މެލޭޝިޔާގައި 72 އަހަރުގެ މީހަކު 20 އަހަރުގެ މީހަކާ ކައިވެނިކޮށްފި
މެލޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަބްދާ އަލީފް، އުމުރުން 72 އަހަރުގައި، 20 އަހަރުގެ އަންހެނަކާ ކާވެނިބައްލަވައިގެންފިއެވެ.
މި ކާވެނީގެ ހަފުލާ އޮތީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މެލޭޝިއާގެ ތެރެންގާނޫގައެވެ. ކާވެނީގެ ހެދުމުގައި ދެމަފިރިން ތިއްބެވި ފޮޓޯތައް އިޖުތިމާއީ މީޑިއާގައި އާންމުވުމާ ގުޅިގެން ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް ވަނީ މި ކަމަށް ހުއްޓިފައެވެ.
އަބްދާގެ ކޮއްކޯފުޅު އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޔޫނުސް އަލީފް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ކާވެންޏަކީ ދެ އާއިލާގެ ފުރިހަމަ ރުހުމާއެކު ކުރެވުނު ކާވެންޏެއް ކަމަށެވެ. އެހެންކަމުން މި ކާވެނީގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLޔޫނުސް އިތުރަށް ވިދާޅުވީ އަބްދާ މި ވަގުތު ފޯނަށް ޖަވާބު ނުދެއްވަނީ ހަނީމޫން ދަތުރުފުޅުގައި އުޅުއްވާތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އާއިލާގެ އެދުމަކީ ދެމަފިރިންނަށް އުފާވެރި ހަޔާތެއް މިންވަރުކުރެއްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުޅުން ހުއްޓާލެއްވުމަށްފަހު އަބްދާ އާންމުކޮށް އުޅުއްވަނީ މީޑިއާތަކާ ދުރުގައެވެ. އޭނާއަކީ 1970 އާއި 1980 ގެ އަހަރުތަކުގައި ތެރެންގާނޫ އަދި ހަންގް އަށް މެލޭޝިއާ ކަޕްގައި ކުޅުއްވި މޮޅު މިޑްފީލްޑަރެކެވެ.
އަބްދާ އަލީފަކީ މެލޭޝިއާގެ ފުޓްބޯޅައިގެ ރަންޔޫގުގެ މުހިންމު ހިއްސާދާރެކެވެ. އޭނާ ވަނީ 1980 ވަނަ އަހަރުގެ މޮސްކޯ އޮލިމްޕިކްސްއަށް މެލޭޝިއާ ކޮލިފައިވި ގައުމީ ސްކޮޑުގައި ހިމެނިވަޑައިގެންފައެވެ.
Ads by MACL
