އެމެރިކާއިން ސައުދީ އަރަބިއްޔާއަށް 24.3 ބިލިއަން ޑޮލަރުގެ ފައިޓަރ ޖެޓް ވިއްކަނީ
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ސައުދީ އަރަބިއްޔާއަށް 24.3 ބިލިއަން ޑޮލަރުގެ ލޮކްހީޑް މާޓިން އެފް-35 ލައިޓްނިންގ 2 ފައިޓަރ ޖެޓް ވިއްކުމުގެ ހުއްދަ ދީފިއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާ އިތުރަށް ވަންނަމުންދާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ.
މި މުއާމަލާތުގެ ސަބަބުން އެމެރިކާގެ ސިޔާސަތަށް ބޮޑު ބަދަލެއް އައިސް، މެދުއިރުމަތީގެ އަސްކަރީ ބާރުވެރިކަމުގެ ތިލަފަތަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އަދި މިއީ އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އިސްރާއީލުގެ އަސްކަރީ ބާރުވެރިކަން ދެމެހެއްޓުމަށް ވޮޝިންޓަނުން ގެންގުޅޭ ސިޔާސަތު އިމްތިހާނު ކުރެވިގެންދާނެ ކަމެކެވެ. އެމެރިކާއިން މެދުއިރުމައްޗަށް ހަތިޔާރު ވިއްކުމުގައި އަބަދުވެސް އިސްރާއީލަށް އެންމެ ޒަމާނީ ހަތިޔާރު ލިބޭނެކަން ކަށަވަރުކުރެއެވެ.
ކޮންގްރެސްގެ ރުހުން ހޯދަންޖެހޭ މި މުއާމަލާތުގައި ހިމެނެނީ 48 އަސްކަރީ ބޯޓާއި، ޕްރެޓް އެންޑް ވިޓްނީގެ 49 އިންޖީނުގެ އިތުރުން މުވާސަލާތީ އާލާތްތަކާއި، ސްޕެއަރ ޕާޓްސް އަދި އެހެނިހެން ސަޕޯޓް ސާމާނެވެ. ސައުދީ އަރަބިއްޔާއިން ވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މި ޖެޓްތައް ހޯދުމަށް ސީދާ ހުށަހަޅާފައެވެ.
Ads by BMLދުޝްމަނުންނަށް ނުފެނި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ސްޓެލްތް ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ އެފް-35 އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިޓަރ ޖެޓެވެ. ފާއިތުވި ދިހަވަރަކަށް އަހަރު އިސްރާއީލުން މި ބޯޓުތައް ބޭނުންކުރަމުން އަންނައިރު، މެދުއިރުމަތީގައި މިވަގުތު މި ނިޒާމު އޮތް ހަމައެކަނި ގައުމަކީވެސް އިސްރާއީލެވެ.
ވޮޝިންޓަނުގައި ހުންނަ ސައުދީ އެމްބަސީން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ދެ ގައުމުގެ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުމުގެ ބަދަހިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ސައުދީން މި ޖެޓްތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، މީގެ ބޭނުމަކީ އެ ގައުމުގެ ވައިގެ ސިފައިންގެ ލަޝްކަރު ޒަމާނީކޮށް، އީރާނުން ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމެވެ.
މިވަގުތު ސައުދީ ވައިގެ ސިފައިން ބޭނުންކުރަމުންދަނީ ބޯއިންގ އެފް-15، ޔޫރަޕްގެ ޓޯނޭޑޯ އަދި ޓައިފޫން މަރުކާގެ ބޯޓުތަކެވެ.
މީގެ ކުރިން ޖޯ ބައިޑަންގެ ސަރުކާރުންވެސް ވަނީ އިސްރާއީލާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އާންމު ހާލަތަކަށް ގެނައުމުގެ ބޮޑު އެއްބަސްވުމެއްގެ ދަށުން އެފް-35 ޖެޓްތައް ސައުދީއަށް ދިނުމަށް މަޝްވަރާކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓިފައެވެ.
ވެރިކަމާ އަލުން ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޓްރަމްޕް ވަނީ ސައުދީއަށް ހަތިޔާރު ވިއްކުމަށް އިސްކަންދެއްވާފައެވެ. އެގޮތުން 2025 ވަނަ އަހަރު އެމެރިކާއިން ވަނީ 142 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ޕެކޭޖެއް ސައުދީއަށް ވިއްކުމަށް އެއްބަސްވެފައެވެ. މިއީ އެމެރިކާއިން މިހާތަނަށް ވެފައިވާ އެންމެ ބޮޑު ދިފާއީ އެއްބަސްވުން ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.
މި މުއާމަލާތަށް ކޮންގްރެސްގެ ފަރާތުން ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. 2018 ވަނަ އަހަރު ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝޮގީ މަރާލުމާ ގުޅިގެން ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ ސައުދީއާއެކު އަސްކަރީ ގުޅުން ބަދަހިކުރުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސައުދީ އަރަބިއްޔާއިން މިހާރު މަސައްކަތްކުރަމުން ދަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުން އެ ގައުމުގެ އިގްތިސާދާއި އަސްކަރިއްޔާ ޒަމާނީކުރުމަށެވެ. އެގޮތުން އެމެރިކާއާއެކު އޮންނަ ޒަމާންވީ ސަލާމަތީ ގުޅުން ދެމެހެއްޓުމާއެކު، ދިފާއީ ގޮތުން އެހެން ގައުމުތަކާއެކުވެސް ގުޅުން ބަދަހިކުރުމަށް ސައުދީން އަންނަނީ މަސައްކަތްކުރަމުންނެވެ.
Ads by MACL
