ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރޫސީވިލާތަށް ފޮނުވަން އުތުރު ކޮރެއާއިން އިތުރު 10,000 ސިފައިން ތައްޔާރުކުރަނީ

ރޫސީވިލާތަށް ފޮނުވަން އުތުރު ކޮރެއާއިން އިތުރު 10,000 ސިފައިން ތައްޔާރުކުރަނީ

ރޫސީވިލާތުގެ ސަރަޙައްދުގައި އުތުރު ކޮރެއާގެ 8,000 އަށްވުރެ ގިނަ ސިފައިން މިހާރުވެސް ތިބި ކަމަށާއި، އިތުރު 10,000 ސިފައިން ފޮނުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، ލިބިވަޑައިގެންނެވި އާ މައުލޫމާތުތަކަށް ބަލާއިރު އެ ސިފައިން އިންތިޚާބު ކުރެވެމުންދަނީ ތަމްރީނު ދިނުމަށްފަހު ރޫސީވިލާތަށް ފޮނުވުމަށް ކަމަށެވެ.

ނިމިދިޔަ އޮގަސްޓު މަހު ޒެލެންސްކީ ވަނީ ރޫސީވިލާތުގެ ހަނގުރާމައަށް އެހީވުމަށް އުތުރު ކޮރެއާގެ 50,000 އާ ހަމައަށް ސިފައިން ފޮނުވައިފާނެ ކަމަށް ވިދާޅުވެ، ޔޫކްރޭނުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ދެކުނު ކޮރެއާގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ދެކުނު ކޮރެއާއިން މި އަހަރުގެ ޖުލައި މަހު ޔޫކްރޭނަށް 100 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާނު ކުރި ނަމަވެސް، އޭގެ ތެރޭގައި ނުރައްކާތެރި ހަތިޔާރު ހިމަނާފައެއް ނުވެއެވެ.

ޒެލެންސްކީގެ މި ވާހަކަތައް އައިސްފައިވަނީ، ޔޫކްރޭނުން އަތުލައިގަތް އުތުރު ކޮރެއާގެ ދެ ސިފައިން ދެކުނު ކޮރެއާއަށް ބަދަލުކުރިކަން އޭނާ ހާމަކުރެއްވުމާ ގުޅިގެން ސިއުލް އާއި ކީވްއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ ބަދަލުކުރުމުގެ މައުލޫމާތު ސިއްރުގެ ގޮތުގައި ބެހެއްޓުމަށް އެއްބަސްވެފައިވަނިކޮށް އެކަން ހާމަކުރުމުން ދެކުނު ކޮރެއާއިން ވަނީ ހިތާމަފާޅުކޮށްފައެވެ. އަދި އެފަދަ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއް ނެތް ކަމަށް ބުނެ ޔޫކްރޭނުގެ ރައީސް އޮފީހުން ނެރުނު ދޮގު ބަޔާނާ ގުޅިގެންވެސް ދެކުނު ކޮރެއާއިން ވަނީ އިހުތިޖާޖުކޮށްފައެވެ.

ޔޫކްރޭނާއި ދެކުނު ކޮރެއާގެ އަންދާޒާތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން ރޫސީވިލާތުން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައަށް އެހީވުމަށް އުތުރު ކޮރެއާއިން ވަނީ 14,000 އާއި 15,000 އާ ދެމެދުގެ އަދަދަކަށް ސިފައިން ފޮނުވާފައެވެ. އޭގެ ތެރެއިން ގިނަ ސިފައިން ހަރަކާތްތެރިވަމުންދަނީ ޔޫކްރޭނުން ރޫސީވިލާތުގެ ކުރުސްކް ސަރަޙައްދަށް ދެމުންދާ ހަމަލާތައް ދިފާއުކުރުމުގައެވެ.

މީގެ އިތުރުން، ޔޫކްރޭނާއި މިނިވަން އިންޓެލިޖެންސް ވަޒަންކުރުންތަކުން ދައްކާ ގޮތުގައި، ޕިއޮންޔަންގުން ވަނީ ރޫސީވިލާތަށް މިލިއަން އަދަދުގެ އާޓިލަރީ އާއި މޯޓަރު އުންޑައިގެ އިތުރުން، ބެލިސްޓިކް މިސައިލާއި، ދުރު ރާސްތާގެ އާޓިލަރީ ނިޒާމުތަކާއި ގިނަ މިސައިލް އެއްފަހަރާ ފޮނުވާލެވޭ ނިޒާމުތައް ފޯރުކޮށްދީފައެވެ.