަނީ އެންމެ ތިން ދުވަހު ކަމަށްވާއިރު، އެ ދުވަސްތަކުގައި ދަތުރުކުރުމުގެ ހުއްދަ ލިބުނީ އެންމެ 165 ބަލިމީހުންނަށެވެ. މީގެ އިތުރުން، ބޭރުގައި ތިބި 90,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން އެނބުރި ގައުމަށް އައުމަށް އެދެމުންދާއިރު، އެމީހުންނަށްވެސް އެނބުރި އާދެވޭނެ މަގު އޮތީ ބަންދުވެފައެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ބޯޑަރުތައް ވަގުތުން ހުޅުވާލައި، ބަލިމީހުންނަށް ފަރުވާ ހޯދުމަށް ފުރުސަތު ދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ. އިސްރާއީލުން ބޯޑަރުތައް ހިފަހައްޓައިގެން ދޭ އަދަބުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއްކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގުދުރަތީ އަދި ސިއްހީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.