ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދުނިޔޭގެ ސަލާމަތަށްޓަކައި ތަކެތީގެ އަގުތައް ބޮޑުވުމަކީ މައްސަލައެއް ނޫން: ޓްރަމްޕް

ދުނިޔޭގެ ސަލާމަތަށްޓަކައި ތަކެތީގެ އަގުތައް ބޮޑުވުމަކީ މައްސަލައެއް ނޫން: ޓްރަމްޕް

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލެމުންދާތީ އާންމުންގެ ނުރުހުން ބޮޑުވެފައިވަނިކޮށް، އެއީ ދުނިޔެއާއި އެމެރިކާގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ދައްކަންޖެހޭ "ކުޑަ އަގެއް" ކަމަށާއި އެއީ މައްސަލައެއް ނޫންކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތަކަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެއްޖެއެވެ.

ސިޔާސީ ހަރަކާތެއްގައި އާންމުންނާ މުޚާތަބުކޮށް ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށް ދިއުމަކީ މަސްނޫއީ އަދި ވަގުތީ ކަމެއް ކަމަށެވެ. އަދި ދުނިޔެއާއި ގައުމު ރައްކާތެރިކޮށް ސަލާމަތުން ބޭއްވުމަށްޓަކައި ތަކެތީގެ އަގުތައް ކުޑަކޮށް އުފުލުމަކީ ދައްކަންޖެހޭ ވަރަށް ކުޑަ އަގެއް ކަމަށްވެސް އޭނާ ބުންޏެވެ.

އަދި ކުރިއަށް އޮތް ތަނުގައި ތެލާއި ތަކެތީގެ އަގުތައް ވަރަށް އަވަހަށް ތިރިއަށް ވެއްޓިގެންދާނެ ކަމަށް ވައުދުވަމުން ޓްރަމްޕް ބުނީ، އަގުތައް ތިރިއަށް ދާލެއް މާ އަވަސްކަމުން " ސަރ، އަގުތައް މާ އަވަހަށް ތިރިއަށް އެބަދެއޭ" ބުނާ ހިސާބަށް ކަންކަން ދާނެ ކަމަށާއި އެކަން ބަލަން ތިބުމަށެވެ.

މީގެއިތުރުން، އީރާނާއެކު ކުރެވޭ ހަނގުރާމަ މިހާރު "މުޅިންހެން ނިމެނީ" ކަމަށް ޓްރަމްޕް އިތުރަށް ބުނެފައިވެއެވެ. ނަމަވެސް، ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހުވެސް ހަނގުރާމަ މުޅިން ކާމިޔާބުވެ ނިމިއްޖެ ކަމަށް މީގެކުރިން ޓްރަމްޕް ދައުވާކޮށްފައިވާކަން ނޫސްވެރިންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު، މެދުއިރުމަތި ނުތަނަވަސްވެ ހޯރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި ދުނިޔޭގެ ބާޒާރުގައި ސާމް ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށްވުރެ މަތިވެފައެވެ. މީގެ ސަބަބުން އެމެރިކާގެ ބާޒާރުގައި ޕެޓްރޯލާއި ޑީސަލްގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލި، އާންމު އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފައެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓުންނާއި އިޤްތިޞާދީ މާހިރުން ބުނަމުންދަނީ ޓްރަމްޕް ފެށި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އާއިލާތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގު ބޮޑުވުމުގެ ބަރު ތަކްލީފު އުފުލަންޖެހިފައިވާ ކަމަށެވެ. ނަމަވެސް ޓްރަމްޕް ދަނީ ހަނގުރާމައިގެ މައިގަނޑު މަގުސަދުތައް ހާސިލްވަމުންދާ ކަމަށާއި އިގްތިސާދު އަލުން ކުރިއަރައިގެންދާނެ ކަމަށް ބުނެ އާންމުންގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރަމުންނެވެ.