ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

300 މިލިއަން ޑޮލަރުގެ ކޮމްޕިއުޓަރު ސާވަރުތަކެއް ޗައިނާއަށް ގަވާއިދާ ހިލާފަށް އެކްސްޕޯޓްކުރި އެމެރިކާ މީހަކު ހައްޔަރުކޮށްފި

300 މިލިއަން ޑޮލަރުގެ ކޮމްޕިއުޓަރު ސާވަރުތަކެއް ޗައިނާއަށް ގަވާއިދާ ހިލާފަށް އެކްސްޕޯޓްކުރި އެމެރިކާ މީހަކު ހައްޔަރުކޮށްފި

300 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަގުހުރި ކޮމްޕިއުޓަރު ސާވަރުތަކެއް ގަވާއިދާ ހިލާފަށް ޗައިނާއަށް އެކްސްޕޯޓްކުރި ކަމުގެ ތުހުމަތުގައި އެމެރިކާގެ ކެލިފޯނިއާގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުންނެވެ.

އުމުރުން 38 އަހަރުގެ ގްރެގް ލުއި (ޔިއު ކޮންގް ލުއި) ނަމަކަށް ކިޔާ މި މީހާ، އެމެރިކާއިން ބޭރުކުރުން ކޮންޓްރޯލްކޮށްފައިވާ ސާވަރުތައް ޗައިނާއަށް ފޮނުވާފައިވަނީ ސައްހަނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން އަދި ތިންވަނަ ގައުމުތައް މެދުވެރިކޮށްގެން ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެއެވެ.

މި ސާވަރުތަކުގައި ހިމެނެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ސުޕަ އިންޓެލިޖެންސްގެ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންކުރާ، އެމެރިކާގައި އުފައްދާ ގްރަފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) ތަކެކެވެ.

ކެލިފޯނިއާގެ ސެންޓްރަލް ޑިސްޓްރިކްޓްގެ އެމެރިކާ އެޓާނީ ބިލް އެސޭލީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމަކީ އެ ގައުމުގެ ކުރިއަރާފައިވާ ސުޕަ އިންޓެލިޖެންސް ޓެކްނޮލޮޖީ، ވާދަވެރި ގައުމުތަކުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރުން ހުއްޓުވުމެވެ. އަދި އަމިއްލަ މާލީ ފައިދާއަށްޓަކައި ގައުމީ ސަލާމަތް ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި ލުއި ވަނީ "އާތު މޭޑް ކޮމްޕިއުޓަރ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ކުންފުންޏެއް ހިންގައި، 2023 އިން 2024 އަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ހުއްދައެއް ނެތި ތަކެތި ގަނެ ޗައިނާއަށް ފޮނުވާފައެވެ.

މި ތަކެތި ފުރަތަމަ ފޮނުވާފައިވަނީ އެމެރިކާގެ އެކްސްޕޯޓް ލައިސަންސް ބޭނުންނުވާ މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކަށެވެ. އެއަށްފަހު އެ ގައުމުތައް މެދުވެރިކޮށް ގަވާއިދާ ހިލާފަށް ޗައިނާއަށް އެ ތަކެތި ރީ-އެކްސްޕޯޓް ކުރީއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެއްޖެނަމަ، ލުއިގެ މައްޗަށް ގާތްގަނޑަކަށް ގިނަވެގެން 50 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

އޭއައި ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާއިން ކުރިއަރަމުންދާ މިންވަރާ ހަމައަށް ފޯރުމަށް ޗައިނާއިން ބާރުމޭގުގައި މަސައްކަތް ކުރަމުންދާއިރު، އެމެރިކާއިން އަންނަނީ އެންމެ ފަހުގެ އެޑްވާންސްޑް އޭއައި ޗިޕްތައް ޗައިނާއަށް ލިބުން ހުއްޓުވުމަށް އެކްސްޕޯޓް ކޮންޓްރޯލްތައް ވަރުގަދަކުރަމުންނެވެ.