ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބްރިކްސް ސަމިޓުގެ ފުރަތަމަ ދުވަހު މޯދީ ދިން ފަރިއްކޮޅުގައި ޝީ ޖިންޕިންގް ބައިވެރިނުވޭ

ބްރިކްސް ސަމިޓުގެ ފުރަތަމަ ދުވަހު މޯދީ ދިން ފަރިއްކޮޅުގައި ޝީ ޖިންޕިންގް ބައިވެރިނުވޭ

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ފުރަތަމަ ދުވަސް ނިމުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭގަނޑު ދިން ފަރިއްކޮޅެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އަބޫދާބީގެ ވަލީއަހުދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބައިވެރިވެފައެއް ނުވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިންޑިއާއަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ދިގު ދަތުރަކަށްފަހު އިންޑިއާއަށް ވަޑައިގެން ސަމިޓުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މޯދީއާއެކު ބޭއްވި ދޭދޭ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ. މި ފަރިއްކޮޅުގައި ޝީ ބައިވެރިވެވަޑައިނުގެންނެވީ ގައުމުތަކުގެ މެދުގައި ގަޑީގެ ގޮތުން ހުރި ތަފާތުތަކާއި، ދިގު ދަތުރުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައި ހުންނެވުމުން ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފައިވެއެވެ.

މި ފަރިއްކޮޅުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އިތުރުން ބްރިކްސްގެ އެހެނިހެން ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ވަޒީރުންނާއި، އެކި ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި އަމިތު ޝާހު، ނިރްމަލާ ސީތާރާމަން، ޕިޔޫޝް ގޯޔަލް، އަޝްވިނީ ވައިޝްނާވް އަދި ޝިވްރާޖް ސިންގް ޗޯހާން ހިމެނެއެވެ. އަދި ލޯކް ސަބާގެ ސްޕީކަރު އޯމް ބިރްލާ އާއި، އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު، މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދްރަ ފަޑްނާވިސް، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ އަދި އައްސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ބައިވެރިވެވަޑައިގަތެވެ. މި ބޭފުޅުން ފަރިއްކޮޅު އޮތް ސެންޓްރަލް ދިއްލީގެ ބާރަތު މަންޑަޕަމް އަށް ޕާލަމެންޓް ހައުސް އިން ވަޑައިގަތީ ދެ ބަހެއްގައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބްރިކްސް ސަމިޓު މިއަދު ނިމޭނެއެވެ. މި ސަމިޓުގައި 11 މެމްބަރު ގައުމަކާއި، 10 ޕާޓްނަރު ގައުމެއްގެ އިތުރުން ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކުން ދަނީ ބައިވެރިވަމުންނެވެ. ސަމިޓުގެ ފަހު ދުވަސް ކަމަށްވާ މިއަދު، މޯދީ ހަތް ގައުމެއްގެ ލީޑަރުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ މޯދީ އާއި ޝީ ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ ގައުމުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތަކަކީ އަރައިރުންތަކަކަށް ވެގެން ނުވާނެ ކަމަށް ދެ ލީޑަރުންވެސް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ޓިއަންޖިންގައި ބޭއްވި ބައްދަލުވުމަށްފަހު ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކޮށް، ކުރިމަގުގައިވެސް ގުޅުން ބަދަހިކުރުމަށް ދެ ގައުމުންވެސް ސްޓްރެޓީޖިކް އަދި ދިގުމުއްދަތުގެ ވިސްނުމެއް ގެންގުޅެން ޖެހޭކަމަށް އެއްބަސްވެފައިވެއެވެ. މި ބައްދަލުވުމުގައި މޯދީ ފާހަގަކުރި ގޮތުގައި ދެ ގައުމުގެ ގުޅުން ބިނާވެފައި އޮންނަންވާނީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަތުމާއި، އަދި ދެ ގައުމުގެވެސް މަސްލަހަތަށް އިސްކަންދިނުމުގެ މައްޗަށެވެ.