ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނަށް ޙަމަލާނުދޭނެކަމަށް ޓްރަމްޕް ބުނުމުން ތެލުގެ އަގު ކުޑަކޮށް ދަށަށް ގޮސްފި

އީރާނަށް ޙަމަލާނުދޭނެކަމަށް ޓްރަމްޕް ބުނުމުން ތެލުގެ އަގު ކުޑަކޮށް ދަށަށް ގޮސްފި

އަންނަ މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނަށް އަލުން ޙަމަލާދޭން ނުފަށާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރުމާ ގުޅިގެން ކާރުޚާނާތަކުން ނެރޭ ސާމްޕަލް ތެޔޮ ނުވަތަ ބްރެންޓް ކުރޫޑްގެ އަގު ގާތްގަނޑަކަށް 1 އިންސައްތައިން ދަށަށް ގޮސް، ފީފާއެއްގެ އަގު 103 ޑޮލަރަށްވުރެ ތިރިއަށް ގޮސްފިއެވެ.

ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މި ނިންމުން ހާމަކުރުމުގެ ކުރިން، ވިޔަފާރީގެ ކުރީ ދުވަހުގެ ސެޝަންގައި ބްރެންޓް ކުރޫޑްގެ އަގު ވަނީ ގާތްގަނޑަކަށް 4 އިންސައްތަ މައްޗަށް ގޮސްފައެވެ.

ޓްރަމްޕް ބުނެފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމަ ހުއްޓާލުމާ މެދު ނަތީޖާ ނެރެވޭފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ނޮވެމްބަރު 3 ގައި ބާއްވާ އިންތިޚާބުގެ ކުރިން އީރާނަށް ޙަމަލާއެއް ނުދޭނެ ކަމަށެވެ. މީގެއިތުރުން، އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ އުފުލާ 17 އުޅަނދަކާއި އެއާ ގުޅުންހުރި ނެޓްވޯކްތަކަކަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި އިންޖީނުތެލުގެ އަގު އިންތިހާއަށް މައްޗަށް ދާންފެށީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިނގާ ހޯރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުންނެވެ. އަދި ޔަމަނުގެ ހޫޘީން ބާބު އަލްމަންދަބް ކަނޑުއޮޅި ބަންދުކޮށް، ކަނޑުމަގުން ކުރާ ދަތުރުފަތުރަށް ހުރަސްއެޅުމާއެކު މި ޚުޠޫރާތްތެރި ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

އީރާނުގެ މައްޗަށް ކުރިނުލިބި، އަދި ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާއަށް ނުކުޅެދިފައިވާތީ، އެމެރިކާ ސަރުކާރާއި އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީ (އައިއީއޭ) ގެ މެންބަރު ގައުމުތަކުން ދަނީ އިގްތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ ގައުމުތަކުގެ އެސްޓްރެޓީޖިކް ތެޔޮ ރިޒާވްތަކުން ބާޒާރަށް ތެޔޮ ދޫކުރަން ވަނީ ފަށާފައެވެ.

އައިއީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މާރިޗު މަހުން ފެށިގެން މިހާތަނަށް އިމަރޖެންސީ ރިޒާވްތަކުން 325 މިލިއަން ފީފާއަށްވުރެ ގިނަ ތެޔޮ ބާޒާރަށް ވަނީ ނެރެފައެވެ. މިއީ މާރިޗު މަހު އެކުލަވާލި އެއްބަސްވުމުގެ ދަށުން ނެރުމަށް ނިންމި 400 މިލިއަން ފީފާގެ ތެލުގެ ތެރެއިން ބޮޑު ބައެކެވެ. މީގެއިތުރުން ޖީ7 ގެ ގައުމުތަކާއި އައިއީއޭ ގުޅިގެން ޑީސަލްގެ ދަތިކަން ކުޑަކުރުމަށްޓަކައި އިތުރު ރިޒާވްތައް އަވަހަށް ބާޒާރަށް ނެރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.