ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

2028 ވަނަ އަހަރު ވޭމޯ އިން ސިންގަޕޫރުގައި ރޮބޯޓެކްސީގެ ޚިދުމަތް ފަށަނީ

2028 ވަނަ އަހަރު ވޭމޯ އިން ސިންގަޕޫރުގައި ރޮބޯޓެކްސީގެ ޚިދުމަތް ފަށަނީ

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ވޭމޯ އިން 2028 ވަނަ އަހަރު ސިންގަޕޫރުގައި އެ ކުންފުނީގެ ރޮބޯޓެކްސީ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ. މިއީ ގޫގުލްގެ ޕޭރެންޓް ކުންފުނި ކަމަށްވާ އަލްފަބެޓް އިންކްގެ ދަށުން ހިންގާ ވޭމޯ އިން އިރުދެކުނު އޭޝިއާގައި މި ޚިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފުލީ އިލެކްޓްރިކް ޖެގުއަރ އައި-ޕޭސް އުޅަނދުތައް ސިންގަޕޫރަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޚިދުމަތް އާންމުންނަށް ވޭމޯ އެޕް މެދުވެރިކޮށް 2028 ވަނަ އަހަރު ލިބެން ފަށާނެއެވެ. ނަމަވެސް އޭގެ ކުރިން، 2027 ވަނަ އަހަރުން ފެށިގެން، ތަމްރީނު ލިބިފައިވާ ޚާއްޞަ ޑްރައިވަރުން މި އުޅަނދުތައް މެނުއަލްކޮށް ދުއްވައި، ސިންގަޕޫރުގެ މަގުތަކާއި، މޫސުމާއި، އަދި އެހެނިހެން ކަންކަމަށް ވޭމޯގެ ޓެކްނޮލޮޖީ އަހުލުވެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ވޭމޯއަކީ ޑްރައިވަރަކާ ނުލައި އަމިއްލައަށް ދުއްވާ (އޮޓޮނޮމަސް) އުޅަނދު ބޭނުންކޮށްގެން ރައިޑް-ހެއިލިންގ ޚިދުމަތް ދޭ ކުންފުންޏެކެވެ.

މިކަން އިޢުލާނުކޮށްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަދި ލޭންޑް ޓްރާންސްޕޯޓް އޮތޯރިޓީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވޭމޯގެ ކޯ-ސީއީއޯ ޓެކެޑްރާ މަވަކާނާ ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި އޮތީ ދުނިޔޭގެ އެންމެ ރައްކާތެރި، އެންމެ ހަރުދަނާ އަދި އެންމެ ކުރިއަރާފައިވާ ޓްރާންސްޕޯޓް ނިޒާމެވެ. ސިންގަޕޫރުން އިސްކަންދޭ ކަންކަމަކީ ވޭމޯގެ ޓެކްނޮލޮޖީއާ ގުޅޭ ކަންތައްތަކެއް ކަމަށާއި، މި ދަތުރު ފަށާއިރު މުޖުތަމަޢުގެ އަޑުއަހައި، ވަޒީފާތައް އުފައްދައި، ސިންގަޕޫރުގެ ޕަބްލިކް ޓްރާންސިޓް ނެޓްވޯކް އިތުރަށް ފުރިހަމަކުރުމަށް ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު ސިންގަޕޫރުގެ ބޮޑެތި ރައިޑް-ހެއިލިންގ ކުންފުނިތައް ކަމަށްވާ ގްރެބް އަދި ކޮމްފޯޓްޑެލްގްރޯ އިން ޗައިނާގެ އޮޓޮނޮމަސް ވެހިކަލް އުފައްދާ ކުންފުނިތައް ކަމަށްވާ ވީރައިޑް އަދި ޕޯނީ.އޭއައި އާއެކު ޕަންގޯލް ސަރަޙައްދުގައި ޝަޓަލް ޓެކްސީގެ ޚިދުމަތް ޓެސްޓުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ޖެފްރީ ސިއޯ ވިދާޅުވީ ވޭމޯގެ ސަބަބަން ސިންގަޕޫރަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ލިބި، އާ ވަޒީފާތަކާއި ދަތުރުފަތުރުގެ އާ ފުރުޞަތުތައް އުފެދިގެންދާނެ ކަމަށެވެ. ޕަންގޯލްގައި ކުރިއަށްދާ ޓްރަޔަލްތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށާއި، 99 އިންސައްތަ ފަސިންޖަރުން މި ތަޖުރިބާ އެހެން މީހުންނަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތާނގައި މި އުޅަނދުތައް ވަކި ރޫޓަކަށް ދުއްވުމުގެ ބަދަލުގައި ޕޮއިންޓް-ޓު-ޕޮއިންޓް ޚިދުމަތެއްގެ ގޮތުގައި ޓެސްޓުކުރެވޭނެއެވެ.

ވޭމޯގެ ޓެސްޓުތައް ފެށުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ހުޅަނގު ސަރަޙައްދު ކަމަށްވާ ލެބްރަޑޯ އަދި ހާބަރފްރަންޓް ގައެވެ. މިނިސްޓަރ ސިއޯ ވިދާޅުވި ގޮތުގައި ސިންގަޕޫރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިފަދަ އުޅަނދުތަކުގެ އަދަދު އެތައް ސަތޭކައަކަށް އިތުރުކުރުމަށެވެ. މި މަހުގެ ކުރީކޮޅު ގްރެބް އިން ވެސް ވަނީ އެ ކުންފުނީގެ ފްލީޓް 10 އިން 50 އަށް އިތުރުކުރާނެކަން އިޢުލާނުކޮށްފައެވެ.

މި ސިނާޢަތް ކުރިއަރަމުން އަންނައިރު، އުޅަނދުތައް ބެލެހެއްޓުމަށާއި، ރިމޯޓްކޮށް އޮޕަރޭޓްކުރުމަށާއި، ޑޭޓާ އެނަލައިޒްކުރުމަށް ގިނަ އާ ވަޒީފާތަކެއް އުފެދޭނެއެވެ. މި ވަޒީފާތަކަށް ޓެކްސީ އަދި ޕްރައިވެޓް ހަޔަރ ޑްރައިވަރުންނަށް ވެސް ކުރިމަތިލެވޭނެއެވެ. މިނިސްޓަރ ވިދާޅުވީ އާ ފުރުޞަތުތަކަށް ކުރިމަތިލާ ޑްރައިވަރުން ތަމްރީނު ހަދާ މުއްދަތުގައި މުސާރައިގެ 90 އިންސައްތައާ ހަމައަށް ސަރުކާރުން ސަބްސިޑައިޒް ކުރާނެ ކަމަށެވެ.

ވޭމޯގެ ކޯ-ސީއީއޯ މަވަކާނާ އިތުރަށް ވިދާޅުވީ، އެމެރިކާގައި އާންމު ޑްރައިވަރުންނާ އަޅާބަލާއިރު ވޭމޯގެ އުޅަނދުތަކުން ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އެގޮތުން އަނިޔާވާ ފަދަ އެކްސިޑެންޓްތައް 94 އިންސައްތަ މަދުވެފައިވާއިރު، ބައިސްކަލް ދުއްވާ މީހުންނަށް އަނިޔާވާ އެކްސިޑެންޓްތައް ވަނީ 84 އިންސައްތަ ދަށްވެފައެވެ.

މި ޚިދުމަތުގެ ސަބަބުން ދަރިވަރުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް 24 ގަޑިއިރު ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއް ލިބި، ސިންގަޕޫރުގެ ފެހި ތަޞައްވުރަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް މަވަކާނާ ވިދާޅުވިއެވެ. ސިންގަޕޫރުގެ އިތުރުން، 2027 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ވެސް ވޭމޯގެ ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިނގިރޭސިވިލާތުގެ ލަންޑަން އަދި ޖަރުމަނުގެ މިއުނިކްގައި ވެސް މި ޚިދުމަތް ތަޢާރަފުކުރުމަށް އެ ކުންފުނިން ދަނީ ރާވަމުންނެވެ.