ކްރިޕްޓޯ ޓްރޭޑިންގ މަކަރާއި ހީލަތުގެ ތުހުމަތުގައި ރޮބިންހުޑްގެ ދެ އިންޖިނިއަރަކަށް ދައުވާކޮށްފި
އެމެރިކާގެ މަޝްހޫރު ފައިނޭންޝިއަލް ޓެކްނޮލޮޖީ ކުންފުނި ރޮބިންހުޑްގެ ކުރީގެ ދެ އިންޖިނިއަރަކު، ކުންފުނީގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ޣޭރުގާނޫނީ ގޮތުން ކްރިޕްޓޯކަރަންސީ ޓްރޭޑިންގ ހިންގި ކަމުގެ ތުހުމަތުގައި އެމެރިކާގެ އިންސާފުގެ ވުޒާރާއިން ޖިނާއީ ދައުވާ އުފުލައިފިއެވެ.
އެމެރިކާގެ ނިއުޔޯކްގެ ސަދަން ډިސްޓްރިކްޓްގެ ފެޑަރަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ އުމުރުން 36 އަހަރުގެ ހެފޫ ޗައި އާއި އުމުރުން 30 އަހަރުގެ ހުއައިސޮންގް ޝިއަންގްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކޮމޯޑިޓީސް ފްރޯޑުގެ ދައުވާއާއި ވައިޔާ ފްރޯޑުގެ ދައުވާއެވެ.
ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި، ރޮބިންހުޑް ކްރިޕްޓޯ ޕްލެޓްފޯމަށް އަލަށް ތައާރަފްކުރަން ނިންމާ ކްރިޕްޓޯކަރަންސީ ޓޯކަންތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، މި ދެ އިންޖިނިއަރުން ވަނީ އެ ސިއްރު މައުލޫމާތުގެ ނާޖާއިޒު ފައިދާ ނަގައިފައެވެ. އެގޮތުން 2025 އާއި 2026 އާ ދެމެދު، އެ ޓޯކަންތައް ލިސްޓުކުރުމުގެ ކުރިން ހައިޕަރލިކުއިޑް ކިޔާ ޑިސެންޓްރަލައިޒްޑް އެކްސްޗޭންޖެއް މެދުވެރިކޮށް އެ މީހުން ވަނީ ޓްރޭޑްތައް ހިންގާފައެވެ.
Ads by BMLކުންފުނިން އަލަށް ކްރިޕްޓޯއެއް ލިސްޓުކުރާނެކަން އިއުލާނުކުރުމުން އެ އެސެޓެއްގެ އަގު އުފުލިގެންދާނެތީ، އެ މައުލޫމާތު ކުރިން ހޯދައިގެން ޓްރޭޑްކޮށްގެން މި ދެ މީހުން ކުރެ ކޮންމެ މީހަކުވެސް 50،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާގެ ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
އެމެރިކާގެ އެޓަރނީ ޖޭމީ މެކްޑޮނަލްޑް ވިދާޅުވީ ކުންފުނިތަކުގެ އެތެރޭގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން މާލީ މާރުކޭޓުތަކުން އަމިއްލަ ފައިދާ ހޯދުމަކީ ކުށެއް ކަމަށާއި، ކްރިޕްޓޯ ނުވަތަ ޑެރިވޭޓިވްސް މާރުކޭޓުތަކުގައި މިފަދަ ކަންކަން ކުރި ނަމަވެސް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރޮބިންހުޑުން ބުނެފައިވަނީ ކުންފުނީގެ އެތެރޭގެ މައުލޫމާތު ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ މައްސަލަތަކަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ. އަދި މި މައްސަލަ ފާހަގަކުރެވުމާއެކު އަމިއްލައަށް ތަހުގީގުކޮށް، ތަހުގީގީ އިދާރާތަކަށް މައްސަލަ ހުށަހަޅައި ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ދެ މީހުންގެ މައްޗަށް އުފުލާފައިވާ ކޮމޯޑިޓީސް ފްރޯޑުގެ ދައުވާއަށް ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނައިރު، ވައިޔާ ފްރޯޑުގެ ދައުވާއަށް ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
Ads by MACL
