އަމީތާބްގެ ކާފަދަރިފުޅު ނަވްޔާ ބައްޕަގެ ބޮޑު ކުންފުނީގައި މަސައްކަތް ފަށައި، އަމިއްލަ ވަނަވަރެއް ބިނާކުރަން ބޭނުންވާކަން ހާމަކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަންގެ ކާފަދަރިފުޅު، އުމުރުން 28 އަހަރުގެ ނަވްޔާ ނަވޭލީ ނަންދާ، އޭނާގެ ބައްޕަ ނިކިލް ނަންދާ އިސްވެ ހުންނަވާ 32،500 ކްރޯޑް ރުޕީސްގެ އަގުހުރި "އެސްކޯޓްސް ކުބޯޓާ" ކުންފުނީގައި މަސައްކަތް ކުރަން ފަށައިފިއެވެ. ޓްރެކްޓަރާއި ދަނޑުވެރިކަމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީތައް އުފައްދާ މި ކުންފުންޏަކީ އޭނާގެ މަޝްހޫރު އާއިލާއާ ގުޅިފައިވާ އާންމު ދާއިރާތަކާ މުޅިން ތަފާތު ދާއިރާއެކެވެ.
އިންޑިއާގެ ކުރީގެ ސްޓޭޓް ބޭންކް ޗެއާޕާސަން އަރުންދަތީ ބަޓާޗާރިޔާގެ ހަނދާނީ ފޮތް "އަޕަރާޖިތާ" ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަވްޔާ ބުނީ، އޭނާގެ އާއިލީ ނަމާއި އާއިލާގެ މަޝްހޫރުކަމުގެ ތެރޭގައި އަމިއްލަ ވަނަވަރު ހަނިކޮށްލަން ބޭނުންނުވާ ކަމަށެވެ. އެގޮތުން މީހެއްގެ ދަރިއެއްގެ ގޮތުގައި، ކާފަދަރިއެއްގެ ގޮތުގައި، ނުވަތަ ކޮއްކޮއެއްގެ ގޮތުގައި އެކަނި މީހަކު މާނަކުރުމަށްވުރެ ބޮޑަށް، އަންހެނުންނަކީ އެއަށްވުރެ މާ ފުޅާ ދައުރެއް އަދާކުރެވިދާނެ ބައެއްކަން އޭނާ ފާހަގަކުރިއެވެ.
އާ ޖީލު ނުވަތަ "ޖެން ޒީ" އާ ގުޅޭގޮތުން ވާހަކަދައްކަމުން ނަވްޔާ ބުނީ، ޒުވާނުންނަކީ ހަމައެކަނި ފައިދާ ހޯދަން މަސައްކަތްކުރާ ބައެއް ނޫން ކަމަށާއި، އެމީހުން ބޭނުންވަނީ މުޖުތަމައަށާއި އަންހެނުންނަށް ފައިދާހުރި މާނަވީ މަސައްކަތްތަކެއް ކޮށްދިނުމަށް ކަމަށެވެ. މީގެއިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ވަޒީފާތަކަށް ކުރިމަތިވެދާނެ ނުތަނަވަސްކަމާއެކުވެސް، ޒުވާނުންގެ އަޒުމް ވަރުގަދަވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
Ads by BMLޖެންޑާ އީކުއަލިޓީ ނުވަތަ ޖިންސީ ހަމަހަމަކަމާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ޒުވާނުން މިހާރު ދެކޭ ކަމަށާއި، ނަމަވެސް މުޖުތަމައުގައި އަދިވެސް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި ހަމަހަމަކަމަކީ ހަމައެކަނި ފިރިހެނުންނާ އެއްވަރުވާން އަންހެނުން ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެއީ އަންހެނުން އަމިއްލަ ދިރިއުޅުމުގެ މިސްރާބު ކަނޑައެޅުން ކަމަށާއި، މިކަމުގައި ފިރިހެނުންގެ އެއްބާރުލުންވެސް މުހިންމު ކަމަށް އޭނާ ފާހަގަކުރިއެވެ.
އާއިލީ ވިޔަފާރީގެ ޝައުގު އުފެދުނު ގޮތާ ގުޅޭގޮތުން ނަވްޔާ ބުނީ، އޭނާގެ މާމަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ރާޖް ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ރީތޫ ނަންދާ އަކީ ވިޔަފާރީގެ ދާއިރާއިން އޭނާއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި ޝަޚުސިއްޔަތު ކަމަށެވެ. މާމަ އޭނާގެ ވިޔަފާރީގެ ވާހަކަތައް ދައްކާއިރު ފެންނަ ފޯރިއާއި ޖޯޝުގެ ސަބަބުން ކޯޕަރޭޓް ދުނިޔެއަށް އޭނާގެ ޝައުގުވެރިކަން އުފެދުނު ކަމަށާއި، މަންމަ ޝްވެތާ ބައްޗަން އާއި މާމަ ޖަޔާ ބައްޗަން އަކީވެސް އޭނާގެ ދިރިއުޅުމުގައި ނަމޫނާ ދެއްކި ބޭފުޅުން ކަމަށް ބުންޏެވެ.
ބައްޕަގެ ވިޔަފާރީގައި މަސައްކަތް ކުރުމުގެ އިތުރުންވެސް، ނަވްޔާ އަންނަނީ އަމިއްލަ ގޮތުން އިޖުތިމާއީ އަދި ވިޔަފާރީގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންގެ ދުޅަހެޔޮކަމަށް ހާއްސަކޮށް އުފައްދާފައިވާ "އާރާ ހެލްތު" އާއި، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ "ޕްރޮޖެކްޓް ނަވޭލީ" ގެ އިތުރުން ޖެން ޒީ އާ ބެހޭގޮތުން ނެރެން ހަމަޖެހިފައިވާ ފޮތެއް ލިޔުމުގެ މަސައްކަތް ހިމެނެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އާއިލީ ވާރުތައިން އެއްކިބާވުމުގެ ބަދަލުގައި، އާއިލާ އޮތް ގޮތް ބަލައިގަނެ އަމިއްލަ މަސައްކަތުން ކަންކަން ހާސިލުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ.
Ads by MACL
