ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ
ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ

ކުޑަކުދިންގެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފިއެވެ.

އުމުރުން 73 އަހަރުގެ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ ކޮލަމްބޯގައި ހުންނަ އެކަމަނާގެ ގޭގައި ހުންނަވަނިކޮށް ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާގެ އޮފިޝަލުންނެވެ. އެކަމަނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ "ސިރިލިޔާ ސަވިއްޔާ" ޗެރިޓީ މެދުވެރިކޮށް ކޮލަމްބޯގެ ލޭޑީ ރިޖްވޭ ކުޑަކުދިންގެ ހޮސްޕިޓަލަށް ޚާއްޞަ ސްކޭނަރެއް ގަތުމަށް އެއްކުރި 10 މިލިއަން ރުޕީސް އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ތުހުމަތެވެ.

މި މައްސަލައިގައި އޮފިޝަލުން ފާހަގަކުރާ ގޮތުގައި އެ ހޮސްޕިޓަލަށް ބޭނުންވި ސްކޭނަރަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިންސުރެ ހަދިޔާކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ޝިރާންތީ ވަނީ އެ ފައިސާއަށް ޚިޔާނާތްތެރިވެފައި ނުވާނެ ކަމަށްވިދާޅުވެ، ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އެކަމަނާގެ ފިރިކަލުން އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ތަރުޖަމާނު މަނޯޖް ގަމަޖޭ ވިދާޅުވި ގޮތުގައި އެ ފައިސާ އަދިވެސް ހުރީ އެ ޗެރިޓީގެ އެކައުންޓްގައި ރައްކާތެރިކަމާއެކުގައެވެ. އަދި އެއްވެސް ކަހަލަ ޚިޔާނާތެއް ހިންގާފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިރާންތީ ސިންގަޕޫރުގައި ސިއްޙީ ފަރުވާއެއް ހޯއްދެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުއެވެ. އެކަމަނާ ވަނީ ހައްޔަރުކުރުން ހުއްޓުވުމަށް ކޯޓަށް މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ.

ސްރީލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކޭގެ ސަރުކާރުން ވަނީ ރާޖަޕަކްސަ އާއިލާގެ ބޭފުޅުންގެ މައްޗަށް ކުރެވި، މެދުކެނޑިފައިވާ ކޮރަޕްޝަންގެ މައްސަލަތައް އަލުން ބަލަން ދިރުވައިފައެވެ. މިގޮތުން މަހިންދަ ރާޖަޕަކްސަގެ ދޮށީ ފިރިހެން ދަރިކަލުން ނާމާލް ރާޖަޕަކްސަ އާއި ކުޑަ ދަރިކަލުން ޔޯޝިތާ ރާޖަޕަކްސަވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި މިއަހަރުގެ ކުރީކޮޅު ހައްޔަރުކޮށްފައެވެ.