ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މައްކާ އިއްތިހާދުގެ ދިފާއީ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

މައްކާ އިއްތިހާދުގެ ދިފާއީ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ޔަމަނުގެ ހޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން "މައްކާ އެލަޔަންސް ފޯ ޑިފެންސް" ގެ ދަށުން ރައްކާތެރިކަމުގެ ގުޅިފައިވާ ފިޔަވަޅުތައް އަޅައި، ތުރުކީއާއި ޕާކިސްތާނުގެ އަސްކަރީ ބާރުތައް ސައޫދީ އަރަބިއްޔާއަށް ފޮނުވުމަށް އެ ގައުމުތަކުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ ސައޫދީގެ ރިޔާޟުގައި އެ ތިން ގައުމުގެ ދިފާއީ ވަޒީރުންނާއި ޚާރިޖީ ވަޒީރުން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

މިއީ މިއަހަރުގެ އޮގަސްޓް 7 ގައި ސޮއިކުރި މައްކާ ދިފާއީ އެއްބަސްވުމުގެ ދަށުން އަމަލީ ފިޔަވަޅެއް އަޅަން ނިންމި ފުރަތަމަ ފަހަރެވެ. ނޭޓޯގެ މައިގަނޑު އުސޫލާ އެއްގޮތަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގައިވާ ގޮތުން އިއްތިހާދުގެ ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ.

ސައޫދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ވަނީ ސައޫދީއަށާއި މުގައްދަސް ބިމަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ދެކޮޅަށް ތިން ގައުމުގެ އެއްބައިވަންތަކަން ކަށަވަރުކޮށް، ދިފާއީ ފިޔަވަޅުތައް ވަގުތުން ހަރަކާތްތެރިކުރުމަށް އެއްބަސްވެފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ކަނޑައެޅިފައިވާ އަސްކަރީ ބާރުތަކާއި ވަސީލަތްތައް ގައުމުތަކުގެ ގާނޫނީ އިމުގެ ތެރެއިން އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށް ފޮނުވައި ހަރަކާތްތެރިކުރާނެ ކަމަށެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ޔަމަނުގެ ސަރުކާރު ސިފައިން، ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް އަތުލުމަށް ވަރުގަދަ އަސްކަރީ ހަރަކާތެއް ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ސައޫދީގެ 100 ޖެޓް ފައިޓަރުގެ ވައިގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތުގައި ޔަމަނު ސަރުކާރު ސިފައިން ވަނީ ރަތްކަނޑުގެ ބަނދަރު ރަށެއް ކަމަށްވާ މުޚާ އާއި ސްޓްރެޓީޖިކް ބާބު އަލްމަންދަބު ކަނޑުއޮޅީގެ ބާރު އަނބުރާ ލިބިގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

އެއާއެކު ހޫޘީން ވަނީ ރިޔާޟުގައިވާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާބިޣްގައިވާ އަރާމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީފައިވާ ކަމަށް ދައުވާކޮށްފައެވެ. މީގެއިތުރުން އެހެން އެއާޕޯޓްތަކަށާއި އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާދިން ކަމަށް ހޫޘީން ބުނި ނަމަވެސް، ސައޫދީ އަރަބިއްޔާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެމެރިކާއާއި އިސްރާއީލްއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެގެން އުފެއްދި މައްކާ އިއްތިހާދުގައި ހިމެނޭ ތިން ގައުމުގެ އެކުވެގެން 1.4 މިލިއަން އެކްޓިވް ސިފައިންނާއި، 3,400 އަސްކަރީ މަތިންދާބޯޓާއި، 6,000 ޓޭންކުގެ އިތުރުން 340 ކަނޑުގެ އަސްކަރީ އުޅަނދު ހިމެނޭ ކަމަށް 2026 ވަނަ އަހަރުގެ ގްލޯބަލް ފަޔަރޕަވަރ އިންޑެކްސްއިން ދައްކައެވެ.

މީގެ ކުރިން ތުރުކީއާއި ޕާކިސްތާނުން ހަނގުރާމަ ހުއްޓުވުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތް ކުރި ނަމަވެސް، ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ ސައޫދީ އަރަބިއްޔާއަށް ނުރައްކަލެއް އަތުވެއްޖެނަމަ މައްކާ އެއްބަސްވުމަށް އަމަލުކުރާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ގަލްފް އިންޓަނޭޝަނަލް ފޯރަމްގެ ސީނިއާ ފެލޯ އަބްދުލްއަޒީޒް އަލްޣަޝިއާން ބަޔާންކުރެއްވި ގޮތުގައި، ހޫޘީންގެ ހަމަލާތަކުގެ ސަބަބުން މައްކާ އިއްތިހާދުގެ މަސައްކަތްތައް އަވަސްވެގެންދިޔައެވެ. އަދި މިއީ ސަރަހައްދީ ސަލާމަތީ އޮނިގަނޑަށް އައި ބޮޑު ބަދަލެއްގެ އިތުރުން، އާ ރައްކާތެރިކަމުގެ ނިޒާމެއް ބައްޓަންވަމުންދާ ކަމުގެ ހެކިތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.