ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދުބާއީގައި ތިބެގެން 94,000 ކްރޯޑް ރުޕީސްގެ ސްކޭމް ހިންގި މައްސަލައިގައި މަހާދޭވް އެޕްގެ އިސް މީހަކު ހައްޔަރުކޮށްފި

ދުބާއީގައި ތިބެގެން 94,000 ކްރޯޑް ރުޕީސްގެ ސްކޭމް ހިންގި މައްސަލައިގައި މަހާދޭވް އެޕްގެ އިސް މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން، މުޅި އެކު 94,000 ކްރޯޑް އިންޑިއަން ރުޕީސްއަށް ވުރެ ގިނަ ފައިސާގެ ޣައިރުގާނޫނީ ބެޓިން އަދި މަނީ ލޯންޑަރިންގެ ބޮޑު އޮޅުވާލުމެއްގައި ހިމެނޭ "މަހާދޭވް އޮންލައިން ބެޓިން އެޕް" މައްސަލައިގެ މުހިންމު ތުހުމަތުކުރެވޭ މީހަކު ޔޫއޭއީން ޑީޕޯޓްކޮށްލުމާ އެކު ހައްޔަރުކޮށްފިއެވެ.

ޔޫއޭއީގެ ދުބާއީން ފުރައިގެން އިންޑިއާގެ ހައިދަރުއާބާދުގައިވާ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ވަގުތު ސީބީއައިއިން ހައްޔަރުކޮށްފައިވަނީ އަބީޝެކް ކުމާރެވެ. އޭނާއަކީ މަހާދޭވް އެޕްގެ އިސް އިންތިޒާމުވެރިން ކަމަށްވާ ސޯރަބް ޗަންދުރާކަރު އަދި ޝުބަމް ސޮނީއާ ގާތް ގުޅުމެއް ބާއްވަމުން އައި މީހެކެވެ.

ސީބީއައިއިން ބުނި ގޮތުގައި އަބީޝެކް ކުމާރަކީ ބެޓިން ނެޓްވޯކްގެ ފަންޑުތައް ބެލެހެއްޓުމާއި، ޣައިރުގާނޫނީ ފައިސާއިން ދުބާއީން ނުއުފުލޭ މުދާ (ރިއަލް އެސްޓޭޓް) ގަތުމުގެ މަސައްކަތް ހިންގުމުގައި އިސްކޮށް އުޅުނު މީހެކެވެ.

އިންޑިއާގެ އިންފޯސްމަންޓް ޑައިރެކްޓްރޭޓް (އީޑީ) އިން ކޯޓަށް ހުށަހެޅި ތަހުގީގުތަކުން ދައްކާ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މަހާދޭވް އެޕް އަދި އެއާ ގުޅުންހުރި އެހެން އެޕްތައް ކަމަށްވާ "ސްކައި އެކްސްޗޭންޖް" އަދި "ލޯޓަސް 365" ފަދަ އެޕްތައް މެދުވެރިކޮށް 94,000 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 11.3 ބިލިއަން ޑޮލަރު) ވަނީ އޮޅުވާލައިގެން ހޯދައި، މަނީ ލޯންޑާ ކޮށްފައެވެ.

މި ނެޓްވޯކުން އަހަރަކު ގާތްގަނޑަކަށް 11,400 ކްރޯޑް ރުޕީސްގެ ޣައިރުގާނޫނީ ފައިސާ އުފައްދާ ކަމަށް އީޑީން އަންދާޒާކުރާއިރު، މި ފައިސާގެ ބޮޑު ބައެއް ވަނީ ހަވާލާ މެދުވެރިކޮށް ދުބާއީގައި ތިބި މައި މޭސްތިރިންނަށް ފޮނުވާފައެވެ.

އަބީޝެކް ކުމާރު ހައްޔަރުކުރުމަށްފަހު، ރައިޕޫރުގެ ހާއްސަ ކޯޓަކަށް ހާޒިރުކޮށް، ސީބީއައިގެ ބަންދަށް ވަނީ މުއްދަތު ދީފައެވެ. މި މައްސަލައިގައި ސީބީއައިއިން މިހާތަނަށް 8 ޗާޖްޝީޓް ހުށަހަޅައި، 100 މީހަކަށް ދައުވާކޮށްފައިވާއިރު، އޭގެ ތެރޭގައި އެޕްގެ މައި އިންތިޒާމުވެރިންނާއި، ހަވާލާ އޭޖެންޓުންގެ އިތުރުން ޗައްތީސްގަރުގެ ސަރުކާރުގެ ބައެއް އޮފިޝަލުންވެސް ހިމެނެއެވެ.

މި މައްސަލައިގެ މައި މޭސްތިރި ކަމަށްވާ ސޯރަބް ޗަންދުރާކަރު އޯމާންއިން ހިފަހައްޓާފައިވާއިރު، އޭނާއާއި އިތުރު ތުހުމަތުކުރެވޭ މީހުން އިންޑިއާއަށް ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް 7 ރެޑް ނޯޓިސް ދޫކޮށް، ކުށްވެރިން ބަދަލުކުރުމުގެ (އެކްސްޓްރަޑިޝަން) މަސައްކަތްތައް ދަނީ ހިންގަމުންނެވެ.