ހަރުކަށި ޝަރުތުތަކަކާއެކު އީރާނުގެ ރައީސަށް އެމެރިކާއިން ވިސާ ދޫކޮށްފި
އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް ހަރުކަށި ޝަރުތުތަކަކާއެކު އެމެރިކާއިން ވިސާ ދޫކޮށްފިއެވެ. މިއީ އދ. ގެ މައި އިދާރާ ހުންނަ ގައުމުގެ ހައިސިއްޔަތުން އެމެރިކާއިން އަދާކުރަންޖެހޭ ޒިންމާއެއްގެ ދަށުން ދިން ހުއްދައެއް ނަމަވެސް، އީރާނުގެ ވަފުދުގެ ހަރަކާތްތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފައެވެ.
މި ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހިމެނިވަޑައިގަންނަވާ އިސް ވަފުދަށް ނިއުޔޯކަށް އެތެރެވުމުގެ ފުރުސަތު ދިން ނަމަވެސް، އެ ބޭފުޅުންނަށް އެމެރިކާގައި ދަތުރުފަތުރުކޮށް އުޅުމުގައި ބޮޑެތި ހިފެހެއްޓުންތަކެއް ހުންނާނެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ބައެއް އުފެއްދުންތަކާއި އަގުބޮޑު މުދާ ގަތުން މަނާކުރުން ހިމެނެއެވެ. ޚާއްސަކޮށް، އީރާނުގެ ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހްރޫމުވެފައިވާއިރު، އެ ގައުމުގެ ޑިޕްލޮމޭޓުންނަށް އެމެރިކާގައި ބޮޑެތި ވިޔަފާރިތައް ކުރުމުގެ ފުރުސަތު ނުދޭނެކަން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވަނީ ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރުވެސް އީރާނުގެ ޑިޕްލޮމޭޓުންނަށް ހޯލްސޭލް ފިހާރަތަކުން ވިޔަފާރިކުރުން މަނާކޮށްފައިވާއިރު، މިފަހަރުގެ ވަފުދަކީ ނިސްބަތުން ކުޑަ ވަފުދެކެވެ.
އާންމުގޮތެއްގައި އދ. ގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިންނަށް ވިސާ ދިނުމަކީ 1947 ވަނަ އަހަރު އެމެރިކާއިން އދ. އާއެކު ވެފައިވާ 'ހެޑްކުއޯޓާސް އެގްރީމަންޓް' ގެ ދަށުން އެ ގައުމަށް ލާޒިމުކަމެކެވެ. އެހެންނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ބައެއް ފަހަރު މިފަދަ ވިސާތައް ހިފެހެއްޓުމުގެ ނުވަތަ ޑިޕްލޮމޭޓުންގެ ދަތުރުފަތުރުކުރުން އދ. ގެ މައި އިދާރާ ހުންނަ ސަރަހައްދުގެ 25 މޭލަށް މަހުދޫދުކުރުމުގެ ބާރު އެމެރިކާއިން ބޭނުންކުރެއެވެ. މިއީ އެމެރިކާ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން ކެނޑި، މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތަކަށް ވުމާއެކު، އީރާނުގެ އާ ރައީސް ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރަށް ވުމަކީ މި ދަތުރުފުޅަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ބޮޑު ސަބަބެކެވެ.
Ads by BMLއީރާނުގެ ވަފުދަށް ޝަރުތުތަކަކާއެކު ވިސާ ދޫކުރި ނަމަވެސް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ ވަފުދަށް ވިސާ ދިނުމަށް އެމެރިކާއިން ވަނީ ދެކޮޅުހަދާފައެވެ. މިއީ ޖެހިޖެހިގެން ފަލަސްތީނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޭން އިންކާރުކުރި ދެވަނަ އަހަރެވެ. ވައިޓް ހައުސްއިން ވަނީ ފަލަސްތީނުގެ ވަފުދަކީ ގާނޫނީ ސައްހަކަން އޮތް ވަފުދެއް ކަމަށް ބަލައިނުގަންނަކަން ހާމަކޮށްފައެވެ.
Ads by MACL
