ޙޫޘީންގެ ޑްރޯނެއް މައްކާ ކައިރިން ވައްޓާލައިފި
ޔަމަނުގެ ޙޫޘީން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް، މައްކާގެ މަނާ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ ސިފައިން އަންގާރަ ދުވަހު އިންޓަސެޕްޓްކޮށް ވައްޓާލައިފިއެވެ. އީރާނާ ގުޅިފައިވާ ޙޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ބުދަ ދުވަހުގެ ކުރީކޮޅު ބުނީ، މި ޑްރޯން ގޮއްވާލާފައިވަނީ މައްކާގެ ދެކުނުން ކަމަށެވެ.
އިސްލާމްދީނުގެ އެންމެ މުޤައްދަސް ދެ ޙަރަމްފުޅާއި، ޙައްޖުވެރިންގެ ރައްކާތެރިކަމަކީ ކޯލިޝަނަށް އޮތް "ރަތް ރޮނގެއް" ކަމަށް މާލިކީ ސިފަކުރިއެވެ. އަދި ޙޫޘީންގެ މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް ކޯލިޝަނުން އަޅާނެކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.
މުޅި ދުނިޔޭގެ މުސްލިމުންގެ އެންމެ މުޤައްދަސް ބިމަކީ މައްކާއެވެ. ކޮންމެ އަހަރަކު އެތައް މިލިއަން މުސްލިމުންނެއް، އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުންކަމަށްވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެއެވެ.
Ads by BMLކޯލިޝަނުން ހާމަކުރާ ގޮތުގައި މިއީ ޙޫޘީން މައްކާއަށް ޙަމަލާދޭން އުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެންވެސް އެ ޖަމާޢަތުން މައްކާއަށް ޙަމަލާދޭން މަސައްކަތްކޮށްފައިވާކަމަށް މާލިކީ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސަޢުދީ ޢަރަބިއްޔާއިން ވަނީ އަންގާރަ ދުވަހު މައްކާގެ އިތުރުން ޤައުމުގެ އެކި ހިސާބުތަކަށް ސަލާމަތީ އެލަރޓްތައްވެސް ނެރެފައެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ސަޢުދީ އިތުރަށް ވަދެގެންދާ ފަދަ ގޮތަކަށް، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު އީރާނާ ގުޅިފައިވާ ހަނގުރާމަވެރިން ސަޢުދީއަށް ދެމުންދާ ޙަމަލާތަކަކާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
ނަމަވެސް، ޙޫޘީންގެ އަސްކަރީ މަސްދަރަކުން ވަނީ މައްކާއަށް ނުވަތަ އެހެންވެސް މުޤައްދަސް ތަނަކަށް ޙަމަލާދޭން އުޅުނުކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. ޙޫޘީން ހިންގާ ސަބާ ނިއުސް އެޖެންސީގައި އަންގާރަ ދުވަހު ބުނެފައިވަނީ އެ ޖަމާޢަތުގެ ފަރާތުން މުޤައްދަސް ތަންތަނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ޔަމަނުގެ ރަތް ކަނޑުގެ އައްސޭރީގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރަނީ ޙޫޘީންނެވެ. މީގެ ތެރޭގައި ދުނިޔޭގެ ޝިޕިންގ ރޫޓުގެ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބް ފެންނަ ސަރަޙައްދުތައް ހިމެނޭއިރު، މީގެ ސަބަބުން ހުރްމޫޒް ކަނޑުއޮޅިން މަގު ބަދަލުކޮށްގެން ސަޢުދީން ކުރާ ތެލުގެ ވިޔަފާރިއަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ.
ޔަމަނަށް ދެމުންދާ ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ، ވޭތުވެދިޔަ ހަފްތާގައި ޙޫޘީން ވަނީ ސަޢުދީއަށް ބޮޑެތި ޙަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ހޯމަ ދުވަހު ސަޢުދީގެ ވައިގެ މަރުކަޒަކަށް ދިން ޙަމަލާތައް ޙޫޘީން ވަނީ އިޢުލާންކޮށްފައެވެ.
Ads by MACL
