ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުގެ ރިޔާސީ ޝަރަފުގެ އެވޯޑު އިންޑިއާގެ ޕައިލެޓު ސްމިޓް މައްޗާރަށް ދޭން ނިންމައިފި

އިސްރާއީލުގެ ރިޔާސީ ޝަރަފުގެ އެވޯޑު އިންޑިއާގެ ޕައިލެޓު ސްމިޓް މައްޗާރަށް ދޭން ނިންމައިފި

ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކޯ-ޕައިލެޓް ދިން ހަމަލާއަކުން 174 ފްލައިޓް މަންދޫބުންނާއި ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރި އިންޑިއާގެ ކެޕްޓަން ސްމިޓް މައްޗާރަށް އިސްރާއީލުގެ އާންމުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ޕްރެސިޑެންޝަލް އެވޯޑް ފޯ ސިވިލިއަން ހީރޯއިޒަމް" ދިނުމަށް އެ ގައުމުން ނިންމައިފިއެވެ.

މިއެވޯޑު ދިނުމަށް ނިންމާފައިވަނީ ކޯ-ޕައިލެޓް، އޮމާންގެ ރައްޔިތެއް ކަމަށްވާ ހައްމާމް އަލް-ހައްމާމީ، ކޮކްޕިޓް ތެރޭގައި ކްރޭޝް އޭކްސްއަކުން (ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑިއެއް) ހަމަލާދީ ސްމިޓް މައްޗާރު ނުރައްކާތެރިކޮށް ޒަޚަމްކޮށްލާފައި ވަނިކޮށް، އޭނާ ދެއްކި ހިތްވަރަށެވެ. ލޭގަނޑެއްގެ ތެރޭގައި އޮވެގެންވެސް ސްމިޓް މައްޗާރު ވަނީ ކޮކްޕިޓްގެ ދޮރު ހުޅުވާލާފައެވެ. މިއާއެކު ބޯޓުގައި ތިބި އިސްރާއީލު ފަސިންޖަރުންނަށް ކޮކްޕިޓަށް ވަދެ، ހަމަލާދިން ކޯ-ޕައިލެޓް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

އިސްރާއީލުގެ ރައީސް އީސާކް ހަރްޒޯގް ބުނީ އިންޑިއާގެ ކެޕްޓަނަށް މި އެވޯޑު އަރުވާނީ އޭނާގެ ހާލަތު ރަނގަޅުވެ، މުޅިން ހަމަޔަކަށް އެޅުމުން ކަމަށެވެ. އަދި ސްމިޓް މައްޗާރު ދެއްކެވި ކެރިފޯރުންތެރިކަމާއި ޕްރޮފެޝަނަލިޒަމްގެ ސަބަބުން ބޮޑު ކާރިސާއަކުން ސަލާމަތްވިކަން ފާހަގަކޮށް، އޭނާއަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

އިސްރާއީލުގެ އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ހަމަލާދިން ހައްމާމީގެ އަސްލު މަގުސަދަކީ ބޯޓުގެ ކޮންޓްރޯލް އަތުލުމަށްފަހު، ތެލް އަވީވަށް އުދުއްސައިގެން ގޮސް ބޮޑު އިމާރާތަކަށް ބޯޓު ވައްޓާލުމެވެ. ނަމަވެސް ކެޕްޓަން މައްޗާރުގެ ހިތްވަރުގަދަ އަމަލުގެ ސަބަބުން އެ ރޭވުން ވަނީ ނާކާމިޔާބުވެފައެވެ.

އޭގެ ފަހުން ހައްމާމީ ވަނީ ސަހަރާއެއްގެ ތެރެއަށް ބޯޓު ވައްޓާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ބޯޓުގައި އޮފް-ޑިއުޓީގައި ތިބި އެހެން ޕައިލެޓުން ބޯޓުގެ ކޮންޓްރޯލް ނަގައި، ސައޫދީ އަރަބިއްޔާއަށް ބޯޓު ނައްޓާލައި ރައްކާތެރިކަމާއެކު ޖެއްސިއެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކެޕްޓަން މައްޗާރު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު، އޭނާގެ ބޮލުގެ ނާށިގަނޑުގެ ސާޖަރީއެއްވެސް ވަނީ ކޮށްފައެވެ. އޭނާ މިހާރު ފަރުވާ ހޯދަމުންދަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ. އޭނާގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މި ހާދިސާގައި ކޯ-ޕައިލެޓް ކޮންޓްރޯލްކޮށް ބޯޓު ސަލާމަތްކުރުމުގައި ބައިވެރިވި އިސްރާއީލުގެ ފަސް މީހަކަށްވެސް އިސްރާއީލުގެ ރައީސް ވަނީ ހީރޯއިޒަމް އެވޯޑު ދީފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން އެމެރިކާގެ ރައީސް ډޮނަލްޑް ޓްރަމްޕްވެސް ވަނީ ކެޕްޓަން ސްމިޓް މައްޗާރުގެ ހިތްވަރަށް ތައުރީފު ކުރައްވާފައެވެ.