ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޙޫތީންގެ ޙަމަލާއަކުން ސައޫދީގެ ޔަންބޫ ޕޯޓުގައި ރޯކޮށްލައިފި

ޙޫތީންގެ ޙަމަލާއަކުން ސައޫދީގެ ޔަންބޫ ޕޯޓުގައި ރޯކޮށްލައިފި

ސަޢުދީ ޢަރަބިއްޔާގެ މުހިންމު ތެޔޮ ބަނދަރެއް ކަމަށްވާ ޔަންބޫ ޕޯޓަށް ޔަމަނުގެ ޙޫތީ ހަނގުރާމަވެރިން ދިން ވަރުގަދަ ޙަމަލާއަކާ ގުޅިގެން އެތަނުގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ. މި ޙަމަލާގެ ސަބަބުން އަރަމުންދާ ދުމާއި އަލިފާނުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް މީސްމީޑިއާގައި މިހާރު ދަނީ އާންމުވަމުންނެވެ.

މިހާތަނަށް ރަސްމީ ސެޓެލައިޓް ފޮޓޯތައް އާންމުކޮށްފައި ނުވި ނަމަވެސް، ނާސާގެ ފަރމްސް ސެޓެލައިޓް މަންޒަރުތަކުން ބަނދަރު ސަރަޙައްދުގައި އަލިފާން ރޯވެފައިވާކަން ޔަޤީންކޮށްދެއެވެ. ބެލެވޭ ގޮތުގައި މި ޙަމަލާ އަމާޒުވެފައިވަނީ ބަނދަރުގައި ހުރި ތެޔޯ ރައްކާކުރާ ބޮޑެތި ތާނގީތަކަށެވެ.

ރަތް ކަނޑުގައި އޮންނަ ޔަންބޫ ޕޯޓަކީ އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ސަޢުދީން ތެޔޯ ބޭރުކުރުމަށް އޮތް އެންމެ ފަހުގެ، އަދި އެންމެ މުހިންމު މަގެވެ. ޔަމަނުން މި ޙަމަލާ ދީފައިވަނީ ހުރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމަށް ސަޢުދީން ބިނާކޮށްފައިވާ ތެލުގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހިންގަމުންދާ ކެމްޕޭނުގެ ތެރެއިންނެވެ.

ތެލުގެ ސިނާޢަތް ރައްކާތެރިކުރުމަށްޓަކައި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ސަޢުދީން ވަނީ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަސްކަރީ ނިޒާމުތައް ޤާއިމުކޮށްފައެވެ. އެމެރިކާގެ މަދަދާއެކު ޒަމާނީ މަތިންދާބޯޓުތަކާއި ޕޭޓްރިއަޓް މިސައިލް ސިސްޓަމްތައް ހުރި ނަމަވެސް، ޔަމަނުން ފޮނުވާލި ޑްރޯން ޙަމަލާ ހުއްޓުވުމުގައި މި ނިޒާމުތައް ވަނީ ފޭލިވެފައެވެ.