ލުބުނާނާއި ސޫރިޔާ ގުޅޭ އިން ކައިރިން އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ހަ މީހަކު ޒަޚަމްވެއްޖެ
ލުބުނާނުގެ ހިރުމިލް ސަރަޙައްދުގައި، ސޫރިޔާގެ ބޯޑަރު ކައިރިން އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހުކުރު ދުވަހު ދިން މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ސޫރިޔާގެ ފަސް ރައްޔިތުންނާއި ލުބުނާނުގެ ރައްޔިތަކު ހިމެނޭ އިރު، ސޫރިޔާ މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެއެވެ.
ލުބުނާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އެންއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ މި ޑްރޯން ހަމަލާ އަމާޒުކޮށްފައިވަނީ ދުއްވާފައި ދިޔަ ކާރަކަށެވެ. މީގެއިތުރުން ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޖޫން މަހު އިސްރާއީލާއި ހިޒްބުއްލާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ފަހުން، މި ސަރަޙައްދަކީ މިފަދަ ހަމަލާތަކުން އާންމުކޮށް ރައްކާތެރިވެފައި އޮތް ސަރަޙައްދެކެވެ.
Ads by BMLއިސްރާއީލުގެ ސިފައިން ބުނެފައިވަނީ މި ހަމަލާ އަމާޒުކުރީ އީރާނުގެ ރެޖީމުގެ އަމުރަށް މަސައްކަތްކުރާ ސޫރިޔާގެ "ޓެރަރިސްޓަކަށް" ކަމަށެވެ. އަދި އެ މީހާއަކީ ސޫރިޔާގެ ދެކުނު ސަރަޙައްދުގައި ތިބި އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ރާވައި، ކުރިއަށްގެންދިޔަ މީހެއް ކަމަށްވެސް އިސްރާއީލުން ތުހުމަތުކޮށްފައިވެއެވެ.
ދިގު މުއްދަތަކަށް ސޫރިޔާގައި ވެރިކަން ކުރެއްވި ބައްޝާރު އަލްއަސަދު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަން ވައްޓާލެވުނު ފަހުން، އިސްރާއީލުން އަންނަނީ ސޫރިޔާއަށް އަމާޒުކޮށް ސަތޭކައިން ގުނާލެވޭހާ ގިނަ ހަމަލާތައް ދެމުންނެވެ. އެގޮތުން 1974 ވަނަ އަހަރުން ފެށިގެން ގޯލާންގެ އުސްބިންތަކުގައި އިސްރާއީލާއި ސޫރިޔާގެ ސިފައިން ވަކިކުރުމަށް އދ އިން ބަލަހައްޓަމުން އައި ބަފަރ ޒޯނަށް އިސްރާއީލު ސިފައިން ވަދެފައިވާ އިރު، ސޫރިޔާގެ އެތެރޭގެ ސަރަޙައްދުތަކަށް ބާރުގެ ބޭނުންކޮށްގެން ވަދެ އާންމުން ހައްޔަރުކުރުން ފަދަ އަމަލުތައްވެސް އިސްރާއީލުން ވަނީ ހިންގާފައެވެ.
ހިޒްބުއްލާއާއެކު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުނު ނަމަވެސް، އިސްރާއީލުން އަންނަނީ ލުބުނާނަށްވެސް ހަމަލާތައް ދެމުންނެވެ. އަދި ސޫރިޔާއާއި ލުބުނާނުގެ އިންއިމާޝީ ސަރަޙައްދުތަކުގައި ސެކިއުރިޓީ ޒޯންތައް ހަދައި، އެ ތަންތަނުގައި އިސްރާއީލު ސިފައިން ބައިތިއްބާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
މިދިޔަ މަހު އދގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރައު ވަނީ އިސްރާއީލުން އަމިއްލައަށް ކަންކަން ނިންމައިގެން މަޝްރަޙު ބަދަލުކުރަން ކުރާ މަސައްކަތްތަކަށް ސޫރިޔާއިން ދެކޮޅުހަދާ ކަމަށްވިދާޅުވެފައެވެ. އަދި އިސްރާއީލުގެ އުދުވާންތަކުގެ ސަބަބުން ސުލްހައާއި ސެކިއުރިޓީއަށް ނުރައްކާވަމުންދާ ކަމަށާއި، އިސްރާއީލުން ސޫރިޔާގައި 500 އަށްވުރެ ގިނަ ވައިގެ ހަމަލާދީ، 1،200 އަށްވުރެ ގިނަ ފަހަރު ބޯޑަރު ހުރަސްކޮށް ސޫރިޔާގެ ތެރެއަށް ވަދެ، 300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސޫރިޔާގެ ބިމުން އިސްރާއީލު ސިފައިން ފޭބުމަށާއި، 1974 ވަނަ އަހަރު އދ އިން އެކުލަވާލި ވަކިވެގަތުމުގެ އެއްބަސްވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިޙްތިރާމްކުރުމަށް ސޫރިޔާގެ ރައީސް ވަނީ ގޮވާލައްވާފައެވެ.
Ads by MACL
