ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިން އެމެރިކާއަށް 38 ބިލިއަން ޑޮލަރުގެ ގެއްލުން

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިން އެމެރިކާއަށް 38 ބިލިއަން ޑޮލަރުގެ ގެއްލުން

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ލިބުނު ގެއްލުމާއި ޚަރަދު 38.1 ބިލިއަން ޑޮލަރަށް އަރާކަމަށް އެމެރިކާގެ ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) އިން ހާމަކޮށްފިއެވެ. ސީބީއޯގެ ރިޕޯޓުން ދައްކާގޮތުގައި ޓްރަމްޕް ފެށި މި ހަނގުރާމައަށް މަހެއްގެ މައްޗަށް އިތުރު 2 ނުވަތަ 3 ބިލިއަން ޑޮލަރު ދަނީ ޚަރަދުވަމުންނެވެ.

މި ހަނގުރާމައިގައި މިހާތަނަށް ހަތިޔާރަށް އެކަނިވެސް 21.7 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމަށް ބޭނުންކުރި އިންޓަސެޕްޓަރުތަކަށް ޚަރަދުވި 13.1 ބިލިއަން ޑޮލަރު ހިމެނެއެވެ. 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެމެރިކާގެ އަތުގައި ހުރި އިންޓަސެޕްޓަރުތަކުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ ދެބައި މިހާރު ވަނީ ހުސްވެފައެވެ. ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރި ނަމަވެސް، މި ސްޓޮކް އަލުން ފުރިހަމަކުރުމަށް މަދުވެގެން ފަސް އަހަރު ދުވަސް ނަގާނެކަމަށް ލަފާކުރެވެއެވެ.

ހަނގުރާމައިގެ މައިދާނުގައި ލިބުނު ގެއްލުންތައް ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރޭގައި އީރާނުން ހަލާކުކޮށްލި 500 މިލިއަން ޑޮލަރުގެ "ތާޑް" (THAAD) ރާޑަރު ސިސްޓަމް ހިމެނެއެވެ. މީގެ އިތުރުން ހަތަރު އެފް-15އީ ބޯޓާއި، އެއް އެފް-35އޭ ބޯޓާއި 24 އެމްކިއު-9 ޑްރޯން އަދި އެހެނިހެން ވައިގެ އުޅަނދުތައް އެމެރިކާއަށް ވަނީ ގެއްލިފައެވެ. ސީބީއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މަތިންދާބޯޓުތައް އުދުހުނު ވަގުތު އިތުރުވުމުގެ ސަބަބުން އިތުރު 10.4 ބިލިއަން ޑޮލަރު ވެސް ވަނީ ޚަރަދުވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގެ ޕެންޓަގަންއަށް ތެލުގެ ޚަރަދުގެ ގޮތުގައި އިތުރު 2.7 ބިލިއަން ޑޮލަރު ވަނީ ހޭދަކުރަންޖެހިފައެވެ. މީގެ ނޭދެވޭ އަސަރު އެމެރިކާގެ އާންމު ރައްޔިތުންނަށްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވެ، އެމެރިކާގައި އިންފްލޭޝަން ވަނީ މައްޗަށް ގޮސްފައެވެ.

އީރާނުގެ އަސްކަރީ ބާރު މުޅިން ނައްތާލާނެކަމަށް ބުނެ ފޮނިކަނޑަމުން ޓްރަމްޕް މި ހަނގުރާމަ ފެށި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ. އީރާނުން އަދިވެސް ދަނީ ހަނގުރާމަކުރަމުންނެވެ. ނަމަވެސް އެމެރިކާއަށް މިވަނީ ބިލިއަނުން ގެއްލުންވެ، މިސައިލް ސްޓޮކް ހުސްވެ، ވައިގެ ދިފާއީ ނިޒާމު އަލުން އާރާސްތުކުރަން ފަސް އަހަރުގެ ދިގު އިންތިޒާރަކާ ކުރިމަތިލާން ޖެހިފައެވެ.